ވޯލްޑް ކަޕްގެ ގަދަ 16 ގައި މެކްސިކޯއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އިނގިރޭސި ޓީމުގެ ނިދުމަށް ބުރޫއެރުވިޔަ ނުދޭ، އެ ޓީމު ތިބޭ ހޮޓާ ވަށައިގެން މަގުތައް ބަންދުކުރަން ނިންމައިފި އެވެ.

ދެވަނަ ބުރުގައި މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އިކުއެޑޯގެ ކުޅުންތެރިންގެ ނިދުމަށް، ބުރޫއެރި އެވެ. މެޗުގެ އޮތް ދުވަހުގެ ކުރީ ރޭ، މެކްސިކޯގެ ސަޕޯޓަރުން ސަޕޯޓަރުން ހޮޓާ ކައިރިއަށް އެއްވެ ބަޑިބޭސް ގޮއްވައި، ހަވާ އަރުވައި ވެހިކަލްތަކުގެ އަޑުގަދަކޮށް، އެކުއެޑޯ ކުޅުންތެރިންގެ ނިދުމަށް ބުރޫއެރުވި މައްސަލަ ފެންމަތިވި އެވެ.

މި މައްސަލަ ފެންމަތިވުމުން، އިނގިރޭސި ޓީމުން ވަނީ ދުރާލައި، އެކަން ސަމާލުކަމަށް ގެނެސްފަ އެވެ.

ރާއްޖޭ ގަޑިން އަންނަ ހޯމަ ދުވަހު، މެކްސިކޯއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މެކްސިކޯސިޓީގެ އަޒްޓެކާ ސްޓޭޑިއަމްގަ އެވެ. އެ ދަނޑަކީ 2000 މީޓަރަށް ވުރެ އުސް ސަރަހަެއްދެއްގައި ހުންނަ ސްޓޭޑިއަމަކަށް ވުމުން، ފިނިމިން މަތިވާނެ އެވެ. މެކްސިކޯގެ ކުޅުންތެރިން އެ މޫސުމަށް ހޭނިފައި ތިބެދާނެ އެވެ. އެކަމަކު އޭގެ އަސަރު އެންމެ ބޮޑަށް ކުރާނީ އިނގިރޭސި ކުޅުންތެރިންނަށެވެ. މޫސުމަށް ހޭނުމުގެ ގޮތުން އިނގިރޭސި ޓީމުން ވަނީ މެޗުގެ ދެ ދުވަސް ކުރިން އެ ސިޓީއަށް ދާން ނިންމާފަ އެވެ.

އިނގިރޭސި ކޯޗު ތޯމަސް ޓޫހުލް ބުނީ، މެކްސިކޯގައި، އަވޭ ޓީމުތަކަށް ހުރި ގޮންޖެހުންތައް ކުޑަކުރަން، އޭނާގެ ޓީމުން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. އުސް ބިމެއްގައި ކުޅެންޖެހުމުން ބޯޅައިގެ ދުވެއްޔަށް އަންނާނެ ބަދަލުތަކާއި މެޗަށް ތައްޔާރުވުމުގައި ހުރި ގޮންޖެހުންތަކާ ބެހޭގޮތުން

"އަހަރެމެން އެއް ރޭ ކުރިން އެ ސިޓީއަށް ދާނަން. އެއީ އެންމެ ރަނގަޅު ވިސްނުމަކީ. އެތަނުގައި ބޯޅަ ދައުރުކުރާ ގޮތް ތަފާތުވާނެ. ފަހަރުގައި ބޯޅަ އިތުރަށް ފަސް ޔާޑަށް އިތުރަށް ދައުރުކޮށްފާނެ. އެއީ އުނދަގޫ ކަމެއް، އެހެންވީމާ އަހަރެމެންނަށް އެ ތަޖުރިބާ ބޭނުންވޭ،" އޭނާ ބުންޏެވެ.

އޭނާ ބުނީ މެކްސިކޯސިޓީއަށް ދަތުރުކުރާނެ ވަގުތެއް ކަނޑައެޅުމުގައި މެޑިކަލް ޓީމުތަކުން ދިން ލަފާ އަޑު އެހި ކަމަށެވެ. ނަމަވެސް ގޮތެއް ނިންމީ އެ ތަޖުރިބާ ކުރި އެހެން ޓީމުތަކުގެ ހިޔާލު އަހައިގެން ކަމަށް ޗެލްސީގެ ކުރީގެ ކޯޗު ބުންޏެވެ.

"މެޑިކަލް ޓީމުން ލަފާދެނީ މެޗުގެ ދިހަ ދުވަސް ކުރިން ދިއުމަށް، ނަމަވެސް އެއީ އަހަރެމެންނަށް މާ ދިގު މުއްދަތެއް. ނޫނީ އެންމެ ފަހު ވަގުތު ދިއުން. އެކަމަކު އެއީ ހުއްދަ ކަމެއް ނޫން،" އޭނާ ބުންޏެވެ.

"އަހަރެމެން އެގޮތަށް ކަންކުރި ޓީމުތަކާ ވާހަކަދެއްކިން. އެމީހުން ބުނީ މޫސުމަށް ނުހޭނޭނަމަ މެޗު އޮންނަ ދުވަހު ވީހާވެސް ލަހުން ދިއުމަށް. މިއީ އުނދަގޫތަކެއް ހުންނާނެ ކަމެއް."