ފަރުހާން އަކްތަރުގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އެކްސެލް އެންޓަޓެއިންމަންޓުން ގެނެސްދޭ ކްރައިމް ތުރިލާ ސީރީޒް "ބޮންބައި މޭރީ ޖާން" އަންނަ މަހު 14 ގައި ސްޓްރީމް ކުރަން ފަށަން ނިންމައިފި އެވެ.
އެ ސީރީޒް ސްޓްރީމިން އަށް ދޫކޮށްލާ ތާރީހު އިއުލާންކުރީ އިއްޔެ އެވެ.
މި ސީރީޒް ޑައިރެކްޓުކުރަނީ 2006 ގައި ނެރުނު ބޮލީވުޑްގެ ފިލްމު "ރަންގު ދެ ބަސަންތީ" އާއި ޑައިލް 100"ގެ ސްކްރީންރައިޓަރު ރެންސިލް ޑި ސިލްވާ އާއި މި އަހަރު ނުކުތް "ދަ އަންޑަބަގް"ގެ ޑައިރެކްޓަރު ޝުޖާތު ސައުދާގަރެވެ. އެމީހުންނަކީ މި ސީރީޒްގެ ކްރިއޭޓަރުން ވެސް މެ އެވެ.
މި 10 އެޕިސޯޑުގެ ސީރީޒަކީ އިންޑިއާގެ ކުރީގެ އިންވެސްޓިގޭޓިވް ޖާނަލިސްޓް، ސައިދު ހުސެއިން ޒައިދީގެ ވާހަކައަކަށް ގެނެސްދޭ ސީރީޒެކެވެ. އެ ވާހަކައިގައި ކިޔައިދެނީ އިންޑިއާ މިނިވަން ވިތާ މާ ގިނަ ދުވަސްތަކެއް ނުވެ، ޒުވާނަކު ކުށުގެ ވެއްޓަށް ހުށަހެޅި ބޮޑު ކުށްވެރިއަކަށް ވާ ގޮތެވެ. ނުވަތަ ބޮންބޭގެ އަންޑަވޯލްޑް އުފެދިގެން އައި ދުވަސްވަރު ހިނގާ ކަންތައްގަނޑެކެވެ.
މި ކްރައިމް ތުރިލާގެ މުހިންމު ރޯލުތަކުން ފެންނާނީ ކޭ ކޭ މެނަން، އަވިނާޝް ތިވާރީ، ކްރިތިކާ ކަމްރާ، ނިވެދިތާ ބަޓަޗާރިޔާ އަދި އަމީރާ ދަސްތޫރެވެ.
މި ސީރީޒް ބެލޭނީ އެމެޒަން ޕްރައިމް ވީޑިއޯ އިންނެވެ.