ކާނާގެ ރަހަ މީރުކުރަން އަޅާ ސޯއީ ސޯސް އާއި ވިނިގާ އާއި ޗިކެން ސްޓޮކް ފަދަ ތަކެތި އުފެއްދުމުގައި އިންސާނުންނަށް ނުރައްކާވާ ފަދަ މާއްދާތައް ބޭނުންކޮށް އަދި މަޝްހޫރު ބްރޭންޑް ނަންތައް ބޭނުންކޮށްގެން އެ ތަކެތި ވިއްކާ މައްސަލާގައި ޗައިނާގެ 50 ކުންފުންޏެއްގެ މައްސަލަ ބަލަން ފަށައިފި އެވެ.

ޗައިނާގެ ކަމާބެހޭ އިދާރާތަކުން މި މައްސަލަ ބަލަން ފަށާފައި މި ވަނީ ސިނާއީ މަސައްކަތްތަކުގައި ބޭނުންކުރާ ލޮނު ފަދަ ތަކެތި އަޅައިގެން، ކާބޯތަކެތި އުފައްދާކަން "ބެއިޖިން ނިއުސް" އިން ފަޅާއަރުވާލުމާ އެކުގަ އެވެ.

ބެއިޖިން ނިއުސް އިން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި ސޯއީ ސޯސް އާއި ވިނިގާ ފަދަ ތަކެތި އުފައްދާއިރު ބައެއް ފެކްޓަރީތަކުން ދަނީ އިންޑަސްޓްރިއަލް ސޯލްޓްގެ އިތުރުން ވެސް އިންސާނުން ކާން ރައްކާތެރި ނޫން މާއްދާތައް ބޭނުންކުރަމުންނެވެ.

ސިއްހަތަށް ނުރައްކާވާ ފަދަ މާއްދާތައް ބޭނުންކޮށްގެން އުފައްދާ މި ތަކެތި ވިއްކަނީ މިފަދަ ބާވަތްތައް އުފައްދާ އެންމެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ މަގީ، ނޯރް އަދި ނެސްލޭގެ ނަމުގައި ކަމަށް ވެސް ބެއިޖިން ނިއުސް އިން ބުންޏެވެ.

ކާނާގެ ރަހަ މީރުކުރަން އަޅާ ތަކެތީގެ ފޭކް އުފައްދާ ކުންފުންޏެއްގައި އުފައްދާފައި ހުރި ބައެއް ތަކެތި
ކާނާގެ ރަހަ މީރުކުރަން އަޅާ ތަކެތީގެ ފޭކް އުފައްދާ ކުންފުންޏެއްގައި އުފައްދާފައި ހުރި ބައެއް ތަކެތި

ޓިއާންޖިން ސިޓީގައި ހިންގާ ކާރުހާނާތަކެއްގައި އުފައްދާ މި ތަކެތީގެ މައްސަލަ މީޑިއާގައި ހާމަކުރުމާ އެކު އެ ތަންތަނަށް ޗައިނާ ސަރުކާރުން ވަނީ އޮފިޝަލުން ފޮނުވައިފަ އެވެ. ޗައިނާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (ސީއެފްޑީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ. ބެއިޖިން ނިއުސް އިން ބުނީ ފޭކް ތަކެތި އުފައްދާ ކާރުހާނާތައް ފާސް ނުކުރާތާ މިހާރު ދިހަ ވަރަކަށް އަހަރުވެއްޖެ ކަމަށެވެ. އަދި މި ކާރުހާނާތަކުން އަހަރަކު 14.5 މިލިއަން ޑޮލަރުގެ ތަކެތި ވިއްކާ ކަމަށްވެ އެވެ.

ކާނާގެ ރަހަ މީރުކުރަން އަޅާ ތަކެތީގެ ފޭކް އުފައްދާ ކުންފުންޏެއްގައި އެތެރެ ހުރި ގޮތް
ކާނާގެ ރަހަ މީރުކުރަން އަޅާ ތަކެތީގެ ފޭކް އުފައްދާ ކުންފުންޏެއްގައި އެތެރެ ހުރި ގޮތް

ބެއިޖިން ނިއުސްގެ ރިޕޯޓަރުންނާއި ފުލުހުން މި ފެކްޓަރީތަކަށް ދިޔައީ މީހަކު ދިން މައުލޫމާތަކާ ގުޅިގެންނެވެ. ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ތަކެތި އުފައްދަނީ ވަރަށް މުޑުދާރު ތަންތަނުގައި އެއްވެސް ރައްކާތެރި ކަމެއް ނެތް ގޮތަކަށެވެ.

ފޭކް ތަކެތި އުފެއްދުމުގެ މައްސަލަ ބޮޑު ޗައިނާގައި 2008 ވަނަ އަހަރު ވަނީ ކުޑަކުދިންނަށް ހާއްސަ ކާނާގެ އެކި ބާވަތްތައް ނުރައްކާތެރި ކެމިކަލް ބޭނުންކޮށްގެން އުފައްދައި ވިއްކުމުގެ ސަބަބުން 300،000 އަށް ވުރެ ގިނަ ކުދިން ބަލިވެ ހަ ކުއްޖަކު މަރުވެފަ އެވެ.