ގއ. ދާންދޫގައި އެލާޖިކެއް ވެގެން ސިއްހީ މަރުކަޒަށް ގެންދިޔަ މީހަކު ރޭ ނިޔާވެއްޖެ އެވެ. 

ދާންދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ އެލާޖިކެއް ވެގެން ރޭ 9 ޖަހާކަށް ހާއިރު މަރުކަޒަށް ގެންދިޔަ މީހަކު ނިޔާވެފައިވާ ކަމަށެވެ.

ނަމަވެސް، އެލާޖިކްވީ ސީދާ ކޯނޗަކަށް ކަމެއް އަދި ނޭނގޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

ނިޔާވީ އުމުރުން 41 އަހަރުގެ އަންހެނެކެވެ.

އެނގިފައިވާ ގޮތުގައި، އެއީ އެ ރަށު ސިއްހީ މަރުކަޒުގެ މުވައްޒަފެކެވެ.

ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެލާޖިކެއް ވިހަވެގެން ދާންދޫ ސިއްހީ މަރުކަޒަށް ރޭ ގެންދިޔަ އަންހެނަކު ނިޔާވެފައިވާ ކަމަށެވެ. 

ފުލުހުން ބުނީ ކާނާގެ ބާވަތަކަށް އެލާޖިކްވެގެން ދާންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް، 41 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެފައިވާ ކަމުގެ މައުލޫމާތު ރޭ ފުލުހުންނަށް ލިބިފައިވާތީ، އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.