އަނޫމަޕްގެ އަންހެނުން ކިރަން އަކީ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ މެމްބަރެއް
އަނޫޕަމް.
24 ޖޫން 2021 - 07:14
އެއްވެސް އިރަކު ސިޔާސީ ދާއިރާއަށް ޝައުގުވެރިކަން ނެތް ކަމަށާއި އެހެންވެ ދުވަހަކު ވެސް އެ ދާއިރާ އިން ނުފެންނާނެ ކަމަށް އިންޑިއާގެ ކުޅަދާނަ އެކްޓަރު އަނޫމަޕް ކޭރް ބުނެފި އެވެ.
އަނޫޕަމް، 66، ސިޔާސީ ދާއިރާ އަށް ނުކުންނަން އުޅޭ ވާހަކަ ބައެއް މީޑިއާތަކުން ދައްކާތީ އޭނާ ބުނީ އެއީ ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށެވެ. ދެހާސް ސަތާރައިގައި ބޭއްވި ހިމާޗަލް ޕްރަދޭޝްގެ އެސެމްބްލީ އިލެކްޝަނުގައި ވެސް އަނޫޕަމް ވާދަކުރަން އުޅުނު އަޑުތަކެއް އެރި އެވެ.
"ސިޔާސީ މީހަކާ ބައްދަލުކޮށްފައި ސަލާންކޮށްލާ އިރަށް ބައެއް މީހުން ނިންމާނެ ދެން އެ މީހަކު ފެންނާނީ ސިޔާސީ ދާއިރާ އިން ކަމަށް. އެކަމަކު އަހަންނަކީ ސިޔާސީ ދާއިރާ އިން ފެންނާނެ މީހެއް ނޫން. އެ ދާއިރާގައި މަސައްކަތްކުރާކަށް ޝައުގެއް ވެސް ނެތް،" އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަންސިންގްގެ ރޯލު 2019 ގެ ފިލްމު "ދި އެކްސިޑެންޓަލް ޕްރައިމް މިނިސްޓާ" ގައި ކުޅުނު އަނޫޕަމް ބުންޏެވެ.
އޭނާ ސިޔާސީ ދާއިރާ އަށް ނުކުންނަން އުޅޭކަމުގެ އަޑުތަކެއް އަރާފައި ވަނީ މި ވެރިކަންކުރާ ބީޖޭޕީގެ މެމްބަރެއްގެ ގޮތުގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާގައި ޗަންދީގަޅް ތަމްސީލުކުރާ މެމްބަރު އަދި އަންހެނުން ކިރަން ކޭރް ލޭގެ ކެންސަރަށް ފަރުވާ ހޯދަން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ. ބައެއް މީހުން މިހާރު ދަނީ ކިރަން ބަލިކަމުން މަސްއޫލިއްޔަތު އަދާނުކުރެވޭތީ އޭނާ އިސްތިއުފާ ދޭން ވެސް ގޮވައިލަމުންނެވެ.
ބަތަލާއެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ކިރަން، 69، ކެންސަރަށް ފަރުވާ ހޯދާކަން އާއިލާ އިން އިއުލާންކުރީ މިދިޔަ އެޕްރީލް މަހު އެވެ.
އަނޫޕަމް ބުނި ގޮތުގައި އަންހެނުން ސިޔާސީ ދައިރާގައި މަސައްކަތްކުރުމަކީ އޭނާ ކޮންމެހެން އެ ދާއިރާގައި ހޭކެން ޖެހޭ ސަބަބެއް ނޫނެވެ.
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަމީތާބް ބައްޗަންގެ އަންހެނުން ޖަޔާ ބައްޗަނަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖިއާ ސަބާގައި ސަމާދުވާޖީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި އުއްތަރު ޕްރަދޭޝް ތަމްސީލުކުރާ މެމްބަރެކެވެ. ނަމަވެސް އަމީތާބަކީ ގިނަ ހުށަހެޅުންތަކެއް ލިބުނަސް ސިޔާސީ ދާއިރާ އަށް ޝައުގެއް ދިން މީހެއް ނޫނެވެ.
އިންޑިއާގެ ފިލްމީ ތަރިންގެ ތެރެއިން މިހާތަނަށް އެތައް ބަޔަކު ސިޔާސީ ދާއިރާ އަށް ނުކުމެ ބޮޑެތި ކާމިޔާބޯތައް ވެސް ހޯދާފައިވެ އެވެ.
ސިޔާސީ ދާއިރާ އަށް އަނޫމަޕްގެ އެއްވެސް ޝައުގެއް ނެތް އިރު، އޭނާ އަކީ އިންޑިއާގައި އުފެދުނު އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރެއިން އެކެކެވެ. އަދި އޭނާ އަކީ އިންޑިއާގެ ފިލްމުތަކުގެ އިތުރުން އިންޓަނެޝަނަލް ޕްރޮޖެކްޓަކުގައި މަސައްކަތްކުރާ އިންޑިއާގެ މަދު އެކްޓަރުންގެ ތެރެއިން އެކެކެވެ.
އަނޫޕަމް އެންމެ ފަހުން މަސައްކަތްކުރަމުން ދިޔައީ އެމްބީސީގެ ޑްރާމާ ސިލްސިލާ "ނިއު އެމްސްޓަޑަމް" ގަ އެވެ. އެކަމަކު އަންހެނުން ކެންސަރަށް ފަރުވާ ހޯދަން ޖެހުމާ ގުޅިގެން ގައުމުން ބޭރުގައި މި ދަނޑިވަޅުގައި އުޅެވެން ނެތުމުން އޭނާ ވަނީ އެ ސިލްސިލާ ދޫކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy