ށ. ފޯކައިދޫގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި މިއަދު ރޯވެ އެއްކޮށް އަނދައި ހުލިވެއްޖެ އެވެ.
ފޯކައިދޫ ކައުންސިލްގެ ރައީސް އަހްމަދު އަންވަރު "މިހާރު"އަށް ވިދާޅުވީ ނުވަ ބިދޭސީއަކު ދިރިއުޅޭ އެ ގޭގައި ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
އެ ރަށުގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ކުންފުންޏެއްގައި މަސައްކަތްކުރާ އެ ބިދޭސީން ދިރިއުޅެމުން އައި އެ ގެއަކީ ވަރަށް ދުވަސްވީ ގެއެއް ކަމަށާއި އެ ގޭގައި ރޯވީ މިއަދު މެންދުރު ކަމަށް އަންވަރު ވިދާޅުވި އެވެ.
އަލިފާން ނިއްވާލީ ފުލުހުންނާއި އާންމުންގެ އެހީތެރިކަމާ އެކުގަ އެވެ.
އަންވަރު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ ގޭގައި ނިދާފައި އެކަކު އޮތް ކަމަށާއި އާންމުންގެ އެހީތެރިކަމާ އޭނާ ގެއިން ނެރުނު ކަމަށެވެ.
"އަލިފާން ނިއްވާލެވުނުއިރު މުޅި ގެ އެއްކޮށް އަނދާ ހުލިވެފައި އޮތީ. އެއްވެސް މުދަލެއް، އެ މީހުން ގެންގުޅުނު އެއްޗެއްސާއި، ފޯނާއި އަންނައުނާއި ޕާސްޕޯޓާ ހުރިހާ އެއްޗެއް އަނދާ ހުލިވެފައި ވަނީ،" އަންވަރު ވިދާޅުވި އެވެ.
އަންވަރު ވިދާޅުވީ އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި އަންނައުނު ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލުން މިހާރު ކުރަމުން އަންނަ ކަމަށެވެ.