އިނގިރޭސިވިލާތުގައި ހޮނިހިރު ދުވަހުގެ މެންދުރުފަހު 3:00 ގައި ކުޅޭ ފުޓްބޯޅަ މެޗުތައް ޓީވީން ވަގުތުން ދެއްކުން މަނާކޮށްފައި އޮންނަ އޮތުން އުވާލުމުގެ ކުރިން، ދެވަނަ ވިސްނުމަކަށް ދާންބއެ ގައުމުގެ ބޮޑުވަޒީރު އޭންޑީ ބާނަމް ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގައި ހޮނިހިރު ދުވަހުގެ މެންދުރު ފަހު 2:45 އާއި ހަވީރު 5:15 އާ ދެމެދު ކުޅޭ މެޗުތައް ޓީވީން ލައިވްކުރުން މަނާކުރާ ގަވާއިދު ހެދީ 1960 ގެ އަހަރުތަކުގަ އެވެ. 

މި ގަވާއިދު ހަދާފައިވަނީ ބޮޑެތި ލީގުތަކުގެ މެޗުތައް ޓީވީން ދައްކާ ނަމަ، ދަށު ލީގުތަކުގެ މެޗުތައް ބަލަން ދަނޑަށް ވަންނަ މީހުންގެ އަދަދު މަދުވެދާނެތީ އެކަން ހިމާޔަތްކުރުމަށެވެ.

ނަމަވެސް ތިން އަހަރު ފަހުން، 2029-2030 ގެ ސީޒަނުން ފެށިގެން ޕްރިމިއާ ލީގާއި އިނގިރޭސި ދެވަނަ ޑިވިޝަން އަދި ސްކޮޓިޝް ޕްރޮފެޝަނަލް ފުޓްބޯޅަ ލީގުގެ ބްރޯޑްކާސްޓިން ރައިޓްސްގެ ގަވާއިދަށް ބަދަލު ގެބައުމުގެ ފުރުސަތު އެބައޮތްކަމަށް އިނގިރޭސި މީޑިއާތަކުން ބުންޏެވެ.

"މި ކަމުގައި [ގަވާއިދު އުވައިލުމުގައި] އިތުރަށް ވިސްނާލަން އަހަރެން އިލްތިމާސްކުރަން. ސަބަބަކީ މިއީ ދަށް ޑިވިޝަނުގެ ކްލަބްތަކުގެ އާމްދަނީ ހިމާޔަތްކޮށްދޭ ކަމަކަށް ވާތީ،" ބާނަމް ވިދާޅުވި އެވެ.

"ކޮންމެ ގަޑިއެއްގައި ވެސް ޕްރިމިއާ ލީގުގެ މެޗުތައް ޓީވީން ބެލޭ ގޮތް ވެއްޖެނަމަ، ދަށު ލީގުތަކުގެ މެޗުތައް ބަލަން ދަނޑަށް ދިއުމަށް އޮންނަ ޝައުގުވެރިކަން ކުޑަވެގެން ހިނގައިދާނެ. އެހެންކަމުން މިކަމާ މެދު ފުންކޮށް ވިސްނަން ޖެހޭ. އަހަރެން މިކަމުގައި ބަލާނީ ހަމައެކަނި ބެލުންތެރިންގެ ނަޒަރަކުން ނޫން. ފުޓްބޯޅައިގެ ދުޅަހެޔޮކަމަށް."

އޭނާ ވިދާޅުވި ގޮތުގައި އިތުރު މެޗުތައް ލައިވްކުރުމަށް އެއްބަސްވުމުގެ ކުރިން، އެންމެ ފުރަތަމަ އިސްކަންދޭން ޖެހޭނީ ފުޓްބޯޅައިގެ އޮނިގަނޑާއި ދަނޑަށް ވަންނަ ސަޕޯޓަރުންގެ ތަޖުރިބާ ހިމާޔަތްކުރުމަށެވެ.

މީގެ އިތުރުން، ޓީވީން މެޗުތައް ލައިވްކުރުމަށްޓަކައި މެޗުތައް ކުޅޭ ގަޑިތަކަށް ގެންނަ ބަދަލުތަކުގެ ސަބަބުން ދިގު ދަތުރުތައްކޮށްފައި ދާ ސަޕޯޓަރުންނަށް ކުރިމަތިވާ ދަތިތަކަށް ބްރޯޑްކާސްޓަރުން މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދޭންޖެހޭކަމަށް ވެސް ބާނަމް ވިދާޅުވި އެވެ.

"ދަތުރުކޮށްފައި ދާ ސަޕޯޓަރުންނަށް އެއްވެސް ވަރަކަށް ބަލައިނުލާކަން އަހަންނަށް ފާހަގަކުރެވޭ. ހޯމަ ދުވަހުގެ ރޭ ކުޅޭ މެޗުތަކަށާއި ހޮނިހިރު ދުވަހުގެ ވަރަށް ހެނދުނާ ކުޅޭ މެޗުތަކަށް ދުރު ހިސާބުތަކުން ސަޕޯޓަރުން ދިއުމަކީ ވަރަށް އުނދަގޫ ކަމެއް،" އޭނާ ވިދާޅުވި އެވެ.

މިހާރު އަމަލުކުރަމުންދާ ޕްރިމިއާ ލީގުގެ ޓީވީ ރައިޓްސް އެއްބަސްވުމުގެ ދަށުން 270 މެޗު ލައިވްކުރާނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. މިހާރު އަމަލުކުރަމުންދާ އެއްބަސްވުމުގައި ލައިވްކުރަނީ 200 މެޗެވެ.

އާ ގަވާއިދަށް ބަދަލެއް ގެނައުމާ މެދު ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް ޕްރިމިއާ ލީގުގެ ޗީފް އެގްޒެކެޓިވް ރިޗަޑް މާސްޓާސް ވަނީ ކުރިން ވިދާޅުވެފަ އެވެ.