އިންފަންޓީނޯ (ވ) އަށް ރައީސް މުއިއްޒު ގައުމީ ފުޓްބޯޅަ ޓީމުގެ ޖާޒީއެއް ހަދިޔާކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
24 އޮކްޓޯބަރ 2025 - 18:52
ރަސްމީ ދަތުރެއްގައި މިއަދު ހެނދުނު ރާއްޖެ ވަޑައިގެންނެވި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް މިއަދު މެންދުރުފަހު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، އިންފަންޓީނޯއާ އެކު ރާއްޖެ ވަޑައިގެންނެވި ފީފާގެ ޖެނެރަލް ސެކްރެޓަރީ މަޓިއަސް ގްރަފްސްޓްރުމް އެހެން އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މިވަގުތު ޗުއްޓީއަކަށް ރާއްޖެ އައިސްހުރި، އިޓަލީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ޑިފެންޑަރު މާކޯ މަޓެރާޒީ ވެސް ވަފުދުގައި ހިމެނުނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އިންފަންޓީނޯ އަށް މަރުހަބާ ވިދާޅުވެ، ވަގުތު ހުސްކުރައްވައިގެން ރާއްޖެ އަށް ދަތުރެއް ކުރެއްވީތީ އޭނާ އަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވައިފަ އެވެ.
ފުޓްބޯޅައަކީ ރާއްޖޭގެ އެންމެ މަގުބޫލު ކުޅިވަރަށްވެފައި، އަދި އެއީ ހުރިހާ ދިވެހީން އެއްބައިވަންތަކުރާ ކުޅިވަރުކަން ފާހަގަކޮށް، ރައީސް ވަނީ ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށް އެމަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރަމުން އަންނަ ކަމުގެ ޔަގީންކަން އިންފަންޓީނޯ އަށް ދެއްވައިފަ އެވެ.
ރައީސް މުއިއްޒު އަށް އިންފަންޓީނޯ (ވ) ވޯލްޑް ކަޕުގެ ރަސްމީ ބޯޅަ ހަދިޔާކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
މީގެ އިތުރުން އެމަނިކުފާނު ވަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމަށް މިއަހަރާއި، އަންނަ އަހަރު ރާވާފައިވާ މަސައްކަތްތަކުގެ ތަފްސީލް ދެއްވައިފަ އެވެ.
ރައީސް ވަނީ، ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމް އާއި އެ އެސޯސިއޭޝަނުގެ ލީޑާޝިޕުން ކުރަމުން އަންނަ މަސައްކަތަށް ފުރިހަމަ އިތުބާރާއި، ސަޕޯޓް އޮތް ކަމަށް ވެސް ވިދާޅުވެފަ އެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މަތީ އިދާރާގެ ރައީސް އިންފަންޓީނޯ ވެސް ވަނީ ރާއްޖޭގައި ފުޓްބޯޅަ އިތުރަށް ދިރުވައި އާލާކުރުމަށް އެ އިދާރާ މަސައްކަތްކުރަމުން އަންނަކަމުގެ ޔަގީންކަން ރައީސަށް ދެއްވައިފަ އެވެ. އެފްއޭއެމްގެ ކުރިއެރުމަށް މަސައްކަތްކުރާނެ ކަމަށާއި، ދެ ފަރާތް ގުޅިގެން މަސައްކަތްކުރާނެ އިތުރު ދިމާތައް ހޯއްދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ގައުމީ ފުޓްބޯޅަ ޓީމުގެ ޖާޒީއެއް އިންފަންޓީނޯ އަށް ހަދިޔާކުރައްވައިފަ އެވެ. އަދި އިންފަންޓީނޯ ވަނީ އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ރަސްމީ ބޯޅަ ރައީސަށް ހަދިޔާކުރައްވައިފަ އެވެ. މީގެ އިތުރުން އިންފަންޓީނޯ ވަނީ ރައީސް އޮފީހުގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައިފަ އެވެ.
ފީފާގެ ރައީސަކު މީގެ ކުރިން ރާއްޖެ އަށް ވަޑައިގަތީ 2006 ގަ އެވެ. އޭރުގެ ރައީސް ސެޕް ބްލެޓާ ވަޑައިގަތީ ސުނާމީގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރެއްގެ ތެރެއިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލުހާސް މިހުސިން
26 October 2025
މިހާރު މަޑު މަޑުން ދަނީ ދަޑަށް މީހުން ވަންނަން ފަށާފައި. ފޯރި އެބަ އާދޭ. ސަރުކާރުން ރަނގަޅު މަސައްކަތެއް ކުރާކަން އެބަ ފެނޭ.
އަޖުމް
26 October 2025
ފަހުގެ ތާޜިޙެއްގައި ރާއްޖޭގެ ސަރުކާރަކުން އެއްމެ ރަނގަޅަށް ގައުމުގެ އެއްމެ މުހިއްމު ކުޅިވަރު ކުރިއަރުވަން އުޅޭ ފަހަރު މިއީ
އާދަމް ސަލީމް
26 October 2025
މީގެ ސަބަބުން ހަމަ ޔަގީނުންވެސް މިގައުމުގެ ފުޓްބޯޅަ ކުރިއެރުވޭނެ. ކުރީގެ ފޯރި ގެނުވޭނެ. ކުރިޔަށް ވަޑައިގަންނަވާ
އަސްލަމް ވަހީދު
26 October 2025
ރައީސް މުއިޒް ވަރަށް ރަނގަޅު އަސްލު މިކަން ކުރަން ރާވާފައި ހުރި ގޮތް. ގައުމުގެ އެއްމެ އިސްވެރިޔެއްގެ ހައިިސިއްޔަތުން މިދަނީ ފުޓްބޯޅަ އާ އުސްމިން ތަކަކަކަށް ގެންދަން ނުހަނު މަސައްކަތް ކުރަމުން. އެކަން ވަރަށް ފާހަގަވޭ
އިދިކޮޅު ޑިފެންސް ތިވަރަށް މައިތިރިކުރީމަ އައިބު.
25 October 2025
ގައުމުގެ އިދިކޮޅާ ސިޔާސީ މަސްރަހުވެސް ހަމަ ތިގޮތަށް މަނިކުފާނު ހަދާނެ އެއްޗެއް ހަދަންދެން ބަލަހައްޓައިގެން މިތިބެނީ. ތި ގޮތަށް ދިން ޔަގީން ކަމެއްގަތިބޭތާ މިވީ 2 އަހަރު. ވީކަމެއް ހަރާން.
ޗސދޗސޑޝ
25 October 2025
ޤައުމުގެ ކަންކަން ދަނީ ރަނގަޅަށް. ސިގިރޭޓުގެ ވިހައިން އަންނަން އޮތް ޖީލު ސަލާމަތް ކުރަން ރަނގަޅު ފިޔަވަޅެއް އަޅައިފި. ފައިސާ ޗާޕު ނުކުރޭ، އެއްވެސް މީހެއްގެ ވަޒީފާއެއް ނުގެއްލޭ، އެއްވެސް މީހަކަށް ދީފައި އޮތް އެއްޗެއް އަތުނުލާ. ކުށެއްނެތް އެއްވެސް މީހަކު ޖަލަށްނުލާ. އެއްވެސް މީހަކަށް ސަރުކާރުން އަނިޔާއއް ނުކުރޭ. ދެން ބުނާނެ މުޒާހަރާ ކުރިމީހުންނޭ ފަޅޮލޭ.
ޑިފެންސަށް
25 October 2025
ކޮން ކަމެއް ގޯސްވެގެން ތިއުޅެނީ؟