މުނިފޫހިފިލުވުން

މޮޅު ފިލްމުތަކަކަށް ފަހު ފަރުހާންގެ ހިލަމެއް ނުވޭ

ފިލްމެއް ދެން ޑައިރެކްޓްކުރާނެ އިރަކާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނަން ނޭނގޭ ކަމަށާއި އެކަމަކު އެކަން ދޫކޮށްނުލާ ކަމަށް ބޮލީވުޑްގެ މަޝްހޫރު ފަންނާނު ފަރުހާން އަޚްތަރު ބުނެފި އެވެ.

އޭނާ އާންމުންގެ ތެރޭގައި މަޝްހޫރުވީ 2001 ގެ "ދިލް ޗާތާ ހޭ" ޑައިރެކްޓްކޮށްގެންނެވެ. އޭގެ ފަހުން ފަރުހާން ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ޑޮން" ގެ ދެ ފިލްމާއި "ލަކްޝް" ހިމެނެ އެވެ. ބޮލީވުޑްގެ ފަންނާނުންގެ ތެރެއިން ފަރުހާން އަބަދު ވެސް ފާހަގަކުރެވެނީ "މަލްޓި-ޓާސްކިން" ފަންނާނެއްގެ ގޮތުގަ އެވެ. އޭނާ އަކީ ޑައިރެކްޓަރެއް، ޕްރޮޑިއުސަރެއް، އެކްޓަރެއް، ސްކްރީން ރައިޓަރެއް އަދި ލަވަކިޔުންތެރިއެކެވެ.

ފިލްމު ކުޅެން ފެށި ފަހުން، ޑައިރެކްޝަނަށް ވުރެ ބޮޑަށް ފަރުހާން، 47، ގެ ފޯކަސް ހުއްޓިފައި ވަނީ އެކްޓިންއަށެވެ. އޭނާ ކުޅުނު ފުރަތަމަ ފިލްމަކީ 2008 ގެ "ރޮކް އޯން" އެވެ. އޭގެ ފަހުން ފަރުހާން އެކްޓިން ދައްކައިލި ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ޒިންދަގީ ނާ މިލޭދީ ދުބާރާ" އާއި "ވަޒީރު" އާއި "ބާގް މިލްކާ ބާގް" އަދި "ދިލް ދަޅަކް ނޭ ދޯ" ހިމެނެ އެވެ.

ފަރުހާންގެ ކުރިއަށް އޮތް ފިލްމު "ތޫފާން" މި މަހުގެ 16 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރާތީ އޭގެ ޕްރޮމޯޝަންގެ ތެރެއިން ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ދެން ފިލްމެއް ޑައިރެކްޓްކުރާނެ އިރަކާ ބެހޭ ގޮތުން ކުރާ ސުވާލުތައް ގިނަ ކަމަށެވެ. އެކަމަކު މި ވަ ވަގުތު ޑައިރެކްޝަނަށް ވުރެ ބޮޑަށް ފޯކަސްކުރަން ޖެހޭ އެހެން ކަންކަން އެބަހުރި ކަމަށް ބުންޏެވެ.

"އެންމެ ގިނައިން އަހާ ސުވާލަކީ ކޮން އިރަކުންހޭ ޑޮން ތިނެއް ޑައިރެކްޓްކުރަނީ. ދެން ދިލް ޗާތާ ހޭގެ ސީކްއެލްގެ ވާހަކަ ވެސް އަހާ،" އޭނާ ބުންޏެވެ. "އެކަމަކު މި ވަގުތު ޑައިރެކްޝަނަކާ ބެހޭ ގޮތުން ވާހަކަ ދައްކާކަށް ތައްޔާރެއް ވެސް ނޫން. އެކަމަކު އަހަރެން އެކަން ދޫކޮށެއް ނުލަން. ފޯކަސްކުރަން ޖެހޭ އެހެން ކަންކަން އެބަހުރި. އެހެންވީމާ ތަންކޮޅެއް ފަހުން ފިލްމެއް ޑައިރެކްޓްކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކާނަން."

ފަރުހާންގެ އެންމެ ފަހުގެ ޑައިރެކްޝަނަކީ 2011 ގެ "ޑޮން 2" އެވެ. އޭގެ ފަހުން "ޑޮން 3" އާ ބެހޭ ވާހަކަތައް ވަރަށް ގިނައިން މީޑިއާތަކުގައި ދެކެވިފައިވެ އެވެ.

ނަމަވެސް ފަރުޚާންގެ ޕިންކްވިލާގެ އިންޓަވިއު އިން ޔަގީންވި ކަމަކީ އަވަހަކަށް އޭނާ ފިލްމެއް ޑައިރެކްޓްކުރަން ތައްޔާރު ނޫންކަމެވެ. ފަރުހާނަކީ އަމިއްލަ ސްޓޫޑިއޯއެއް ވެސް ޕްރޮޑިއުސަރު ރިތޭޝް ސިދުވާނީއާ ގުޅިގެން ހިންގާ މީހެކެވެ.

ކާމިޔާބު އެތައް ފިލްމަކާއި ވެބް ސީރިޒްތަކެއް ގެނެސްދީފައިވާ އެ ސްޓޫޑިއޯގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ފިލްމު "ފޯން ބޫތު" އާއި "ޔުދުރާ" ގެ އިތުރުން ޑޮކިއުމަންޓަރީ "އެންގްރީ ޔަންގް މެން" އާއި މި މަހުގެ ފަހުކޮޅު ނެޓްފްލިކްސްއިން ސްޓްރީމްކުރަން ފަށާ ވެބް ސީރީޒް "ފީލްސް ލައިކް އިޝްގް" ހިމެނެ އެވެ.

ނެޓްފްލިކްސްއާ ގުޅިގެން ހަދާ "އެންގްރީ ޔަންގް މެން" ޑޮކިއުމަންޓަރީ އަކީ ކުރީގެ ދެ ސްކްރީން ރައިޓަރުންގެ ގޮތުގައި މަޝްހޫރުކަން ހޯދި ފަރުހާންގެ ބައްޕަ އަދި ޅެންވެރިޔާ ޖާވިދު އަޚްތަރާއި ސަލްމާން ޚާންގެ ބައްޕަ ސަލީމް ޚާންގެ ވާހަކަ ކިޔައިދޭ އެއްޗެކެވެ.

ވަރަށް އަވަހަށް ހޮލީވުޑްގެ މާވެލް ސްޓޫޑިއޯގެ އުފެއްދުމަކުން ފަރުހާން ފެންނާނެ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454