ރާއްޖޭގައި މެރިކަލްޗާ ސިނާއަތް ފުޅާކުރުމަށް އިތުރު 10 ސަރަހައްދެއް ކަނޑައަޅައި އެކަން ފިޝަރީޒް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފާނަ އާލާކުރަން ބޮޑު ސަރަހައްދެއް ކަނޑައަޅައި، މެރިކަލްޗާ ހަތަރު ޒޯނެއްގައި ތަރައްގީކުރަން 2024 ވަނަ އަހަރު ސަރުކާރުން އޮތީ ނިންމައިފަ އެވެ.

ފިޝަރީޒް މިނިސްޓްރީން އޭރު ނިންމާފައި ވަނީ ހދ. އާއި ށ. އަތޮޅާއި ރ. އަތޮޅާއި މ. އަތޮޅާއި ތ. އަތޮޅުގައި މެރިކަލްޗާ ޒޯނު ތަރައްގީ ކުރުމަށެވެ.

މިނިސްޓްރީން މިއަދު އިއުލާނުކުރި އިތުރު ސަރަހައްދުތަކަކީ ތ. އަތޮޅުގެ ދެ ޒޯނަކާއި މ. އަތޮޅުގެ ތިން ޒޯނަކާއި ފ. އަތޮޅުގެ ދެ ޒޯނާއި ދ. އަތޮޅުގެ ދެ ޒޯނުގެ އިތުރުން ގދ. އަތޮޅުގެ ޒޯނެކެވެ.

ރައީސް އޮފީހުން ކުރިން ބުނެފައި ވަނީ މެރިކަލްޗާގެ ވިޔަފާރިތައް ގާއިމްކުރަން ހެޗަރީތައް ހަދައި ހެޗަރީގައި އުފައްދާ ބާވަތްތައް މޫދުގެ މާހައުލުގައި ބޮޑުކުރުމަށް ފޮރިން އިންވެސްޓްމަންޓް ހިމެނޭ ގޮތަށް އާންމުކޮށް ހުޅުވާލާނެ ކަމަށެވެ.

މެރިކަލްޗާ އާލާކުރުމަށް ކަނޑައަޅާ ޒޯނުތައް ކުއްޔަށް ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތަކެއް ވެސް ކަނޑައަޅާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފަ އެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ މާލެ އަތޮޅު ދެކުނުން ވާދޫ ކަނޑުއޮޅިން ފެށިގެން ގާތްގަނޑަކަށް ހަތް ކިލޯމީޓަރު ދެކުނުން އޮތް ޖުމްލަ 73 ހެކްޓަރުގެ ފަރުގެ ސަރަަހައްދަކީ ކޮމާޝަލް ސްކޫލެއްގައި ފާނަ އާލާކުރުމުގެ މަސައްކަތް ހިންގަން ހާއްސަ ކުރެވިފައިވާ ސަރަހައްދެއްގެ ގޮތުގައި ވެސް ކަނޑައަޅާނެ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ވަނީ މީގެ ކުރިން ވެސް ރާއްޖޭގައި ފާނަ އާލާކުރުމުގެ އިތުރަށް އދ. މަހިބަދޫ އާއި އޮމަދު އާއި ދިގުރަށް އަދި ދަނގެއްޗަށް އަމާޒުކޮށްގެން، މޫދުކޮށީގައި ފާނަ ބޮޑުކުރުމުގެ މަސައްކަތް ކޮށްފަ އެވެ.