މަޓެރާޒީ 2006 ގެ ވޯލްޑް ކަޕުގެ ފައިނަލަށް ފަހު އުފާފާޅުކުރަނީ.
23 އޮކްޓޯބަރ 2025 - 23:59
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު މާދަމާ ހަވީރު ގަލޮޅު ދަނޑުގައި ބައިވެރިވަޑައިގަންނަވާ ހާއްސަ ފުޓްބޯޅަ މެޗުގައި އިޓަލީގެ ވޯލްޑް ކަޕް ތަރި މާކޯ މަޓެރާޒީ ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
ދުނިޔޭގެ ފުޓްބޯޅަ އިދާރާގެ ރައީސް އިންފަންޓީނޯ މާދަމާ ރާއްޖެ އަށް ކުރައްވާ އެއް ދުވަހުގެ ދަތުރުގެ ޕްރޮގްރާމުގެ ތެރޭ ހިމެނިގެން ގަލޮޅު ދަނޑުގައި މާދަމާ ހަވީރު އޮންނަ އެގްޒިބިޝަން މެޗުތަކުގެ ތެރެއިން، މި ހާއްސަ މެޗުގައި ބައްދަލުކުރާނީ އިންފަންޓީނޯގެ ޓީމަކާއި، ރައީސްގެ ޓީމެކެވެެ. ރާއްޖޭގެ ޔޫތު ޓީމުތަކާއި، އެކަޑަމީތަކުގެ ޓީމުތަކުގެ މެދުގައި ވެސް މެޗުތައް ކުޅޭނެ އެވެ.
އިންފަންޓީނޯގެ ޓީމުގައި އިޓަލީން 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދެއްކި ޑިފެންޑަރު މަޓެރާޒީގެ އިތުރުން ފީފާގެ ބައެއް އިސްވެރިންނާއި، އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އާއި ގައުމީ ޓީމުގެ ކުރީގެ ބައެއް ކުޅުންތެރިން ހިމެނެ އެވެ.
އޭގެ ތެރޭގައި ފީފާގެ ޖެނެރަލް ސެކްރެޓަރީ މަޓިއަސް ގްރަފްސްޓްރުމް އާއި ފީފާ އެގްޒެކެޓިވް އޮފީހުގެ މެނޭޖަރު ޖިއާނީ މަންކާ އާއި ފީފާ ކޮމިއުނިކޭޝަންސް އެޑްވައިޒަރު އޮނޮފްރޭ ކޮސްޓާ ހިމެނެ އެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވާޑް ޓޮމްގެ އިތުރުން، އެފްއޭއެމްގެ އެކްސްކޯގައި ހިމެނޭ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު އުމެއިރު އާއި އިމްރާން މުހައްމަދު ވެސް ހިމެނެނީ އިންފަންޓީނޯގެ ޓީމުގަ އެވެ.
ފީފާގެ ރައީސް އިންފަންޓީނޯ.
ރާއްޖޭން 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ފައިނަލުގައި އިންޑިއާ ކޮޅަށް ގޯލް ޖެހި މުޚުތާރު ނަސީރު (ޓޫކިލޯ) އާއި ގައުމީ ޓީމަށް އެންމެ ފުރަތަމަ ހެޓްރިކް ހެދި ކުޅުންތެރިޔާ އަލީ ޝިހާމް (ހުރާ އައްޔަ) ވެސް އެ ޓީމުގައި ހިމެނެ އެވެ. އެފްއޭއެމްގެ ނައިބް ރައީސް އަދި މާޒިޔާގެ ސީއީއޯ ހުސެއިން ޝާފިއު (ކޮއްކީ) އާއި، ނިއު ރޭޑިއަންޓުގެ ކޯޗު އަލީ ސުޒޭން ވެސް ކުޅޭނީ އިންފަންޓީނޯގެ ޓީމަށެވެ.
ރައީސް މުއިއްޒުގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތަފްސީލެއް އަދި ނުލިބެ އެވެ.
މި މެޗުގެ އެންމެ ހާއްސަ ކުޅުންތެރިޔާ މަޓެރާޒީ ގިނަ ބަޔަކު ދަންނަނީ 2006 ގެ ވޯލްޑް ކަޕުގެ ފައިނަލުގައި ފްރާންސްގެ ކެޕްޓަން ޒައިނުއްދީން ޒިދާން ބޮލުން ހަމަލާ ދިން ކުޅުންތެރިޔާގެ ގޮތުގަ އެވެ. ޒިދާންގެ ކެރިއަރު ނިމުނީ އެ ހަމަލާއާ ގުޅިގެން ދެއްކި ރަތްކާޑާ އެކު އެވެ. އެ މެޗުގައި ފްރާންސަށް ޒިދާން ލީޑު ނަގައިދިނީ މަޓެރާޒީ ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުންނެވެ. އަދި އިޓަލީ އެއްވަރުކުރި ގޯލް ޖެހީ ވެސް މަޓެރާޒީ އެވެ. އިޓަލީ މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ.
އެ ފަހަރު އަލެސަންދްރޯ ނެސްޓާ އަށް އަނިޔާވުމުން ފުރަތަމަ އެގާރައިން ޖާގަ ލިބެން ފެށި މަޓެރާޒީ ވަނީ ކްލަބް ލެވެލްގައި އިޓަލީގެ އިންޓަ މިލާނާ އެކު އިޓާލިއަން ލީގު ފަސް ފަހަރު، އަދި ޗެމްޕިއަންސް ލީގާއި، ފީފާ ކްލަބް ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.
ފީފާގެ ރައީސް އިންފަންޓީނޯ ގައުމުތަކަށް ކުރައްވާ ދަތުރުތަކުގައި ކުރީގެ ކުޅުންތެރިން ބައިވެރިކުރެ އެވެ. މި ދަތުރުގެ އެންމެ މުހިއްމު އެޖެންޑާ އަކީ ރައީސް މުއިއްޒާ އެކު ބާއްވަވާ ބައްދަލުކުރެއްވުމެވެ. އެފްއޭއެމުން ބުނީ މި ބައްދަލުވުމުގައި ދެ ބޭފުޅުން ރާއްޖޭގެ ފުޓްބޯޅައިގެ ކުރިއެރުވުމާ ބެހޭގޮތުން ވާހަކަ ދައްކަވާނެ ކަމަށެވެ.
ރައީސް މުއިއްޒު: މި މެޗުގައި ކުޅުއްވާނެ. -- ފޮޓޯ: ރައީސް އޮފީސް
ފީފާގެ ރައީސަކު މީގެ ކުރިން ރާއްޖެ އަށް ވަޑައިގަތީ 2006 ގަ އެވެ. އޭރުގެ ރައީސް ސެޕް ބްލެޓާ ވަޑައިގަތީ ސުނާމީގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރެއްގެ ތެރެއިންނެވެ. އެ ފަހަރު ރައީސް މައުމޫން އަބްދުލްގައްޔޫމާ ބައްދަލުކުރައްވައި ބްލެޓާ ވަނީ ރާއްޖޭގެ ސުނާމީ ރިކަވަރީ ޕްރޮގްރާމަށް ފީފާގެ ފަރާތުން ދެ މިލިއަން ޑޮލަރު ހަދިޔާކުރައްވައިފަ އެވެ.
އިންފަންޓީނޯ ވަނީ 2022 ގެ ވޯލްޑް ކަޕަށް ފަހު ޗުއްޓީ ދަތުރެެއްގައި ރާއްޖެ ވަޑައިގެންފަ އެވެ. އެކަމަކު އެ ފަހަރު ރަސްމީ އެއްވެސް މަސައްކަތެއް ނުކުރައްވަ އެވެ.
މި ފަހަރު މިއީ ރާއްޖޭގެ ފުޓްބޯޅަ އަލުން ކޮޅަށް ނަގަން އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތަށް ހިތްވަރު ދެއްވުމަށް ކުރައްވާ ދަތުރެކެވެ. ކޮރަޕްޝަނުގެ މައްސަލައެއްގައި މިހާރު ވެސް ޖަލުގައި ހުރި ބައްސާމް އަދީލް ޖަލީލުގެ ދައުރުގައި އެފްއޭއެމް ތެރޭގައި ކޮރަޕްޝަނުގެ ފުޅައަޅައި، ހިންގުން ދޯދިޔާވެ ފުޓްބޯޅަ އޮތީ ހުއްޓިފަ އެވެ. މިހާރުގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ރައީސްގެ މަގާމަށް ވަޑައިގެންނެވީ އެ ހާލަތު ބަދަލުކުރަން ފީފާ އިން އައްޔަންކުރި ނޯމަލައިޒޭޝަން ކޮމިޓީން ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަން ޔަޒީދު
24 October 2025
އޯއައިސީ ލީޑަރުންގެ މެޗެއްގާ މުހިއްބުލް ވަތަންގެ ރައީސް ކުޅޭތަން ދެކެލާން ވަރަށް ބޭނުން. އޭރުން އިސްލާމީ ގައުމުތަކަށް އަހަރެމެންގެ އަސްލުފެންވަރު އެނގިގެންދާނެ.
އައިމިނާފާނު
24 October 2025
ރަހީންބެމެން ގޭގާ މަސައްކަތްކުރާ ދަގޭ ކުޅޭނެބާ؟
ބޒވަ ނ
24 October 2025
އޮޅުލަން ނުހިފައި މެޗު ނިންމަލެވޭނެކަމަށް އުއްމީދުކުރަން
ތާކިހާ
24 October 2025
އެކަމަކު މަޓެރާޒީއަކީ ޒިދާންގެ ފަހުމެޗުގަ އޭނައައް ފުރައްސާރަކޮއްގެން ވަރައް ބޮޑައް އަގުވެއްޓިފަހުރި ކުޅުންތެރިއެއް.
ޒައިކް23
24 October 2025
މެޗުތަކުގަ ފައިޓުވެސް އެއްޗެތި ވެސް ގޮވާނެ.. މެޗަށް ފަހު ދެކުޅުންތެރިން ހިތް ހަލާސްކޮށް ސަލާމްކޮށަ އެކަކު އަނެކަކަށް މާފުކޮށްފަވަނީ.. ކޮންމެ މޯހަކު ވެސް ވާހަކަ ދައްކާނީ އެމީހެއަގެ ސައިޑުން.. މަޓަރާޒީއަކީ ވޯލްޑް ޗެމްޕިއަނެއް ވޯލްޑްކަޕް ފައިނަލުގަ ލަނޑު ޖެހި ކުޅުންތެރިއެއް
އަނގަޔާއިއަތާ
24 October 2025
އަގޭ އަގު އަދި ވެއްޓޭތަ އަނގައި އެއްޗެއް ކިޔައިގެން.. ޒިދާނު މާހަޑިކޮށް އުޅުނީ.. އެވަރު މޮޅު ޕުލެޔަރަކު ބޮއްވާލެވުނީމަ ކަޑަ ދޯ ދަނޑު މަތީގަ މަޓޭ ކަހަލަ ސޭކު ގޮތެއްް ހުންނަ ޕްލެޔަރއަކަށް.. އަނގައިން ކީމަ އަނގައިން ކިޔާނި ގަޔަށް ބޮލަށް އަރާކަށް ނުޖެހޭނެ.. ޕުރާންސްގެ އޭރުގެ ކޯޗު ޑޮނިނިކް މީގެ 3 ދުވަސް ކުރިން ދިން އިންޓަވިއުގަވެސް އެވާކަހަ އެއޮތީ ބުނެފަ އަދިވެސް ނުވިސްނެއޭ ޒިދާނު ވަރުގެ ކުޅުންތެރިއަކު އެކަހަލަ ކަމެއް ކުރީމަ.
ކިޑާޑު
24 October 2025
ބައްސާމް އާއި ބައްދަލު ނުކުރޭތަ.
ބުލެޓާ
24 October 2025
އޭނަކުޅެފާނެ ރައީސް ޓީމަށްވެސް