ކޮވިޑް-19ގެ މި ބަލިމަޑުކަމުގެ ތެރެއިން އެންމެ ބޮޑު ހިތާމައެއް ލިބިފައިވާ އެކަކީ ގއ. ދާންދޫ، މަރިޔަމް މޫސާ އެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ރާއްޖޭން ކޮވިޑް ފެނުނު ފަހުން މި ބަލީގައި، މިހާތަނަށް އޭނާގެ އާއިލާގެ ތިން މީހަކު ވަނީ މަރުވެފަ އެވެ. އެއްބަނޑުއެއްބަފާ ދައްތަ އާއި ބޭބެ އާއި ފިރިމީހާގެ ކުއްލި ވަކިވުމުން އޭނާއަށް ލިބިފައިވަނީ ފުން ހިތާމައެކެވެ.
ބަލީގައި އެންމެ ފުރަތަމަ މަރުވީ، މަރިޔަމްގެ ދައްތަ އެވެ. މާލޭގައި ދިރިއުޅޭ، އުމުރުން ދުވަސްވީ އެ ދައްތަ، މިދިޔަ އަހަރުގެ ޖުލައި މަހު އައިޖީއެމްއެޗަށް ގެންދިޔައީ ނޭވާނުލެވިގެންނެވެ. އެހެން ބަލިތަކަށް ވެސް ފަރުވާ ކުރަމުން އަންނަ ދައްތަ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، މަދު ވަގުތުކޮޅެއްގެ ތެރޭގަ އެވެ.
ދާންދޫގައި ދިރިއުޅޭ މަރިޔަމްގެ ދެމަފިރިންގެ ތެރެއިން، ފިރިމީހާ އަކީ ވެސް އެހެން ބަލިތައް ހުންނަ، ކޮވިޑްގައި ހައި ރިސްކު މީހެކެވެ. އެހެންވެ، ބަލިން ދިފާއުވުމަށް ވެކްސިން ޖެހުމަށް އާއިލާއިން ވަރަށް ބޮޑު އިސްކަމެއް ދިނެވެ. އެކަމަކު، ވެކްސިންގެ ފުރަތަމަ ޑޯޒާއެކު ކަރުން ލޭ އައިސް ވަރަށް ބޮޑަށް ބަލިވުމުން ދެން ގެންދަން ޖެހުނީ ހޮސްޕިޓަލަށެވެ. ގއ. ވިލިނގިލީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، ހާލު ދަށަށް ދާން ފެށުމުން އިމަޖެންސީގައި މާލެ ގެނަ އެވެ.
ހޮސްޕިޓަލުގައިފަރުވާ ދިނުމަށް ފަހު، މަރިޔަމްގެ ފިރިމީހާ ދޫކޮށްލި ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން އޭނާއަށް ކޮވިޑް ޖެހުނެވެ. ގޭގެ އެހެން މީހަކަށް ވެސް ބަލި ނުޖެހި، ހަމައެކަނި އޭނާއަށް ޖެހުމުން އާއިލާއިން ގަބޫލުކުރަނީ، ބަލި ޖެހުނީ ޓެކްސީން ކަމަށެވެ.
އެންމެ ފަހުން، ހާލު ގޯސްވެ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މަރިޔަމްގެ ފިރިމީހާ ވަނީ މި މަހުގެ 14 ގައި މަރުވެފަ އެވެ.
ފިރިމީހާގެ މަރުން އަރައިގަންނާނެ ވަގުތެއް އޭނާއަކަށް ނުލިބެ އެވެ. ރަށުގައި ހުރި އެއްބަނޑުއެއްބަފާ ބޭބެއަށް ކޮވިޑް ޖެހި، ހާލު ސީރިއަސް ވެގެން ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ގެންދިޔަ ހަބަރު ލިބުނު އިރު، ފިރިމީހާގެ މަރަށް ކިރިޔާ ހަތް ދުވަސްވީ އެވެ. އެތަނުގައި ފަރުވާ ދެމުން ދަނިކޮށް، 68 އަހަރުގެ ބޭބެ މަރުވީ، އިއްޔެ އެވެ.
ކައިރިކައިރީގައި، އާއިލާގެ ބަޔަކު މަރުވުމުން މަރިޔަމްގެ ހިތްވަނީ ހަލާކުވެފަ އެވެ.
"މަންމައަކަށް މި ވަގުތު ވާހަކައެއް ވެސް ނުދެއްކޭ. ވަރަށް ދެރަވެފައި ހުރީ،" މަރިޔަމްގެ ދަރިފުޅު، ޣާލިބު ސަލީމް "މިހާރު"އަށް ބުންޏެވެ.
ބޮޑުދައިތަ އާއި ބޮޑުބޭބެ އަދި ބައްޕަގެ މަރާއެކު ޣާލިބަށް ވެސް ވަނީ ފުން އަސަރުތަކެއް ކޮށްފަ އެވެ. މި ބަލިމަޑުކަމުގައި އާއިލާއަށް މީހާ ބޮޑު ހިތްދަތިކަމެއް ލިބޭނެ ކަމަށް އޭނާ އެއްގޮތަކަށް ވެސް ހިޔެއް ނުކުރެ އެވެ.
ޣާލިބު ބުނިގޮތުގައި ބޮޑުދައިތަ މަރުވި އިރު، ކޮވިޑުން ދިފާއުވުމަށް ވެކްސިން އަދި ރާއްޖެ ނުގެނެ އެވެ. ބައްޕަ އާއި ބޮޑުބޭބެ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކުރި އެވެ. ބަލިން ދިފާއުވުމަށް އެ މީހުންނަށް ކުރެވުނު މަސައްކަތެއް ކުރި އެވެ. އެކަމަކު މަންމަ އާއި އޭނާ ވެސް މިހާރު ކަންބޮޑުވަނީ، އާއިލާގައި ތިބި ހައި ރިސްކު އެހެން ގިނަ މީހުންނަށް ވެސް ކޮވިޑް ޖެހިފައިވުމުންނެވެ.
މި ބަލީގައި އާއިލާގެ ތެރެއިން އިތުރު މީހެއްގެ ފުރާނަ ނުގެއްލުމަކީ މިހާރު އޭނާގެ ދުއާ އެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް ބަލީގައި 155 މީހުން މަރުވި އިރު، އޭގެ ތެރެއިން 82 މީހުން މަރުވީ މި މަހުގެ ތެރޭގަ އެވެ.