ޕޮގްބާ އާއި ރޮނާލްޑޯ
18 ޖޫން 2021 - 14:21
ބުޑަޕެސްޓް (ޖޫން 18) - ޔޫރޯގައި ކުޅޭ އެންމެ ނުފޫޒު ގަދަ ދެ ކުޅުންތެރިން އެއްފަރާތްކުރި ސްޕޮންސަރުންގެ ބްރޭންޑްތައް ހިމާޔާތްކޮށްދޭން ޔޫއެފާ އިން ތެދުވެއްޖެ ވެއްޖެ އެވެ.
މިދިޔަ އާދިއްތަ ދުވަހު ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޕްރީ މެޗު ޕްރެސް ކޮންފަރެންސަށް ހާޒިރުވެ އޭނާގެ ކުރިމަތީގައި ހުރި ކޯކް ފުޅިތައް އެއްފަރާތްކޮށްފަ އެވެ. ޖެހިގެން އައި ދުވަހު ފްރާންސްގެ މީޑްފީލްޑަރު ޕޯލް ޕޮގްބާ ވަނީ މުބާރާގެ އެއް ސްޕޮންސާ ކަމަށްވާ "ހައިނެކެން" ބްރޭންޑްގެ ބިޔަރު ފުޅި ނަގައިފަ އެވެ. ބުދަ ދުވަހު އިޓަލީގެ މެނައުލް ލޮކަޓެލީ ވެސް ވަނީ ކޯކް ފުޅި ނަގައި ފެންފުޅި މޭޒުމަތީގައި ބަހައްޓައިފަ އެވެ.
ސްޕޮންސަރުންގެ ހިމާޔަތުގައި ޔުއެފާ އިން މި ނުކުތީ، ސްޕޯޓްސް މާކެޓިން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ފާޑު ކިޔަން ފެށުމުންނެވެ. ޔޫއެފާގެ ޔޫރޯގެ ޓޯނަމަންޓް ޑައިރެކްޓާ މާޓީން ކާލަން ވިދާޅުވީ، ޔޫރޯގެ ޓީމުތަކާއި ޕާޓްނާޝިޕްވެފައިވާ އެންމެންނަކީ ފުޓްބޯޅަ އަށް ޓަކައި މަސައްކަތް ކުރަން ޖެހޭނެ ބައެއްކަން އެއްބަސްވުމުގައި އޮންނާނެ ކަމަށެވެ.
މުބާރާތުގައި ވާދަކުރާ ޓީމުތަކާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން، ކުޅުންތެރިންނަށް އޭގެ ފިޔަވަޅެއް ނާޅާނެ ކަމަށާއި ފިޔަވަޅު އަޅާނީ ގައުމުތަކުގެ އެފްއޭއާ މެދު ކަމަށް އޭނާ ވިދާޅުވި އެވެ.
"ޔޫއެފާގެ ޕާޓްނަރުންނާ ގުޅޭ ކަންކަމުގައި ޔޫއެފާ އިން ސީދާކޮށް ކުޅުންތެރިޔަކާމެދު ފިޔަވަޅެއް ނާޅާނެ. ޔޫއެފާ އިން ދާނީ ގައުމުތަކުގެ އެސޯސިއޭޝަން މެދުވެރިކޮށް، ދެން އެ އެސޯސިއޭޝަނަކުން އެ ކުޅުންތެރިޔަކާ މެދު ފިޔަވަޅު އަޅާނީ،" ކާލަން ވިދާޅުވި އެވެ.
ޔޫރޯގެ ދަނޑުން ބޭރުން ހިނގާ އެންމެ ފޯރިގަދަ ކަމަކަށް މިހާރު ވެފައި އޮތީ މި ދެ ކުޅުންތެރިން އަމަލު ކުރި ގޮތެވެ. ރޮނާލްޑޯ ކޯކްފުޅި ދުރަށްލުމުން އެކަމަށް ރަޝިއާގެ ކޯޗު ސްޓަނިސްލާވް ޗެރިޝޭސޮވް ޖަވާބު ދިނީ އެހެން ގޮތަކަށެވެ. ޕްރެސް ކޮންފަރެންސަށް ހާޒިރުވެ މޭޒުމަތީގައި ހުރި ކޯކްފުޅިން ކޯވަރެއް ކެމެރާ ކުރިމަތީގައި އޭނާ ވަނީ ބޯލައިފަ އެވެ.
ރޮނާލްޑް އާއި ޕޮގްބާގެ އަމަލުތަކާ ހެދި، އެ ދެ ކުންފުނީގެ ނަން "ހުތުރު" ވެފައިވީއިރު ވެސް، އެ ދެ ކުންފުނީގެ ހިމާޔަތުގައި ޔޫއެފާ އިން ބަސް ނުބުނާތީ ސްޕޯޓްސް މާކެޓިންގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ވަނީ ޔޫއެފާ އަށް ފާޑު ކިޔައިފަ އެވެ. ކުންފުނިތައް ޔޫރޯގައި ސްޕޮންސާ ކުރަނީ މުބާރާތުގެ ކުރިން އެތައް މިލިއަން ޑޮލަރެއް ޔޫއެފާ އަށް ޕްރިވިލެޖްގެ ގޮތުގައި ދިނުމަށް ފަހު އެވެ.
އެހެންވެ ކުންފުނިތަކުގެ ހިމާޔަތުގައި ޔޫއެފާ އިން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ސްޕޯޓްސް މާކެޓިން އެކްސްޕާޓް ޓިމް ކްރޯ ބުންޏެވެ.
"ކޯކް އަދި ޔޫއެފާ ވެސް ތިބޭނީ އެކަމާ ރުޅި އައިސްފައި،" ކޮކާކޯލާ ކުންފުނީގެ އެޑްވައިޒަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރި، ކްރޯ ދި އެތުލެޓިކް ނޫހަށް ބުނެފައި ވެއެވެ.
"ހަގީގަތަކީ ގައުމުތަކުގެ އެފްއާ އި ކުޅުންތެރިންގެ މެދުގައި އެއްބަސްވުމެއް ހަދާނެ ޕްރެސް ކޮންފަރެންސްތަކަށް ހާޒިރުވުމާމެދު އެތަނުގެ ވަށައިގެން ސްޕޮންސަރުންގެ ބްރޭންޑްތައް ހިމެނޭނެކަން ވެސް ކުޅުންތެރިންނަށް އެނގޭނެ. ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ ގިނަ ބަޔަކު ފޮލޯ ކުރާ ކުޅުންތެރިޔާގެ ފަރާތުން އެކަން ފެނުމަކީ އެންމެ ރަނގަޅު ކަމަކަށް ނުވާނެ."
އެހެންނަމަވެސް ރޮނާލްޑޯ އާއި ޕޮގްބާ އާ މެދު ފިޔަވަޅެއް އަޅަން ޔޫއެފާ އިން ނިންމާނެ ކަމަކަށް ނުބެލެވެ އެވެ.
ޔޫރޯ ފަށައިގެން ހަފުތާއެއް ވީއރު އެންމެ ބޮޑު ނާކާމިޔާބެއް ކުރިމަތިލާން ޖެހުނީ މުބާރާތުގެ މެއިން ސްޕޮންސަރުންނަށެވެ. މިއީ ޔޫއެފާ އަށް ބަލައިގަންނަން ފަސޭހަ ކަމަކަށް ނުވެދާނެ އެވެ.
ސްޕޯޓްސް ސޮޕޮންސާޝިޕަށް ކޮންސަލްޓެންސީ ދޭ ކުންފުންޏެއް ކަމަށްވާ އެސްޕީއެސްޖީ ގެ ސީއީއީ ކާލޯސް ކާންޓޯ ސްޕެއިންގެ ކުޅިވަރު ނޫސް "މާކާ" އަށް ބުނީ، ރޮނާލްޑޯ އާއި ޕޮގްބާގެ ކިބައިން މިފެނުނުފަދަ ކަމެއް، އެމެރިކާގެ ޕްރިމިއަމް ދެ ލީގު ކަމަށް ކަމަށްވާ އެންއެފްއެލް އަދި އެންބީއޭގެ ކުޅުންތެރިޔެއްގެ ފަރާތުން ފެނުނުނަމަ ކުޅުންތެރިންނާ ދެކޮޅަށް އެ ދެ ލީގުން ފިޔަވަޅު އަޅާނެ ކަމަށެވެ.
ސީއޭ ސްޕޯޓްސް މާކެޓިންގެ ފައުންޑާ ސިންޓޯ އަރްޔާމް ބުނީ ރޮނާލްޑޯގެ ފަރާތުން ފެނުނު ކަންތަކުން އެކަން ވަރަށް ބޮޑަށް ފުޅާވެގެން ދާނެ ކަމަށެވެ.
"މައްސަލައަކީ ކްރިސްޓިއާނޯ ރޮނާލްޑޯއެއް ނޫން. މައްސަލައަކަށް ވަނީ ކްރިސްޓިއާނޯ ކުރި ކަންތައް،" އަރްޔާމް ބުންޏެވެ. އެކަމާ ފިޔަވަޅެއް ނޭޅޭނަމަ ގްރީޒްމަން ނުވަތަ ސާޖިއޯ ބުސްކެޓް ނުކުރާނެކަމެއް ކިހިނަކުން އެނގެނީ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮކާ ކޯލާ
19 June 2021
ހަޖަމެއް ނުވި ދޯ.
އޮނަރަބްލް އަފީފު ދީދީ
18 June 2021
ކޯލާ އާއި އެކިފާޑުފާޑުގެ އެނާރޖީ އަދި ފިޒީ ޑްރިންކްސް އާއިމެދު ދުނިޔޭގެ ގިނަބަޔަކުދަނީ ނުރުހުމުގެ އެތައްކަމެއް ހިންގާ މފަދަ ބުއިންތަކާއި ދެކޮޅަށް ފާޅުގައި ކެމްޕޭން ކުރަމުން. # މަޝްހޫރު ނެސްލޭ ކުންފުނީގެ އުފެއްދުމެއް ކަމުގައިވާ މައިލޯ ޑްރިންކްސް އަކީ ކުޑަކުދިން ބޯން ހެޔޮވާވަރު އެއްޗެއް ނޫންކަމަށް ރާއްޖެއަށް މިއުފެއްދުން އެތެރެކުރާ ސިލޯނުގެ ޕްރައިމް މިނިސްޓަރ ވެސް ވަނީ ގޮވާލާފައި. އެކަމަކު ރާއްޖޭގައި މައިލޯ ވިއްކަނީ ސަރުކާރުގެ ރުހުމާއިއެކުގައި.
މޮހިތު
21 June 2021
ރަނގަޅު ވާހަކައެއް! އެކަމަކު ތިބޭފުޅާ އަށް ޔޫރޯ ޓީވީން ބެލުނީ ކޯކް އަދި ހެނިކަން ޔޫރޯ ސްޕޮންސާ ކުރީމަ! ކީއްވެތޯ ހެލްދީ ޑްރިންކްސް މާކެޓްކުރާ މީހުން ޔޫރޯ ސްޕޮންސާ ނުކުރަނީ؟ އެއީ އަދިވެސް އަހަރެމެން ގިނަމީހުން ބޮނީ މަކަހަލަ ޑްރިންކްސް!