ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދައިފައި ހުންނަ ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައި އޮތް އޮތުން ވަގުތީ ގޮތުން އުވާލީ އޭގެ ބަދަލުގައި ކަރުދާސް ހޮޅި ބޭނުން ކުރުމުގައި ހުރި ދަތިތަކާ ހެދި ކަމަށް އެންވަޔަރުމެންޓް މިނިސްޓްރީން ބުނެފި އެވެ.
ކުނި މެނޭޖްކުރުމުގެ ގާނޫނުގައިވާ ގޮތުން ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން، ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ، ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު އެކި މަރުހަލާތަކަށް ބަހައިލައިގެން ކަނޑައެޅުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ދީފައި އޮވެ އެވެ.
އެ ގަރާރުގައި 14 ބާވަތެއް ސިންގަލް-ޔޫސް ޕްލާސްޓިކު ކަމުގައި ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި، 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ފިޔަވައި އެހެން ހުރިހާ ބާވަތެއް މިހާރު ވަނީ ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި އަދި ބާޒާރަށް ނެރުން މަނާކޮށްފަ އެވެ.
ނަމަވެސް، އެ ގަރާރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އިސްލާހު ގެންނަވައި، ތިން ބާވަތެއް އެތެރެކުރަން މަނާވެފައި އޮތް އޮތުން ވަނީ ބަދަލުކުރައްވައިފަ އެވެ. އެއީ ޕްލާސްޓިކް ހޮޅި އާއި އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި، 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނެވެ.
އަދި 500 މިލިލީޓަރުގެ ބަދަލުގައި 250 މިލިލީޓަރަށް ވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ، ތައްޔާރީ ބުއިންތައް މަނާކުރަން ވެސް ވަނީ ނިންމައިފަ އެވެ.
މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މި ބަދަލު ގެނައީ ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން ގެންގުޅޭ ދުރުރާސްތާ ސިޔާސަތުތައް ދަމަހައްޓަވަމުން، މިހާރު އަމަލުކުރަމުންދާ އުސޫލުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވަމުންދާ ދަތިތަކަށް އަމަލީ އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށެވެ.
ޕްލާސްޓިކް ހޮޅީގެ ބަދަލުގައި ބޭނުންކުރާ ކަރުދާސް ހޮޅި ބޭނުންކުރުމުގައި ފޫދި ފެނަށް ގިރި، ބޭނުން ކުރުމުގައި ދަތިތަކެއް ކުރިމަތިވާ އެއްޗެއް ކަމުގައި އެ ބޭނުން ކުރާ ފަރާތްތަކުން ފާހަގަކުރަމުންދާ ކަމަށާއި އަދި މިފަދަ ހޮޅި އުފެއްދުމުގައި ހޮޅީގެ އެތެރޭގައި ޕްލާސްޓިކް ފަށަލައެއް ލެވި އަދި ތެރަސް ބޭނުންކޮށްފައި ހުރުމުން މިފަދަ ހޮޅި ބޭނުންކޮށްފައި އެއްލާލުމުން މައިކްރޯ ޕްލާސްޓިކް އުފެދުމަށް ފުރުސަތު ބޮޑުކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެހެންވެ ޕްލާސްޓިކް ހޮޅީގެ ބަދަލުގައި އެކަށީގެންވާ ފެންވަރު ރަނގަޅު އަދި ތިމާވެއްޓާ ރައްޓެހި ބަދަލެއް ބާޒާރަށް ނެރެ ތައާރަފުކުރުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން ޕްލާސްޓިކް ހޮޅި މަނާކުރުމަށް ކަނޑައަޅާފައިވާ ތާރީހުތަކަށް ބަދަލު ގެނައީ ކަމަށް ބުންޏެވެ.
ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން 2022 ވަނަ އަހަރުން ނިންމާފައި އޮތް އޮތުން ސަސްޕެންޑްކޮށް އެ ބާވަތް މަނާކުރުމުގެ އާ ތާރީހެއްގެ ގޮތުގައި މިހާރު އޮތީ ޖޫން 2031 އެވެ.
އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި، 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުމަށް ކަނޑައެޅި ތާރީހު ތިން ފަހަރެއްގެ މަތިން ފަސްކޮށްފައިވެ އެވެ.
އެކަމަކު، މިއަދާ ހަމައަށް ވެސް ބައެއް ރަށްރަށުގައި ފެނުގެ ނިޒާމު ގާއިމުކުރެވިފައި ނުވާތީ އާއި ސާފު ބޯފެނުގެ ނިޒާމު ގާއިމުކޮށްފައިވާ ބައެއް ރަށްރަށުގައި ވެސް އެކަށީގެންވާ ގޮތެއްގައި ފެނުގެ ހިދުމަތް ފޯރުކޮށްނުދެވޭތީ، ރައްޔިތުން ސާފު ބޯފެނަށް މައިގަނޑު ގޮތެއްގައި އަދިވެސް ބަރޯސާވަނީ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނަށް މިނިސްޓްރީން ބުންޏެވެ.
އެހެންވެ މި ބާވަތުގެ ފެން އެތެރެކުރުމާއި އުފެއްދުމާއި އަދި ބާޒާރަށް ނެރުން މި ދަނޑިވަޅުގައި މަނާކޮށްފި ނަމަ، ރައްޔިތުންނަށް ސާފު ބޯފެން ލިބުމުގައި ބޮޑެތި ދަތިތަކަކާއި ބުރަ ތަކުލީފުތަކަކާ ކުރިމަތިލާންޖެހިދާނެ ކަމަށް ވަނީ ބެލެވިފައިވާ ކަމަށް ބަޔާނުގައިވެ އެވެ. މި ބާވަތް މަނާކުރުމުގެ އާ ތާރީހަކީ ޑިސެމްބަރު 2029 އެވެ.
މިނިސްޓްރީން ބުނީ 500 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކޮށްފައި އޮތުމުގެ ސަބަބުން، ރާއްޖެއަށް އެތެރެކުރާ ބައެއް ތައްޔާރީ ބުއިންތައް އެތެރެކުރުމުގައި ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. މިފަދަ ބުއިންތަކުގެ ތެރޭ ވަކީން ހާއްސަކޮށް އެތްލީޓުން ބޭނުންކުރާ ބުއިންތަކާއި ކުޑަ ކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައި ހުންނަ ބުއިންތައްވެސް ހިމެނޭ ކަމަށެވެ.
އެހެންވެ ރާއްޖެއަކީ މިފަދަ ތައްޔާރީ ބުއިންތައް އުފައްދާ ގައުމަކަށް ނުވާތީ ރާއްޖެ ބަރޯސާވާން ޖެހިފައިވަނީ ބޭރުގެ އުފެއްދުންތަކަށް ކަމަށް ވާއިރު ރާއްޖޭގެ މާކެޓަށް ހާއްސަކޮށްގެން އެ ފަރާތްތަކުގެ ޕްރޮޑަކްޝަން ލައިންތައް ބަދަލުކޮށް މިފަދަ ބުއިންތައް އުފެއްދުމަކީ ނާދިރުކަމެއް ކަމުގައި ގަބޫލުކުރަން ޖެހޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިކަމުގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި މާލީ އަދި އޮޕަރޭޝަނަލް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާތީ ހައްލެއް ހޯދައި ދިނުމުގެ މަގުސަދުގައި މަނާކުރެވޭ މިންގަނޑު ވަނީ 500 މިލިލީޓަރުން 250 މިލިލީޓަރަށް ބަދަލުކޮށްފަ އެވެ.