26 ޖޫން 2021 - 07:38
ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ އަލީ ފަޒަލް އާއި ރިޗާ ޗައްޑާ މި އަހަރުގެ ފަހުކޮޅު ކައިވެނިކުރަން ތައްޔާރުވާން ފަށައިފި އެވެ.
އެންގޭޖް ވެސް ވެފައިވާ ދެ ތަރިންގެ ކައިވެނީގެ ހަފުލާ ބާއްވަން އުޅުނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވަ. ނަމަވެސް އެ ދުވަސްވަރު ކޮވިޑް-19 ހާލަތު ގޯސްވެގެން އެ އަހަރުގެ ފަހުކޮޅަށް ކައިވެނި ފަސްކުރި އެވެ. އެކަމަކު މުޅި އަހަރު އެއްކޮށްހެން ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އުޅެން ޖެހުމުން މި އަހަރަށް ކައިވެނި ފަސްކޮށް، މިހާރު ނިންމާފައި އޮތީ އަހަރު ނިމުމުގެ ކުރިން ކައިވެނީގެ ހަފުލާ ބާއްވާށެވެ.
ރިޗާ ބުނީ އިންޑިއާ އަނެއްކާ ވެސް ކޮވިޑްގެ ތިން ވަނަ ރާޅަކާ ދިމާއަށްދާނެ ކަމަށް ބެލެވޭތީ ކައިވެނީގެ ހަފުލާ ބާއްވާނެ ސީދާ ދުވަހެއް ނިންމާނީ ކޮވިޑްގެ ހާލަތަށް އަންނަ ބަދަލުތަކަށް ބެލުމަށް ފަހު ކަމަށެވެ.
"އަހަރެމެން ބޭނުން ވަނީ ދެ ފަރާތުގެ އާއިލާ އާއި ވީހާ ވެސް ގިނަ ރައްޓެހިންނަށް ވެސް ބައިވެރިވެވޭ ގޮތަށް ވަރަށް ކުލަގަދަކޮށް ކައިވެނީ ހަފުލާ ބާއްވަން. އެހެންވީމަ އެކަހަލަ ސިޗްއޭޝަނެއްގެ އިންތިޒާރު މި ތިބެނީ،" އޭނާ ބުންޏެވެ. "ވަރަށް އުންމީދުކުރެވޭ މި އަހަރުގެ ފަހުކޮޅު ކައިވެނީގެ ހަފުލާ ބޭއްވޭނެ ކަމަށް."
އެކީގައި ފިލްމުތަކެއް ވެސް ކުޅެފައިވާ ރިޗާ އަށް އަލީ ޕްރޮޕޯޒްކުރީ 2018 ގައި ރާއްޖެ އަށް ކުރި ޗުއްޓީ ދަތުރުގެ ތެރޭގަ އެވެ.
ކައިވެންޏަށް ތައްޔާރުވަމުން އަންނަ އިރު ،ދެ ތަރިން އެކީގައި ފެންނަ "ފުކްރޭ" ސީރީޒްގެ ތިން ވަނަ ފިލްމުގެ މަސައްކަތް ވެސް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މި އަހަރުގެ ކުރީކޮޅު އަލީ އާއި ރިޗާ އަމިއްލަ ފިލްމު ކުންފުންޏެއް ޕުޝިން ބަޓަންސް ސްޓޫޑިއޯސްގެ ނަމުގައި އުފައްދާފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy