ފީފާ މެންބަރު ހުރިހާ ގައުމަކަށް ހުޅުވާލައިގެން މުޅިން އަލަށް ބާއްވާ 15 އަހަރުންދަށުގެ ވޯލްޑް ކަޕް އަދި ފެސްޓިވަލްގައި ރާއްޖޭގެ ޓީމުން އެންގުއިލާއާ 3-3 އެއްވަރުކޮށް ފީފާގެ ވޯލްޑް ކަޕެއްގައި ފުރަތަމަ ޕޮއިންޓް ހޯދައިފި އެވެ.

ކެރީބިއަންގެ ކުޑަކުޑަ ގައުމު  އެންގުއިލާއާ، ރާއްޖޭން އެއްވަރު ކުރީ ފަހަތުން އަރައި ޖެހި ލަނޑުތަކުންނެވެ. 

އަޒަރުބައިޖާންގެ ބާކޫގައި ކުރިއަށްދާ ފެސްޓިވަލް އަދި މުބާރާތުގައި އިއްޔެ ކުޅުނު މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އެންގުއިލާގެ ޖޭކޮބް ފްލެމިންގް އަދި ސްޕޯންޑެލް ޕޮގްސަން ޖެހި ލަނޑުތަކާ އެކު އެ ޓީމުން ތިން ލަނޑުގެ ލީޑެއް ނެގި އެވެ. 

ޔޫތު ފުޓްބޯޅައިގެ ތަޖުރިބާކާރު ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ގެ އިރުޝާދުގެ ދަށުން ކުޅެމުންދާ މުބާރާތުގައި ދިވެހި ޓީމު ޖެހި ފުރަތަމަ ލަނޑު އެންގުއިލާ ކޮޅަށް ޖަހައި ދިނީ އިބްރާހިމް އިޔާސް ބިން ހަސަނެވެ. ދިވެހި ޓީމުގެ ދެވަނަ ލަނޑު ޖެހީ ޔޫސުފް ލާއިގް އިބްރާހިމެވެ. ނަތީޖާ ހަމަހަމަކޮށް ދިން ލަނޑު ޖަހައި ދިނީ މިކާ މުހައްމަދު ކަލީމެވެ. 

އެއްފަހަރާ ކޮންމެ ޓީމެއްގައި އަށް ކުޅުންތެރިން ކުޅޭ ފޯމެޓަށް ކުރިއަށްދާ ފެސްޓިވަލްގައި ރާއްޖެ ލައްވާލީ ވެސް ވަރުގަދަ ގުރޫޕެއްގަ އެވެ.   ރާއްޖޭގެ ޓީމުން މުބާރާތް ފެށީ ދެކުނު އެފްރިކާ އަތުން 8-0 އިން ބަލިވެގެންނެވެ. އަދި އޭގެ ފަހުން ޔޫރަޕުގެ ވަރުގަދަ ފްރާންސް އަތުން 6-0 އިން ބަލިވި އެވެ. ކޮސޯވޯ އަދި އެސްޓޯނިއާއާ ދެކޮޅަށްވެސް ވަނީ ވަރުގަދަ މެޗުތަކެއް ކުޅެފާ އެވެ.

ފީފާ 15 އަހަރުންދަށުގެ ވޯލްޑް ކަޕް އަދި ފެސްޓިވަލުގައި ވާދަކުރާ ރާއްޖޭގެ 15 އަހަރުންދަށުގެ ޓީމުގެ ސްކޮޑްގެ ކުޅުންތެރިންނާއި އޮފިޝަލުން --- ފޮޓޯ: އެފްއޭއެމް
ފީފާ 15 އަހަރުންދަށުގެ ވޯލްޑް ކަޕް އަދި ފެސްޓިވަލުގައި ވާދަކުރާ ރާއްޖޭގެ 15 އަހަރުންދަށުގެ ޓީމުގެ ސްކޮޑްގެ ކުޅުންތެރިންނާއި އޮފިޝަލުން --- ފޮޓޯ: އެފްއޭއެމް

އިއްޔެ އެސްޓޯނިއާއާ ދެކޮޅަށް ކުޅުނު މެޗުން ދިވެހި ޓީމު ބަލިވީ 3-1 ންނެވެ.

"މި މުބާރާތުގެ ސަބަބުން އަހަރެމެންގެ ޒުވާން ކުޅުންތެރިންނަށް ދުނިޔޭގެ އެންމެ މޮޅު ޒުވާން ހުނަރުވެރިންނާ ވާދަކޮށް، އެ ކުޅުންތެރިންގެ ކިބައިން ކަންކަން ދަސްކުރުމުގެ ފުރުސަތެއް ލިބިގެން ގޮސްފި. މިއީ ތަޖުރިބާ ހޯދުމާއި، މުޅި އުމުރަށް ހަނދާނުގައި ހުންނާނެ ފަދަ ހަނދާންތަކެއް އުފެއްދުމަށް ލިބުނު ފުރުސަތެއް،" 15 އަހަރުންދަށުގެ ޓީމުން ވޯލްޑް ކަޕްގައި ކުރަމުންދާ ތަޖުރިބާކާތަކާ މެދު، ސޯޝަލް މީޑިއާގައި އެފްއޭއެމުން ކުރި ޕޯސްޓްގައި ބުނެފައިވެ އެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިފެސްޓިވަލަކީ ފީފާގެ މެމްބަރު ގައުމުތަކށް ބައިނަލްއަގުވާމީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ މުބާރާތެކެވެ. ޖުމުލަ 189 ގައުމުން ވާދަކުރާ ފެސްޓިވަލުގައި ފީފާގެ ވޯލްޑް ކަޕް މުބާރާތެއްގައި މުޅިން އަލަށް ވާދަކުރާ 78 ގައުމެއް ވެސް ހިމެނެ އެވެ. 

ގްރޫޕް އޭ ގެ ކޮލިފައިން ބުރު ނިމުމާ އެކު، ރާއްޖޭގެ ޓީމު ދެން ވާދަކުރާނީ މުބާރާތުގެ ޓިއާ އީ ގައެވެ. އެ ބުރުގައި ރާއްޖެއާ އެއް ފެންވަރެއްގެ ގައުމުތަކާ ދެކޮޅަށް ކުޅެ ތަޖުރިބާހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.