ސޮނީ ޓީވީން މިހާރު ގެނެސްދޭ "އިންޑިއަން އައިޑޮލް" ސީޒަން 12 އަށް އަމާޒުވެފައިވާ ފާޑުކިޔުންތައް ގިނަ އެވެ. އޭގެ ބައިވެރިންނަށް ހައްގު ނޫން ތައުރީފުކުރަން މަޖުބޫރުކޮށް، ޝޯ އަށް މެހުމާނުން ގެންނަ ކަމަށް ބުނެ ބައެއް މެހުމާނުން އެ ވާހަކަ ވަރަށް ފާޅުގައި ދައްކާފައިވެ އެވެ. އޭގެ ތެރޭގައި ދާދި ފަހުން އެޕިސޯޑްތަކެއްގައި ބައިވެރިވި އަމިތު ކުމާރު ހިމެނެ އެވެ. އޭނާ ޝޯގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވީ ބައްޕަ އަދި ކުރީގެ މިއުޒިކް ލެޖެންޑް ކިޝޯރު ކުމާރަށް ބައިވެރިން ދިން ޓްރިބިއުޓާ އެކީގަ އެވެ.

އަމިތު ވަނީ ޝޯ އަށް އޭނާ ގެންދިޔައީ ބައިވެރިންނަށް ތައުރީފުކުރުން ނޫން ވާހަކަ ނުދައްކަން އެއްބަސްކުރުވައިގެން ކަމަށް ބުނެ އެތައް ބަޔަކު ސިއްސުވާލައިފަ އެވެ. މި ވާހަކަ ތިލަވުމާ އެކު އެތައް ބައެއްގެ ފާޑުކިޔުންތައް "އިންޑިއަން އައިޑޮލް 12" އަށް އަމާޒުވެފައިވެ އެވެ. އެއާ އެކު ޝޯގެ ޖަޖުން ވެސް ބޭރުކުރަން ގިނަ ބަޔަކު ގޮވާލާފައިވެ އެވެ.

ފާހަގަކޮށްލެވުނު ކަމަކީ މި ހަފުތާގައި ގެނެސްދިން ދެ އެޕިސޯޑުން ވެސް ސީޒަން ފެށި އިރު ތިބި ޖަޖުންގެ ތެރެއިން އެކަކު ވެސް ނެތް ކަމެވެ. އެއީ ވިޝާލް ދަދުލާނީ އާއި ނޭހާ ކައްކަރާއި ހިމޭޝް ރޭޝަމިއާ އެވެ.

މިހާރު "އިންޑިއަން އައިޑޮލް 12" ގެ ޖަޖުންގެ ޕެނެލުން ގިނައިން ފެންނަނީ ކުރިން ޖިންސީ ގޯނާގެ ތުހުމަތުތަކާ އެކު ޝޯ އިން ވަކިކުރި އަނޫ މަލިކެވެ. ހިމޭޝް އަކީ އަނޫގެ ބަދަލުގައި ޝޯއިން ފުރުސަތު ލިބުނު ޖަޖެކެވެ.

އެއީ ވަރަށް އާންމު ކަމެއް. އެކަން ދިޔައީ ތަކުރާރުކޮށް ހިނގަމުން ވެސް. އެކަމަކު އެއީ އަހަރެންގެ އަމިއްލަ ޒަމީރު ގަބޫލުކުރާ ކަމެއް ނޫން. އެހެންވެ އެކަމާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ ހެދި ފަހުން އަހަރެން އައިޑޮލްގައި ހިއްސާނުވާން ނިންމީ: ސުނީދީ

"އިންޑިއަން އައިޑޮލް 12" އަށް އަމާޒުވާ ފާޑުކިޔުންތައް އިތުރުވަމުންދާ އިރު މަޝްހޫރު ލަވަކިޔުންތެރިޔާ ސުނީދީ ޗޯހަން ވެސް ވަނި އައިޑޮލްއާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ. އެ ޝޯގެ ފަހަކާއި ހަ ވަނަ ސީޒަނުގައި ޖަޖްކަންކުރި ހުނަރުވެރި ލަވަކުޔިންތެރިޔާ ބުނި ގޮތުގައި އޭނާ ވެސް "އިންޑިއަން އައިޑޮލް" ދޫކޮށްލީ ބައިވެރިންނަށް ހައްގު ނޫން ތައުރީފުކުރަން ޝޯގެ ޓީމުން ބާރު އަޅައި އެކަމަށް މަޖުބޫރުކުރާތީ އެވެ.

"އެއީ ވަރަށް އާންމު ކަމެއް. އެކަން ދިޔައީ ތަކުރާރުކޮށް ހިނގަމުން ވެސް. އެކަމަކު އެއީ އަހަރެންގެ އަމިއްލަ ޒަމީރު ގަބޫލުކުރާ ކަމެއް ނޫން،" މަޝްހޫރު އެތައް ލަވައެއްގެ އަޑުގެ ވެރިޔާ ބުންޏެވެ. "އެހެންވެ އެކަމާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ ހެދި ފަހުން އަހަރެން އައިޑޮލްގައި ހިއްސާނުވާން ނިންމީ."

ސުނީދީ ބުނި ގޮތުގައި މިހާރު ރިއަލިޓީ އެއްވެސް ޝޯއެއްގައި ބައިވެރިނުވުމަކީ ހިތްހަމަޖެހުމެކެވެ. އަދި އެފަދަ ޝޯއަކަށް ދެން ދުވަހަކު ވެސް އޭނާ އެއްބަސްވުމަކީ ވަރަށް ދުރު ކަމަށް ބުންޏެވެ.

އިންޑިއާގެ އެންމެ ހުނަރު އަދި އެންމެ ކާމިޔާބު އަންހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ސުނީދީ، 37، އަކީ ވެސް ވަރަށް ޅަ އިރު ޓީވީ ޗެނެލަކުން ގެނެސްދިން ލަވަ ޝޯއަކުން ވިދައިލި ފަންނާނެކެވެ. އެއީ ޒީޓީވީގެ "ސާރޭގާމާޕާ" އެވެ.

ފަހުން ސުނީދީ ޖަޖްކަން ކުރި ޓީވީ ޝޯތަކުގެ ތެރޭގައި "ދަ ވޮއިސް" އާއި "ދިލް ހޭ ހިންދުސްތާނީ 2" ހިމެނެ އެވެ.

ސޮނީ ޓީވީން "އިންޑިއަން އައިޑޮލް" ގެނެސްދެނީ 2004 އިން ފެށިގެންނެވެ. މި ޝޯ އަކީ އިނގިރޭސިވިލާތުގެ ފްރެމެންޓަލް މީޑިއާގެ ފްރެންޗައިޒެކެވެ.