12 ޖޫން 2021 - 06:56
މިހާރު "ބައިޖާން" އަށް ނަން ބަދަލުކޮށްފައިވާ ސަލްމާން ޚާންގެ ފިލްމު "ކަބީ އީދު ކަބީ ދިވާލީ" އަކީ ކައިވެނީގެ މައްސަލައަކަށް ބިނާކޮށް ހަދާ ސޯޝަލް ކޮމެޑީއެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ސާޖިދު ނަދިއަދުވާ ޕްރޮޑިއުސްކޮށް، ފަރުހާދު ސަމްޖީ ޑައިރެކްޓްކުރާ ފިލްމުގެ މައިގަނޑު ޕްލޮޓް ބިނާވާނީ އެއްބަނޑު އެއްބަފާ ތިން ބެއިންނަށެވެ. އޭގެ ތެރެއިން ދޮއްޓަށް ހުންނަނީ ސަލްމާނެވެ. އެކަމަކު އޭނާ ކައިވެނި ނުކޮށް ހުންނާތީ ހަގަށް ތިބި ދެބެއިން ވެސް ކައިވެނިން މަހުރޫމުވެފައިވާތީ އާއިލާ އާއި މުޖުތަމައު ތެރެއިން ދިމާވާ ހާދިސާތަކެއް ވަރަށް ޝައުގުވެރި އަދި މަޖާކޮށް ފިލްމުގައި ގެނެސްދޭނެ އެވެ.
"ބައިޖާން" ގައި ސަލްމާންގެ ދެބެއިންގެ ރޯލު ކުޅޭނީ ޅިޔަނު އާޔޫޝް ޝަރުމާ އާއި ޒަހީރު އިގްބާލެވެ. ސަލްމާންގެ ކޮއްކޮ އަރްޕިތާ ޚާންގެ ފިރިމީހާ އާޔޫޝް އަކީ ސަލްމާން ޝޫޓިން ނިންމާފައި އޮތް "އަންތިމް: ދަ ފައިނަލް ޓުރުތު" ގައި ވެސް ހިމެނޭ އެކްޓަރެކެވެ.
ޒަހީރަކީ ސަލްމާން 2019 ގައި ޕްރޮޑިއުސްކޮށް ނެރުނު "ނޯޓްބުކް" އިން ބޮލީވުޑަށް ތައާރަފުކުރި އެކްޓަރެކެވެ.
ހަންގާމާ އިން ބުނި ގޮތުގައި "ބައިޖާން" ގެ ޝޫޓިން ފަށާނީ ސަލްމާން މި އަހަރުގެ ކުރީކޮޅު ޝޫޓިން ފަށާފައި އޮތް ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޓައިގާ 3" ގެ މަސައްކަތް ނިންމައިލުމަށް ފަހު އެވެ.
"ބައިޖާން" ގެ ބަތަލާ އަކީ އަލަށް ސަލްމާނާ އެކު ފެންނާނެ ޒުވާން ބަތަލާ ޕޫޖާ ހެގްޅޭ އެވެ. ސަލްމާންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ޑިޝާ ޕަޓާނީއާ އެކު ފެނިގެން ދިޔަ "ރާދޭ: ޔޯ މޯސްޓް ވޯންޓެޑް ބާއީ" އެވެ.
"ބައިޖާން" ކުރިން ފަރުހާދު އެހެން ފިލްމެއް ގެނެސްދޭނެ އެވެ. އެއީ އަކްޝޭ ކުމާރާއި ކްރިތީ ސެނަންގެ އިތުރުން ޖެކްލީން ފެނަންޑޭޒްގެ "ބައްޗަން ޕާންޑޭ" އެވެ. އޭގެ ޝޫޓިން މި އަހަރުގެ ކުރީކޮޅު ވަނީ ނިންމައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy