މަސްވެރިން މަދުވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެކަން ރަނގަޅުކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެެއްޖެ އެވެ.
ރައީސް އޮފީހުން ތައްޔާރުކުރާ "ދަ ޕަލްސް" ޕްރޮގްރާމްގެ މިހަފުތާގެ އެޕިސޯޑްގައި "މިހާރު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މަސްވެރިންގެ އަދަދު މަދުވާ ވަރު ބަލަން ރަސްމީ ސާވޭ އެއް އަދި ކޮށްފއި ނުވިޔަސް މަސްވެރިންގެ އަދަދު މަދުވެއްޖެ ކަން ސަރުކާރަަށް ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.
މައިގަނޑު ސަބަބަކީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކުން ގިނަ ބަޔަކަށް ވަޒީފާ ދިން އިރު، އޭގެ ތެެރޭގައި މަަސްވެރިން ވެސް ގިނަ އަދަަދަކަށް ހިމެނުމުންނެވެ. މަސްވެރިކަން ހުއްޓާލައި އެހެން ކަންކަމަަށް ބަދަލުވީ ކިހާ މީހުންނެއްތޯ ބަލަން ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ރަސްމީ ސާވޭއެއް ކުރާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"މިކަން ހަގީގަތުގައި ދިމާވެފައި މި އޮތް ގޮތަކީ އަޅުގަނޑަށް ގަބޫލުކުރެވެނީ، މިދިޔަ ސަރުކާރުގެ ދުވަސްވަރު، ސަރުކާރުގެ ކުންފުނިތަކަށް ހާއްސަކޮށް ފެނަކަަ އަށް، ރަށްރަށުގައި މަސައްކަތް ކުރަމުން ދިޔަ ޒުވާނުން، މަސްވެރިކަމުގެ އިންޑަސްޓްރީގައި މަސައްކަތްކުރަމުން ދިޔަ ޒުވާނުންތައް ވަޒީފާ ދީފައި ވެއްދީމާ،" ރައީސް ވިދާޅުވި އެވެ.
"ވަރަށް ފަސޭހަ އާމްދަނީއެއް އެއީ ރަށުގައި ހުރެގެން، ގޭގައި ހުރެގެން ހެޔޮވަރުގެ މުސާރައެއް ލިބޭ ކަމަށް ވަންޏާ ވަރަށް ފަސޭހަވާނެ އެ ގޮތް ހިޔާރުކުރަން."
އޭރުގައި އެންމެ ގިނަ ބަޔަކަށް ވަޒީފާ ދީފައި ވަނީ ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ފެނަކަ ކޯޕަރޭޝަނުންނެވެ. އެ ކޯޕަރޭޝަނަށް އެތައް ހާސް ބަޔަކު ވެއްދި ކަމަށާއި އޭގެ ސަބަބުން އެތައް ބަޔަކު މަސްވެރިކަމާ ދުރަށް ދިއުމުން މަސްދޯނިތައް ވިއްކާލަން ޖެހުނު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"މިހާރު ވަރަށް މަދުވާނެ ނިސްބަތުން ކުރިއާ ބަލާފައި ރަށްރަށުގައި މަސްދޯނިތައް. ދެން އެކަން ރަނގަަޅު ކުރަން އަނެއްކާ ވެސް މަސައްކަން މި ކުރަނީ،" ރައީސް ވިދާޅުވި އެވެ.
އެގޮތުން ކުރާ އެއް ކަމަކީ ކުންފުނިތައް "ރައިޓްސައިޒް" ކުރުން ކަމަށާއި އެކަމުގައި ފެނަކައަށް ހާއްސަ ސަމާލުކަމެއް ދެމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކުންފުނިތަކަށް އެ ބަދަލު ގެނައުމުން، މަސްވެރިކަމަށް ނުކުންނާނެ ޒުވާނުން އިތުރުވާނެ ކަމަށާއި ޕްރައިވެޓް ސެކްޓާގެ އެހެން މަސައްކަތްތަކަށް ޒުވާނުން ވެސް އޭރުން އިތުރު ވާނެ ކަމަށެވެ.
"ހަގީގަތުގައި ސަރުކާރުގެ އެސްއޯއީތަކުގެ ތެރެއިން ހުރިހާ ޒުވާނުންނާ ނޫނީ ހުރިހާ ރައްޔިތުން މިހެން ވަޒީފާ ދީފައި ހިފަހައްޓާފައި ހުރުމުގެ ސަބަބުން އަސްލު އިގުތިސާދު ފުޅަލެއް ނުވޭ. އޭގެ ސަަބަބުން އުފެއްދުންތެރިކަން އިތުރެއް ނުވޭ،" ރައީސް ވިދާޅުވި އެވެ.
އެކަން ރަނގަޅުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނީ ވަށައިޖެހޭ އިގުތިސާދީ ސިޔާސަތެއްގެ ތެރެއިން ކަމަށާއި އޭގެ ނަތީޖާ މަސްވެރިކަމާއި އެހެން ދާއިރާތަކަށް ރަނގަޅުވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.