16 ސެޕްޓެމްބަރ 2021 - 07:13
ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ޝާހްރުކް ޚާނާ އެކީ ފިލްމެއް ހަދަން ތައްޔާރީތައްވަމުން އަންނަ އިރު އެކަމާ ދޭތެރޭ ހިރާނީ ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ކަމަށް ބުނެ އޭނާގެ ބައެއް ފޭނުން ސޯޝަލް މީޑިއާގައި މީމްތަކެއް ދައުރުކުރަން ފަށައިފި އެވެ.
ފޭނުން ބުނެފައިވާ ގޮތުގައި ޝާހްރުކަކީ މިހާރު އޭނާގެ ޒަމާން ގޮސްފައިވާ އެކްޓަރެކެވެ. އެހެންވެ އޭނާއާ އެކު ފިލްމެއް ހަދައިގެން އެ ފްލޮޕްވުން ނޫން ކަމެއް ނުވާނެ ކަމަށާއި ކެރިއަރުގައި އެފަދަ ލައްގަނޑެއް ޖައްސަން ބޭނުން ނޫން ނަމަ އޮތް ނަސޭހަތަކީ ޝާހްރުކާ އެކީ ފިލްމެއް ނުހެދުން ކަމަށް ބުނެފައިވެ އެވެ.
ހިރާނީގެ ފޭނުން ފާހަގަކޮށްފައިވާ ގޮތުގައި ޑައިރެކްޓަރުގެ ޓްރެކް ރެކޯޑަށް ބަލާ އިރު މުޅިން ވެސް ހުރީ މޮޅެތި އަދި އެހާމެ ކާމިޔާބު ފިލްމުތަކެވެ. އޭނާ ޑައިރެކްޓްކުރި ފިލްމަކުތަކަކީ 2003 ގެ "މުންނާބާއީ އެމްބީބީއެސް" އާއި އޭގެ ސީކްއެލް 2006 ގެ "ލަގޭ ރަހޯ މުންނާބާއީ" އާއި 2009 ގެ "3 އިޑިޓްސް" އާއި 2014 ގެ "ޕީކޭ" ގެ އިތުރުން 2018 "ސަންޖޫ" އެވެ.
ފޭނުން ބުނެފައިވާ ގޮތުގައި އެ މީހުންނަކީ ހިރާނީގެ ސިނަމާ ދެކެ ވަރަށް ލޯބިވާ ބައެކެވެ. އެހެންވެ ޝާހްރުކާ އެކީ ފިލްމެއް ހަދައިގެން ކެރިއަރު ހަރާބުނުކުރަން އެދޭ ކަމަށް ބުނެފައިވެ އެވެ. އެ މީހުން ފާހަގަކޮށްފައިވާ ގޮތުގައި މި ފަހުން ރިލީޒްކުރި ޝާހްރުކްގެ ހުރިހާ ފިލްމުތަކަކީ ވެސް ބޮޑެތި ފްލޮޕްތަކެވެ. އެހެންވެ މިހާރު ބެލުންތެރިން ގަޔާނުވާ އެކްޓަރަކު ލައިގެން ފިލްމެއް ހަދަން ވަގުތު ބޭކާރުކުރުމުގެ ބަދަލުގައި އެހެން އެކްޓަރަކު ހޯދަންވީ އެވެ.
ޝާހްރުކްގެ އެންމެ ފަހުގެ ފިލްމަކީ ބޮކްސް އޮފީހުގައި "ސުމަކުން ދިޔަ" ޑައިރެކްޓަރު އާނަންދު އެލް ރާއީގެ 2018 ގެ "ޒީރޯ" އެވެ. މި ފަހުން އޭނާ ކުޅުނު އިތުރު ފިލްމުތަކަކީ ޑައިރެކްޓަރު އިމްތިއާޒް އަލީގެ 2017 ގެ "ޖަބް ހެރީ މެޓް ސޭޖަލް" އާއި އެ އަހަރުގެ "ރައީސް" ގެ އިތުރުން މަނީޝް ޝަރުމާގެ 2016 ގެ "ފޭން" އެވެ.
މި ހުރިހާ ފިލްމުތަކަކީ ވެސް ޝާހްރުކްގެ ކެރިއަރުގެ އެންމެ ނާކާމިޔާބު ފިލްމުތަކެވެ. އެކަމަކު ފާހަގަކޮށްކަށްލަން ޖެހޭ ކަމަކީ ހިންދީ ސިނަމާގެ އެންމެ ބޮޑެތި ބްލޮކްބަސްޓާތައް ވެސް އޭނާގެ ފިލްމޮގްރަފީގެ ތެރޭގައި ހިމެނޭކަމެވެ.
ޝާހްރުކާ އެކީ ހިރާނީ ހަދާ ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. މި ފިލްމަކީ ޝާހްރުކްގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އިން ޕްރޮޑިއުސް ވެސް ކުރާ އެއްޗެކެވެ.
ދާދި ފަހުން ސްކްރިޕްޓްގެ ފައިނަލް ޑްރާފްޓް ވެސް އެއްކޮށް ނިންމައިލި އަދި ވަކި ނަމެއް ދީފައި ނުވާ މި ފިލްމަކީ އިންޑިއާގެ ޕަންޖާބުން އެމެރިކާ އަށް ހިޖުރަކުރަން އުޅޭ މީހަކަށް ދިމާވާ ގޮންޖެހުންތައް ދައްކުވައިދޭނެ ސޯޝަލް ކޮމެޑީއެކެވެ. ސްކްރީންޕްލޭ ލިޔެފައި ވަނީ ހިރާނީ އާއި ކަނިކާ ދިލަން އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގެ ބަތަލާ އަކީ ޝާހްރުކާ އެކީ އަލަށް މަސައްކަތްކުރާ ތާޕްސީ ޕައްނޫ އެވެ.
ޝާހްރުކް މިހާރު އަންނަނީ ދެ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. އެއީ ޑައިރެކްޓަރު ސިދާތު އާނަންދުގެ "ޕަތާން" އާއި ތަމަޅަ ޑައިރެކްޓަރު އެޓްލީގެ "ޖަވާން" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy