ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، މި ފަހުން އިއުލާން ކުރި ބޮޑު ތިން ހުށަހެޅުމާ ބެހޭގޮތުން އެފްއޭއެމުން މިހާތަނަށް ވަކިގޮތެއް ނުނިންމާކަމަށް، ޖެނަރަލް ސެކްރެޓަރީ އަހްމަދު ޒަރީރު ވިދާޅުވެއްޖެ އެވެ.
ވޯލްޑް ކަޕްގެ އިތުރުން ފީފާގެ އެހެނިހެން މުބާރާތްތަކުގެ ވިޔާފާރީގެ ޕްރޮޖެކްޓްގެ ބައިތައް އަމިއްލަ އިންވެސްޓަރުންނަށް ހިއްސާ އޮންނާނެހެން ހިއްސާވިއްކަން އުޅޭކަން، އެ އިދާރާއިން މިދިޔަ އަންގާރަ ދުވަހު އިއުލާން ކުރި އެވެ.
ފީފާ ފޯވާޑް އެންޓަޕްރައިޒް (އެފްއެފްއީ) ގެ ނަމުގައި ސެމީ ޕްރައިވެޓް ސަބްސިޑަރީ ކުންފުންޏެއް އުފައްދައި އެ ކުންފުނި މެދުވެރިކޮށް ހިއްސާ ވިއްކައިގެން މި އަހަރު ނިމުމުގެ ކުރިން 4.2 ބިލިއަން ޑޮލަރު ފީފާ އަށް ވެއްދުމަށް އެ އިދާރާއިން ވަނީ އަމާޒު ހިފައިފަ އެވެ.
މި ޕްރޮޖެކްޓްގެ މައިގަނޑު ޓާގެޓަކީ ޖުމުލަ 20 ބިލިއަން ޑޮލަރު ހޯދުންކަމަށް ވެސް ފީފާއިން ބުންޏެވެ.
ފީފާއިން ބުނީ ހިއްސާ ވިއްކާނީ އެ ހިއްސާ ގަންނަ ފަރާތްތަކަށް ކުންފުނީގެ ކޮންޓްރޯލް ނުލިބޭނެ ގޮތަށް ކަމަށެވެ. އަދި އިންވެސްޓަރުން ހޯދާނީ ފަރުވާތެރިކަމާ އެކު މަރުހަލާތައް ފުރިހަމަ އިތުބާރުގެ މައްޗަށް ބިނާ ޝަރުތުތަކާ އެކު ކަމަށް ވެސް ފީފާއިން ބުންޏެވެ.
ފީފާއިން ކުއްލިއަަކަށް މި ޕްލޭން އިއުލާން ކުރީ، އިނގިރޭސި ވިލާތުގެ ދަ ޓައިމްސް ނޫހާއި ފައިނޭންޝިއަލް ޓައިމްސް، މިކަމާ ގުޅޭ ރިޕޯޓެއް އާންމު ކުރި ފަހުންނެވެ. ދަ ޓައިމްސްއިން ބުނި ގޮތުގައި، ފީފާ އެންޓަޕްރައިޒަސް ކުންފުނީގެ ހިއްސާ ގަންނަން އުޅޭނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާގެ ކޮއްކޮ ޖޯޝުއާ ކުޝްނާގެ އިންވެސްޓްމެންޓް ކުންފުނި "ތުރައިވް ކެޕިޓަލް" އާއި އެ ގައުމުގެ ނުފޫޒުގަދަ ބޭންކެއް ކަމަށްވާ ޖޭޕީ މޯގަން ޗޭސް ބޭންކުންނެވެ.
އޭޝިއާގެ ފުޓްބޯޅަ އިދާރާ (އޭއެފްސީ) އިން ބުނީ އެފަދަ ޕްލޭނެއް އިއުލާން ކުރި އިރު، ފީފާއިން އޭގެ ކުރިން އެއްވެސް މަޝްވަރާއެއް ވެސް ކޮށްފައި ނުވާ ކަމަށެވެ. އަދި އެކަން އެނގުނީ އާންމުވި ހަބަރުތަކުން ކަމަށް ވެސް އޭއެފްސީން ބުންޏެވެ.
މި ޕްލޭން ތަންފީޒު ކުރެވޭނީ ފީފާގެ މެންބަރު ގައުމުތަކުގެ ވޯޓު ލިބިގެންނެވެ. ސެޕްޓެމްބަރު މަހު ބާއްވާ ކޮންގްރެސް އަށް، އެ ޕްލޭން ހުށަހެޅަން ނިންމާފައިވާކަމަށް، އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ވިދާޅުވެފަ އެވެ.
އެ ޕްލޭން ފާސްވާނީ އެ އިދާރާގެ މެންބަރު 211 ގައުމުގެ ތެރެއިން 50 ޕަސަންޓަށް ވުރެ ގިނަ ގައުމުގެ މެންބަރު އެސޯސިއޭޝަނުންތަކުގެ ވޯޓް ލިބިގެންނެވެ. އޭގެ ކުރިން އެ ހުށަހެޅުން 38 މެންބަރުން ހިމެނޭ ފީފާގެ މެންބަރު ކައުންސިލަށް ހުށަހަޅާނެ އެވެ.
އެ ޕްލޭނާ ބެހޭގޮތުން ފީފާގެ 211 މެމްބަރު ގައުމަށް، އިންފަންޓީނީ އިއްޔެ ސިޓީއެއް ފޮނުވިކަމަށް، އިނގިރޭސި ވިލާތުގެ ދި އިންޑަޕެންޑެންޓް ނޫހުން ބުންޏެވެ. އަދި އެ ސިޓީގެ ކޮޕީއެއް އެ ނޫހަށް ލިބިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އިންޑަޕެންޑެންޓުން ބުނީ އެ ޕްލޭނަށް ވޯޓުދޭ މެންބަރު އެސޯސިއޭޝަންތަކަށް، އެއްފަހަރާ ދެވޭ 20 މިލިއަން ޑޮލަރުގެ ފައިސާގެ އެހީއެއް ހަމަޖައްސައިދެވޭނެ ކަމަށް، އެ ސިޓީގައި އިންފަންޓީނޯ ލިޔެފައިވާ ކަމަށެވެ.
ފީފާގެ މި އެންޓަޕްރައިޒަސްގެ އުސޫލަށް ތާއިދުކުރުމާ މެދު އެފްއޭއެމުން ވަކިގޮތެއް ނިންމާފައިނުވާ ކަމަށް ވެސް ޒަރީރު ވިދާޅުވި އެވެ.
އިންފަންޓީނޯ އިއުލާންކޮށްފައިވާ އަނެއް ހުށަހެޅުމަކީ ވޯލްޑް ކަޕްގައި ބައިވެރިވާ ޓީމުތަކުގެ އަދަދު 64 އަށް އިތުރު ކުރުމެވެ. ނިމިދިޔަ ވޯލްޑް ކަޕްގައި 48 ޓީމު ވާދަކުރި އެވެ. ދެން އަންނަ ވޯލްޑް ކަޕުން ފެށިގެން 16 ޓީމު އިތުރުކުރަން ވިސްނަމުންދާކަމަށް އިންފަންޓީނޯ ވަނީ އިއުލާންކޮށްފަ އެވެ.
އެ ހިޔާލާ ފުޓްބޯޅައިގެ ބައެއް އިދާރާތަކުން ދެކޮޅެވެ.
ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ އަދަދު ވެސް އިތުރު ކުރަން ފާސް ކުރާނީ ފީފާގެ މެންބަރު ގައުމުތަކުގެ ވޯޓުންނެވެ.
އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަމަށް އިންފަންޓީނޯ ވަނީ އިއުލާންކޮށްފަ އެވެ. އޭނާގެ މައްޗަށް ގިނަ ތުހުމަތުތަކެއް ހުއްޓަސް ގިނަ ގައުމުތަކުން އޭނާ އަށް ތާއީދު ކުރާކަމަށް މީޑިއާ ރިޕޯޓްތައް ބުންޏެވެ.
ޖޫން މަހު އަލް ޖަޒީރާއިން ބުނީ އޭއެފްސީގެ މެންބަރު ގައުމުތައް ބަލްކުކޮށް އިންފަންޓީނޯ އަށް ތާއީދުކުރާކަން ހާމަކޮށްފައިވާ ކަމަށެވެ.
އެކަމަކު ޒަރީރު ވިދާޅުވީ އިންފަންޓީނޯ އަށް ތާއީދުކުރުމާ މެދު ވެސް އެފްއޭއެމުން ވަކި ގޮތެއް ނިންމާފައިނުވާ ކަމަށެވެ.
"ތިއިން އެއްވެސްކަމަކާ ގުޅޭގޮތުން ރަސްމީ އެއްވެސް ނިންމުމެއް އަދި ނުނިންމާ،" ފީފާގެ އެންޓަޕްރައިޒަސް ކުންފުނި ހެދުމުގެ ޕްލޭނާއި ވޯލްޑް ކަޕްގެ ޓީމުތަކުގެ އަދަު 64 އަށް އިތުރުކުރުމާއި ހަތަރުވަނަ ދައުރަކަށް އިންފަންޓީނޯއާ ތާއީދު ކުރުމާ މެދު އެފްއޭއެމްގެ ސްޓޭންޑާ ބެހޭގޮތުން ސުވާލު ކުރުމުން، އެ އެސޯސިއޭޝަނުގެ އިންޓަނޭޝަނަލް ރިލޭޝަން މެނޭޖަރުގެ މަގާމު ވެސް އަދާކުރައްވަމުން އަންނަ ޒަރީރު ވިދާޅުވި އެވެ.