އައްޑުއަށް މިއަދު ކުރި ބޯ ވިއްސާރާގައި ފޭދޫގެ 30 ގެއަކަށް ފެން ވަދެ، އެއް ގޭގައި ދިރިނޫޅެވޭ ހާލަތަށް ގޮސްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ. 

އެންޑީއެމްއޭ އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި، މިއަދު ހެނދުނުން ފެށިގެން ގއ، ގދ، ފުވައްމުލައް އަދި އައްޑޫގެ ރަށްރަށަށް ބޯކޮށް ވާރޭވެހި އެކިވަރުގެ ގެއްލުންތައް ލިބިގެން އެ އޮތޯރިޓީއަށް ރިޕޯޓް ކުރުމާއި ގުޅިގެން ހާލަތު މޮނީޓާ ކުރަމުން އަންނަ ކަމަށެވެ. 

އައްޑޫގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން ކައުންސިލްތަކާއި ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

އައްޑުއަށް ކުރި ބޯ ވިއްސާރާގައި ފޭދޫގެ މަގުތަކުގައި ފެންބޮޑުވުމުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ޔޫއެޗްޑީ ޑީއޭ / ފޭސްބުކް
އައްޑުއަށް ކުރި ބޯ ވިއްސާރާގައި ފޭދޫގެ މަގުތަކުގައި ފެންބޮޑުވުމުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ޔޫއެޗްޑީ ޑީއޭ / ފޭސްބުކް

އެމްޑީއެމްއޭ އިން ބުނި ގޮތުގައި، މިހާތަނަށް އައްޑޫ ފޭދޫގެ 30 އަށް ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ދެ މީހަކު ހިމެނޭހެން، ޖުމްލަ 8 މީހަކު ދިރިއުޅޭ ގެއެއްގައި ފެންބޮޑުވެ ދިރިނޫޅެވޭ ހާލަތަށް ދިއުމުގެ ސަބަބުން ސިޓީ ކައުންސިލާ ގުޅިގެން އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ. 

މެޓް އޮފީހުން ވަނީ ރާއްޖޭގެ ދެކުނަށް ނެރެފައިވާ ޔެލޯ އެލާޓް ހަވީރު 6:00 އާ ހަމައަށް ދަންމާލައިފަ އެވެ. ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް މިއަދު މެންދުރު ދެ ގަޑިއިރަށް އައްޑު އާއި ފުވައްމުލަކަށް އޮރެންޖު އެލާޓް ވެސް ނެރުނެވެ. 

އޮރެންޖް އެލާޓަކީ މެޓް އޮފީހުން މޫސުން ލަފާކޮށް ނެރޭ އެލާޓް ލެވެލް ތިނެކެވެ. މިއީ މާބޮޑަށް މޫސުން ގޯސްވުމުން ނެރޭ އެލާޓެކެވެ. އޮރެންޖް އެލާޓް ނެރުމަކީ ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ.