އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ދަތުރު ކުރަމުން ދިޔަ 623.23 ފޫޓުގެ ބިޔަ އާގު ބޯޓު ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) އަށް ވަނީ މި މަހު 17 ވަނަ ދުވަހުގެ ރޭ 10:26 ގައެވެ. ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ "ނެވިއޯ އަމަރީލިސް" ނަމަކަށް ކިޔާ މި ބަލްކް ކެރިއާ، ކާށިދޫ ކަނޑު މެދަށް ހުއްޓި، ފަރަށް އެރުމުގެ ހާދިސާ ހިނގުމުގައި ސުވާލު އުފެދޭ ކަންކަމާއި ބޮޑެތި އިހުމާލުތަކެއް އެބަހުއްޓެވެ!
"މިހާރު" އަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ބޯޓުގެ އިންޖީނު ހުއްޓުނީ 18 ވަނަ ދުވަހުގެ މެންދުރު 1:30 ހާއިރެވެ. އޭރު އޮތީ މާލެ އަތޮޅުގައި އޮންނަ ގުދުރަތީ ގޮތުން ރީތި، އަދި ހިމާޔަތް ކޮށްފައިވާ ރަސްފަރި އާ 17 ނޯޓިކަލް މޭލު ދުރުގަ އެވެ.
އެހާ ހިސާބުން އޮޔާ ގެންގޮސް ބޯޓު ފަރަށް އެރީ އޭގެ އަނެއް ދުވަހު ހެނދުނު 6:30 ވާން އުޅެނިކޮށެވެ. އެހެންވެ އެ ބޯޓު ފަރަށް އެރީ އިންޖީނުގެ ތިން ވަނަ ޔުނިޓް ހޫނު ގަދަވެގެން ހުއްޓުނުތާ 17 ގަޑިއިރު ފަހުންނެވެ!
އެ ހުރިހާ ވަގުތެއް ކަނޑުމަތީގައި ހޭދަވިއިރު ބޯޓުގައި ތިބި 19 ފަޅުވެރިންގެ ތެރެއިން އެކަކު ވެސް ކޯސްޓުގާޑަކަށް ނުވަތަ މި ރީޖަންގެ ކަމާބެހޭ އެއްވެސް ފަރާތަކަށް ނާންގަ އެވެ. އަދި އޭގެ އަނެއް ދުވަހު ބޯޓު ގޮސް ފަރަށް އެރުމުން ވެސް ރިޕޯޓެއް ނުކުރެ އެވެ. މީގެ އިތުރުން ފަރަށް އެރިޔަ ނުދިނުމަށް ކުރަން ޖެހޭ އެއްވެސް ކަމެއް ނުކޮށް، ތިބީ ބަލަހައްޓައިގެންނެވެ!
"އުޅަނދު ފަރުން ސަލާމަތް ކުރުމަށް ކެޕްޓަން ކުރަން ޖެހޭ ކަންކަން ނުކުރޭ. [ބޯޓު ހުއްޓުނު] މައްސަލަ ޖެހިފައިވާ ކަން ކޯސްޓަލް ސްޓޭންޑަށް އަންގައިފައެއް ނުވޭ. ކެޕްޓަންގެ ހައިސިއްޔަތުން އަޅަން ޖެހޭ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވޭ. ހާއްސަކޮށް ނަގިލި ލުން ފަދަ ކަންކަން ކޮށްފައެއް ނުވޭ. އަދި އެހީއަށް ވެސް އެދިފައެއް ނުވޭ،" އެ މައްސަލާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހައްމާދު އަބްދުލް ގަނީ ވިދާޅުވި އެވެ.
ހުއްޓުނުކަން އެނގޭ ވަރަށް ރާޑަރުތައް ރެޑީއެއް ނޫން!
ބޭރުން އައި ބޯޓެއް ރާއްޖޭގެ ކަނޑުގައި ހުއްޓިފައި 17 ގަޑިއިރު ވީ އިރު ވެސް ކޯސްޓުގާޑަކަށް ނޭނގެ އެވެ. ބޯޓު ރަސްފަރި ފަރަށް އަރާފައި އެ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނައީ އެ ސަރަހައްދުން ދަތުރު ކުރި އާންމުންތަކަކަށް ފެނިގެންނެވެ.
ކޯސްޓުގާޑުގެ ކޮމާންޑަރު ކާނަލް މުހައްމަދު ސަލީމް މިއަދު ވިދާޅުވި ގޮތުގައި އެފަދަ އުޅަނދުފަހަރު މޮނިޓާ ކުރަނީ "ބޭސިކް ޓްރެކިން"އެއް ގޮތުގަ އެވެ. މާނައަކީ އެ އުޅަނދު ރާއްޖޭގެ ސަރަހައްދަށް ވަންނައިރު ޓްރެކް ކުރި ނަމަވެސް އިތުރަށް ހާއްސަ ނަޒަރަކުން ނުބަލާނެ އެވެ.
އެއްވެސް އިންޓެލިޖަންސް އިދާރާއަކުން ދީފައިވާ މައުލޫމާތަކާ ގުޅިގެން ރެޑް ފެލެގެއް ވެސް މި އުޅަނދުން ފާހަގަ ކުރެވިފައި ނުވާތީ "އެކްޓިވް ޓްރެކް" ނުކުރާ ކަމަށް ސަލީމް ވިދާޅުވި އެވެ. އެހެންވެ އެއްވެސް ކަމެއް ދިމާވެއްޖެ ނަމަ އެލާޓެއް ނާޅަ އެވެ. އަދި ބަލަން ޖެހޭނީ މެނުއަލް ކޮށެވެ.
"މި ހާދިސާގައި އަޅުގަނޑުމެންނަށް ބޭސިކް ޓްރެކިން އަށް ދެވިފައި މިއިނީ ވައިޓް ޝިޕިން އެއްޗަކަށް ވެފައި އެއްވެސް ރެޑް ފްލެގެއް ނޫޅޭތީ. އާންމުކޮށް ވެސް ޓްރާންސީޓް ޕެސެޖަކުން މި އުޅަނދު ދަތުރު ކުރާތީ،" ސަލީމް ވިދާޅުވި އެވެ.
ރާއްޖޭގެ ކަނޑުން ދުއްވާފައި ދާ އެފަދަ އުޅަނދެއްގެ ސްޕީޑު މަޑުވިޔަސް ނުވަތަ ހުއްޓުނަސް އޮޓަމެޓިކުން އެނގޭ ފަދަ ސޮފްޓްވެއާތައް ވެސް އެބަހުރި ކަމަށް ސަލީމް "މިހާރު" އަށް ވިދާޅުވި އެވެ. ނަމަވެސް އެ ބޭނުން ކުރެވޭނީ ރާޑަރުތައް ގުޅާލައި އޭގެ މަސައްކަތް ފަށައިގަނެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކާށިދޫގައި ރާޑާ ސިސްޓަމެއް އިންނާނެ. ލ. އަތޮޅު އަދި ގއ. އަތޮޅުގައި ވެސް ރާޑާ ސިސްޓަމެއް އިންނާނެ. ކޮވިޑާ ގުޅިގެން ގުޅާލެވިފައެއް ނެތް، އެ ނޫން ނަމަ ސްޕީޑު މަޑުވިޔަސް ހުއްޓުނަސް އަޅުގަނޑުމެންނަށް އެނގޭނެ،" ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވި ގޮތުގައި ބޯޓު ފަރަށް ހުއްޓުމުންނާއި އޮޔާ ދާތީ އަދި ފަރަށް އެރީމަ ވެސް ރިޕޯޓް ނުކުރި މައްސަލާގައި މިހާތަނަށް ޝައްކު ކުރެވޭ ފަދަ އެއްވެސް ކަމެއް އަދި ނުފެނެ އެވެ. ނަމަވެސް ބޯޓު ފުން ކުރެވުނުހާ އަވަހަކަށް އިތުރަށް ތަހުގީގުކޮށް އެ މައްސަލަތައް ކަމާބެހޭ ފަރާތްތަކުން ބަލާނެ އެވެ.
މުޅި ވެށި މަރު ނުވީ ހަމަ ކިރިޔާ!
ބޯޓު ފަރަށް އެރިކަން އެނގުނު ހިސާބުން ސިފައިންނާއި، އެންވަޔަރަމަންޓް މިނިސްޓްރީ، ޓްރާންސްޕޯޓް މިނިސްޓްރީ އަދި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖަންސީ ވަގުތުން އެލާޓަށް އައެވެ. އަދި ތެޔޮ ލީކުވުން ފަދަ ކަމެއް ހިނގިޔަ ނުދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން ވަނީ ފަށައިފަ އެވެ.
ނަސީބަކުން ބޯޓުގައި އެއްވެސް މުދަލެއް އަދި ތެލެއް ވެސް ނެތް ކަން އީޕީއޭގެ ޑިރެކްޓަރު ރިއްފަތު ނައީމް "މިހާރު" އަށް ވިދާޅުވި އެވެ. އޭގައި ހުރީ ބޯޓު ދުއްވަން ބޭނުންވާ 1200 ޓަނުގެ ތެޔޮ އަދި ޑީސެލް އެވެ. އެހެން ނަމަވެސް ނުރައްކާ ކުޑައެއް ނުވާ ކަމަށާއި ފުން ބޯޓަށް ގެއްލުންވެއްޖެ ނަމަ ތެޔޮ ލީކުވެ މުޅި ވެށި އެކީ މަރުވެ މަސްތައް މައްޗަށް އަރައި ބޮޑެތި ގެއްލުން ވާދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ލީކޭޖެއް ވެފަ އޭތި ކޮންޓެއިން ނުކުރެވިއްޖިއްޔާ މި ސަރަހައްދުގެ އޮއެވަރާ ދިމާވެގެން ރަށްރަށަށް ލައްގާނެ އަދި ބޮޑެތި ގެއްލުން ވާނެ. އޭރުން ސްރީލަންކާގެ ކަންތަކާއި މޮރިޝަސްގައި ވީ ކަހަލަ ކަންކަން ދިމާވާނެ. ޑޮލްފިން އާއި އެކި މަސްތައް މަރުވެގެން އަރާތަން ފެންނާނީ. އެކަން ވިޔަ ނުދޭން ހުރިހާ ކަމެއް ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޯޓު ފުން ކުރެވޭ ހިސާބުން ތިމާވެއްޓަށް ލިބިފައި ހުރީ ކިހާވަރެއްގެ ގެއްލުމެއްތޯ ބެލުމުގެ މަސައްކަތް ފަށާނެ އެވެ. އަދި އެ ހުރިހާ ކަމަކަށް ބަލާފައި ޖޫރިމަނާ ކޮށް އެ ކުންފުނި އަތުން ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދާނެ އެވެ.
ބުދަ ދުވަހު ބޯޓު ފުން ކުރާނަން
ރާއްޖޭގައި ބޭރުގެ އުޅަނދުފަހަރު ވަރަށް ގިނައިން ދަތުރު ރޫޓުތައް އޮންނައިރު، މިފަދަ ހާދިސާއެއް ހިނގައިފި ނަމަ އެކަމުން ސަލާމަތްވުމަށް ބޭނުންވާ އެއްވެސް ވަސީލަތެއް ނެތެވެ. އެންވަރަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަސީރު ވިދާޅުވި ގޮތުގައި އޮއިލް ސްޕިލް ދިމާވެދާނެ ކަމަށްޓަކައި ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ހުރިހާ އެއްޗެއް ދުބާއީ އަދި މޮރިޝަސް އިން މިހާރު ވަނީ އެތެރެކޮށްފަ އެވެ.
އޭގެ އިތުރުން ބޯޓު ފުން ކުރުމަށް ދަމަން ބޭނުން ކުރާ ހުރިހާ ގިއާތައް ވެސް ބޯޓު ތެރޭގައި އަޅާ ނިންމާފައިވާ ކަމަށް ނަސީރު ވިދާޅުވި އެވެ. އަދި އޮއިލް ޕޮލިއުޝަންއަކުން ސަލާމަތްވުމަށްޓަކައި ބޯޓުގައި ހުރި 1200 ޓަނު ތެޔޮ މަތީ ޓޭންކުތަކަށް އުފުލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭގެ މާނައަކީ ބޯޓު ފަޅައިގެން ދިޔަ ކަމުގައިވީ ނަމަވެސް ބޯޓުގެ މަތީ ޓޭންކުތަކަށް ތެޔޮ ބަދަލު ކުރީމަ ލިބޭ ގެއްލުން ވަރަށް ބޮޑަށް ކުޑަ ކުރެވިގެން ދާނެ. އެބައިތައް މިހާރުން ފެށިގެން ކުރިއަށް މިގެންދަނީ،" ނަސީރު ވިދާޅުވި އެވެ.
ބޯޓު ފުން ކުރުމުގެ މަސައްކަތް އަންނަ ބުދަ ދުވަހު ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މަސައްކަތް 24 ގަޑިއިރު ކުރިން ނިންމާލެވޭނެ އެވެ.
ނުރައްކާތެރި ހާދިސާއެއް ދިމާވެދާނެ ކަމަށްޓަކައި ރާއްޖެއިން ބޭރުން ދެ ޓަގު ވަނީ ގެނެސްފަ އެވެ. ބޯޓަށް ކަމެއް ދިމާވެއްޖިއްޔާ ޓަގު ބޭނުންކޮށްގެން ވަގުތުން ބޭރު ކޮށްލަން ކަމާބެހޭ ފަރާތްތައް ތިބީ ތައްޔާރަށެވެ. ނަމަވެސް އެކަން ނުފަށާ މަޑުކޮށްގެން ތިބީ ރައްކާތެރި ހިސާބަކަށް ތެޔޮ ގެންދެވެންދެން ކަމަށް ނަސީރު ވިދާޅުވި އެވެ.
"މިސާލަކަށް މޫސުން ގޯސްވެގެން ނުވަތަ ނުރައްކާތެރި ކަމެއް ދިމާވެދާނެ ކަމަށް އަޅުގަނޑުމެންނަށް ބެލެވޭ ހިސާބުން އަޅުގަނޑުމެން ޓަގުޖަހާފައި ބޯޓު އެތަނުން ދުރުކޮށްލާނަން،" އޭނާ ވިދާޅުވި އެވެ.