"އޯ މައި ގޯޑް" ގެ މަންޒަރެއްގައި އަކްޝޭ.
04 ޖޫން 2021 - 08:00
ދެހާސް ބާރައިގައި ރިލީޒްކުރި އަކްޝޭ ކުމާރުގެ ކާމިޔާބު ކޮމެޑީ ޑްރާމާ އޯ މައި ގޯޑް (އޯއެމްޖީ) ގެ ސީކްއެލްގެ ޝޫޓިން އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ޕިންކްވިލާ އިން ބުނެފި އެވެ.
އެ ނޫހުން ބުނި ގޮތުގައި އުމޭޝް ޝުކްލާ 2012 ގައި ޑައިރެކްޓްކުރި ފިލްމުގައި ޕަރޭޝް ރާވަލް މުހިއްމު ވެސް ރޯލެއް ކުޅުނު ނަމަވެސް މި ފަހަރު ޕަރޭޝް އާއި އުމޭޝް ވެސް ފިލްމުގައި ބައިވެރިއެއް ނުވެ އެވެ. ޕަރޭޝްގެ ބަދަލުގައި މި ފަހަރު ފިލްމަށް ނަގާފައި ވަނީ ޕަންކަޖް ތުރިޕަތީ އެވެ. އޭނާ އަކީ މި އަހަރުގެ ކުރީކޮޅު އަކްޝޭ ޝޫޓްކުރި ފިލްމު "ބައްޗަން ޕާންޑޭ" ގެ ކާސްޓްގައި ވެސް ހިމެނޭ އެކްޓަރެކެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި ފިލްމުގެ ސްކްރީންޕްލޭ ވެސް މިހާރު ނިންމާލައި ޝޫޓިން ފެށުމަށް ވާން ތައްޔާރީތައް ވަމުން އަންނަ އިރު ވަރަށް އަވަހަށް "އޯ މައި ގޯޑް 2" ހަދާނެ ޑައިރެކްޓަރަކު އިއުލާންކުރާނެ އެވެ. އަދި ތާވަލުކޮށްފައި އޮތީ އިންޑިއާގައި މިހާރު ކޮވިޑް-19 ގެ ހާލަތު އޮތް ގޮތުން ފަސޭހަ އިން ޝޫޓްކުރެވޭ ތަނެއްގައި ޝޫޓްކޮށް އޮކްޓޯބަރުގައި ޝޫޓިން އެއްކޮށް ނިންމާށެވެ.
"އޯ މައި ގޯޑް 2" އަކީ އަކްޝޭގެ ފިލްމު ކުންފުނި ކޭޕް އޮފް ގުޑް ފިލްމްސް އާއި ޕްރޮޑިއުސަަރު އަޝްވިން ވަރުދޭ ގުޅިގެން ހަދާ ފިލްމެކެވެ.
ވަރަށް ތަފާތު ކޮންސެޕްޓަކަށް ގެނެސްދިން "އޯ މައި ގޯޑް" އަކީ އަކްޝޭގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރެއިން އެއް ފިލްމެވެ. އޭގެ ކާސްޓްގައި މަރުވެފައިވާ އެކްޓަރު އޯމް ޕޫރީ އާއި މަހޭޝް މަންޖްރޭކަރާއި މިތުން ޗަކްރަބަތީ އާއި ޕޫޖާ ގުޕްތާ އާއި މުރްލީ ޝަރުމާ އަދި ޓިސްކާ ޗޯޕްޅާ ފަދަ ތަރިން ހިމެނެ އެވެ.
މީގެ ދެވަނަ ބައި އުމޭޝްއާ ނުލައި ގެނެސްދޭ އިރު އޭނާ އެންމެ ފަހުން ގެނެސްދިން ފީޗާ ފިލްމަކީ މަރުވެފައިވާ އެކްޓަރު ރިޝީ ކަޕޫރާއި އަމީތާބް ބައްޗަނާ އެކު 2018 ގައި ގެނެސްދިން "100 ނޮޓް އައުޓް" އެވެ.
ސެޕްޓެމްބަރުގައި "އޯ މައި ގޯޑް 2" ގެ ޝޫޓިން ފަށާ އިރު އަކްޝޭ އެންމެ ފަހުން ޝޫޓިން ފަށާފައި އޮތް ފިލްމަކީ އޭނާ އަށް އެޕްރީލް މަހުގެ ތެރޭގައި ކޮވިޑް ޖެހިގެން މަސައްކަތް މެދުކަނޑާލި "ރާމް ސެތޫ" އެވެ. އަކްޝޭ ޝޫޓިން ފަށަން ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރޭގައި "ރަކްޝާބަންދަން" ވެސް ހިމެނެ އެވެ.
ބޮލީވުޑްގެ އެންމެ ބިޒީ އެކްޓަރުގެ ހަތަރު ފިލްމެއްގެ މަސައްކަތް ނިމި އަދި ރިލީޒްނުވެ އެބައޮތެވެ. އެއީ "ސޫރިޔަވަންޝީ" އާއި "ބެލް ބޮޓަމް" އާއި "އަތުރަންގީ ރޭ" ގެ އިތުރުން "ޕްރިތުވީރާޖް" އެެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy