އެފްއޭއެމްގެ އަތޮޅު މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
އަންނަ މަހު 17 ގައި ފެށުމަށް ތާވަލުކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމަށް ކުރިން ދީފައިވާ މުއްދަތު މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.
އެފްއޭއެމުން ބުނިގޮތުގައި މުއްދަތު އިތުރު ކުރީ ގިނަ ރަށްރަށުން އެކަމަށް އެދެމުންދާތީ އެވެ.
މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ރަށްރަށުން އެސޯސިއޭޝަނުގެ ކޮމްޕެޓިޝަން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް، އެ އެސޯސިއޭޝަނުން އެދެ އެވެ.
އެފްއޭއެމްގެ ކޮމްޕްޓީޝަން ޕޯޓަލް:
މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ އަދަދު ކަށަވަރުވުމުން، އެކި ސަރަހައްދުތަކުގައި މެޗުތައް ކުޅޭނެ ތާރީހުތައް ފަހުން އާންމުކުރާނެ ކަމަށްވެސް އެފްއޭއެމުން ވަނީ ބުނެފަ އެވެ.
ސަރަހައްދީ ލީގަށް ކޮލިފައިވާނީ ސަބް ޒޯންތަކުގެ ޗެމްޕިއަން ޓީމާއި ރަނަރަފް ޓީމެވެ. ސަރަހައްދީ ލީގުގައި ވާދަކުރާ ހަތަރު ޓީމުގެ މެދުގައި ހޯމް އެންޑް އަވޭ ފޯމެޓަށް ލީގު އުސޫލުން ކުޅުމަށް ފަހު އެ ލީގެއްގެ ޗެމްޕިއަން ޓީމު ދެން ކޮލިފައި ވާނީ، ދިވެހި ލީގުގެ ކޮލިފައިން ބުރަށެވެ.
ކޮލިފައިން ބުރުގައި ވާދަކުރާނީ މާލެ ރީޖަންގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން އާއި ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނަ އަށް ދާ ޓީމާއި އަށްވަނަ އަށް ދާ ޓީމެވެ.
އޭގެ ތެރެއިން ގަދަ ހަތަރު ޓީމަށް އަންނަ ސީޒަނުގެ ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނެ އެވެ.
މިފަހަރުގެ ދިވެހި ލީގުގައި ވާދަކުރަމުން ދާ، ހއ. ދިއްދުއާއި ގދ. ގައްދުއަކީ އެޓޯލް ޗެމްޕިއަންޝިޕުން ފެށި، ކޮލޮފައިން މަރުހަލާތައް ކަޑަތުކޮށް ލީގަށް ކޮލިފައިވި ދެ ޓީމެވެ.