ކާޖޮލްގެ އެންމެ ފަހުގެ ފިލްމަކީ ޖެނުއަރީގައި ނެޓްފްލިކްސް އިން ގެނެސްދިން "ތުރިބާންގާ"
ކާޖޮލް.
08 އޮކްޓޯބަރ 2021 - 06:40
މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ކާޖޮލް އާ ފިލްމަކަށް ސޮއިކޮށްފި އެވެ.
މި އަހަރުގެ ކުރީކޮޅު ނެޓްފްލިކްސް އިން ގެނެސްދިން "ތުރިބަންގާ" އަށް ފަހު، ކާޖޮލް ސޮއިކުރި ފިލްމަކީ އަނެއްކާ ވެސް ހަމަ ބަތަލާ އަކު ޑައިރެކްޓްކުރާ ފިލްމެކެވެ. ސަލްމާން ޚާނާ އެކު 1991 "ލަވް" ކުޅުނު ބަތަލާ ރިވަތީ ޑައިރެކްޓްކުރާ ފިލްމުގެ ނަމަކީ "ދަ ލާސްޓް ހުރާ" އެވެ.
މީގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، މިއީ ހަގީގީ ހާދިސާއަކަށް ބިނާކޮށް ހަދާ އެއްޗެކެވެ. އެކަމަކު ފިލްމާ ބެހޭ އިތުރު ތަފުސީލުތަކެއް އަދި ހާމައެއް ނުކުރެ އެވެ. މިއަށް ސޮއިކުރި ވާހަކަ އިންސްޓަގްރާމްގައި ރިވަތީއާ އެކު ނަގާފައިވާ ފޮޓޯއަކާ އެކު ކާޖޮލް ބުނީ ފިލްމަށް ސޮއިކުރީ އޭގެ ވާހަކަ ކަމުދިޔަލެއް ބޮޑުކަމުން ކަމަށެވެ.
މި އަހަރުގެ ޖެނުއަރީގައި ނެޓްފްލިކްސް އިން ގެނެސްދިން "ތުރިބަންގާ" އަކީ ސަލްމާނާއި މަދޫރީ ޑިކްސިޓްގެ "ހަމް އާޕް ކޭ ހޭ ކޯން" ގައި މުހިއްމު ރޯލެއް ކުޅުނު ބަތަލާ ރެނޫކާ ސަހާނޭ ޑައިރެކްޓްކުރި ފެމިލީ ޑްރާމާއެކެވެ.
އެ ފިލްމުގެ ފަހުން ކާޖޮލް ދެން ކުޅޭނެ ފިލްމަކަށް "ދަ ލާސްޓް ހުރާ" އަށް ސޮއިކުރި އިރު، އޭނާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރު ފިރިމީހާ އަޖޭ ދޭވްގަނާ އެކު ތާރީހީ ހަނގުރާމަ ފިލްމު "ތާނާޖީ: ދި އަންސަންގް ވޮރިއާ" އިންނެވެ.
ކާޖޮލް، 47، އަކީ ހިންދީ ސިނަމާގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ އެތައް ފިލްމެއްގެ ބަތަލާ އެވެ. އޭގެ ތެރޭގައި ބާޒީގަރް، ދިލްވާލޭ ދުލްހަނިޔާ ލޭޖޭއޭގާ (ޑީޑީއެލްޖޭ)، ކުޗް ކުޗް ހޯތާ ހޭ، ޕިޔާރު ތޯ ހޯނާ ހީތާ، ދިލް ކިޔާ ކަރޭ، ކަބީ ޚުޝީ ކަބީ ޢަމް އަދި ފަނާ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy