ފާތިމާ.
02 ޖޫން 2021 - 06:44
މި ވަގުތު އެއްވެސް ފިލްމެއް ނެތުމުން ހުރީ ހުސްއަތާ ކަމަށް ބަތަލާ ފާތިމާ ސަނާ ޝެއިހް ބުނެފި އެވެ.
މަގުމަތިން އޭނާއާ ނޫސްވެރިންތަކެއް ދިމާވެގެން، ކުރިއަށް ހުރީ ކޮން ޕްރޮޖެކްޓްތަކެއްތޯ ސުވާލުމުން ބުނީ މި ވަގުތު އެއްވެސް ޕްރޮޖެކްޓެއް އަތުގައި ނެތް ކަމަށެވެ. އެކަމަކު، އަރަމުން އަންނަ 29 އަހަރުގެ ބަތަލާ ބުނީ މީގެ ދެ މަސް ކުރިން 2016 ގެ ތަމަޅަ ފިލްމު "އަރުވީ" ގެ ހިންދީ ރިމޭކް ހަދަން އިއުލާންކޮށްފައިވެ އެވެ.
"ކޮވިޑާ ހެދިވެގެން އުޅޭ ގޮތަށް. މި ބަލިމަޑުން އަރައިގަނެވި ކުރިއެކޭ އެއްގޮތަށް ފިލްމީ މަސައްކަތްތައް އަލުން ފެށުމާ އެކު ފުރުސަތުތައް ލިބޭނެ ކަމަށް އުންމީދުކުރަނީ،" ފާތިމާ ބުންޏެވެ.
މިހާރު ބޮލީވުޑްގެ އެންމެ އުންމީދީ ބަތަލާއިންގެ ތެރޭގައި ހިމެނޭ ފާތިމާ އަކީ 2016 ގައި އާމިރު ޚާންގެ "ޑަންގަލް" އިން ބޮލީވުޑަށް ނުކުތް ބަތަލާއެކެވެ. ފާތިމާގެ އެންމެ ފަހުގެ ފިލްމަކީ ދާދި ފަހުން ކަރަން ޖޯހަރްގެ ދަރުމާ އާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދިން އެންތޮލޮޖީ ފިލްމު "އަބީޖް ދާސްތާންސް" އެވެ.
މިދިޔަ އަހަރު ފާތިމާގެ ދެ ފިލްމެއް ރިލީޒްވި އެވެ. އެއީ ނެޓްފްލިކްސް އިން ޕްރީމިއާކުރި އެންތޮލޮޖީ ފިލްމު "ލޫޑޯ" އާއި "ސޫރަޖް ޕޭ މަންގަލް ބާރީ" އެވެ.
ފާތިމާ ވަރަށް ފަހުން އަނިލް ކަޕޫރާއި އޭނާގެ ދަރިފުޅު ހާޝްވަރުދަން ކަޕޫރާ އެކު ފިލްމެއްގެ މަސައްކަތްކުރި އެވެ. އެއީ ރާޖަސްތާނުގައި ޝޫޓްކުރި "ތާރް" އެވެ. އެކަމަކު އެ ފިލްމު އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.
"ޑަންގަލް" އިން ހޯދި ސަމާލުކަމަށް ފަހު ފާތިމާ ކުޅުނު ފިލްމުތަކުގެ ތެރޭގައި އާމިރާއި އަމީތާބް ބައްޗަނާއޮ ކެޓްރީނާއާ އެކު ފެނިގެން ދިޔަ 2018 ގެ "ތަގްސް އޮފް ހިންދުސްތާން" ހިމެނެ އެވެ. "ޑަންގަލް" އިން ލީޑް ބަތަލާއެއްގެ ގޮތުގައި ބޮލީވުޑަށް ނުކުތުުގެ ކުރިން ވަރަށް ކުޑައިރު އެކި އެ ފިލްމުތަކުގައި ފާތިމާ ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި 1997 ގެ "އިޝްގް" އާއި ހަމަ އެ އަހަރުގެ "ޗާޗީ 420" ގެ އިތުރުން 2001 ގެ "ވަން 2 ކާ 4" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް
03 June 2021
ފާތުން ސަނާ ސޭކު ތަ؟
ނޫމާން
02 June 2021
އާދޭ މިގޭ ވަޅުދިޔަ ހިއްކައިދޭން
ސަރުދާރުު
02 June 2021
ހާދަ ހަޑިޔޭ އިންޑިޔާގެ މަގުތަށް