ދ. މީދޫ ފުޓްސަލް ދަނޑު ހުޅުވުމުގެ ގޮތުން ބޭއްވި ފުޓްސަލް މެޗެއްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް
23 އޮކްޓޯބަރ 2025 - 11:36
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މާދަމާ ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު މާދަމާ ހަވީރު ހާއްސަ ފުޓްބޯޅަ މެޗެއްގައި ބައިވެރިވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ދުނިޔޭގެ ފުޓްބޯޅަ އިދާރާގެ ރައީސަކު 19 އަހަރަށް ފަހު ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުގައި މާދަމާ ހެނދުނު ވަޑައިގެން އިންފަންޓީނޯގެ ޝެޑިއުލުގައި އޮތް އެންމެ މުހިއްމު ކަމަކީ ރައީސާ އެކު ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމެވެ. އެފްއޭއެމުން ބުނީ މި ބައްދަލުވުމުގައި ދެ ބޭފުޅުން ރާއްޖޭގެ ފުޓްބޯޅައިގެ ކުރިއެރުވުމާ ބެހޭގޮތުން ވާހަކަދައްކަވާނެ ކަމަށެވެ.
ދެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ހާއްސަ ފުޓްބޯޅަ މެޗު އޮންނާނީ އިންފަންޓީނޯގެ ޝަރަފުގައި މާދަމާ ހަވީރު 4-6 އަށް ގަލޮޅު ދަނޑުގައި ބާއްވާ އެގްޒިބިޝަނުގެ ތެރެއިންނެވެ. މި ހަރަކާތުގައި، ރާއްޖޭގެ ޔޫތު ޓީމުތަކާއި، އެކަޑަމީތަކުގެ ޓީމުތަކުގެ މެދުގައި ވެސް މެޗުތައް ކުޅޭނެ އެވެ.
އެފްއޭއެމުން ވަނީ ރާއްޖޭގެ ފުޓްބޯޅަ އާއިލާގެ މެމްބަރުންނާއި، ފުޓްބޯޅަ އަށް ލޯބިކުރާ މީހުންނާއި، ހެޔޮއެދޭ ފަރާތްތަކައް މި ހަރަކާތުގައި ބައިވެރިވުމަށް ދަނޑަށް އައުމަށް ދައުވަތު ދީފަ އެވެ.
އެއް ދުވަހުގެ މި ދަތުރަށް ފަހު އިންފަންޓީނޯ މާދަމާ ރޭ ރާއްޖޭން ފުރާވަޑައިގަންނަވާނެ އެވެ.
ފީފާގެ ރައީސަކު މީގެ ކުރިން ރާއްޖެ އަށް ވަޑައިގެންނެވީ 2006 ގަ އެވެ. އޭރުގެ ރައީސް ސެޕް ބްލެޓާ ވަޑައިގަތީ ސުނާމީގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރެއްގެ ތެރެއިންނެވެ. އެ ފަހަރު ރައީސް މައުމޫން އަބްދުލްގައްޔޫމާ ބައްދަލުކުރައްވައި ބްލެޓާ ވަނީ ރާއްޖޭގެ ސުނާމީ ރިކަވަރީ ޕްރޮގްރާމަށް ފީފާގެ ފަރާތުން ދެ މިލިއަން ޑޮލަރު ހަދިޔާކުރައްވައިފަ އެވެ.
އިންފަންޓީނޯ ވަނީ 2022 ގެ ވޯލްޑް ކަޕަށް ފަހު ޗުއްޓީ ދަތުރެެއްގައި ރާއްޖެ ވަޑައިގެންފަ އެވެ. އެކަމަކު އެ ފަހަރު ރަސްމީ އެއްވެސް މަސައްކަތެއް ނުކުރައްވަ އެވެ.
މިފަހަރު މިއީ ރާއްޖޭގެ ފުޓްބޯޅަ އަލުން ކޮޅަށް ނަގަން އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތަށް ހިތްވަރު ދެއްވުމަށް ކުރައްވާ ދަތުރެކެވެ. ކޮރަޕްޝަނުގެ މައްސަލައެއްގައި މިހާރު ވެސް ޖަލުގައި ހުރި ބައްސާމް އަދީލް ޖަލީލުގެ ދައުރުގައި އެފްއޭއެމް ތެރޭގައި ކޮރަޕްޝަނުގެ ފުޅައަޅައި، ހިންގުން ދޯދިޔާވެ ފުޓްބޯޅަ އޮތީ ހުއްޓިފަ އެވެ. މިހާރުގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ރައީސްގެ މަގާމަށް ވަޑައިގެންނެވީ އެ ހާލަތު ބަދަލުކުރަން ފީފާ އިން އައްޔަންކުރި ނޯމަލައިޒޭޝަން ކޮމިޓީން ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ.
ދާދި ފަހުން ތޯރިގް ވަނީ ސްވިޒަލެންޑުގެ ޒިއުރިކުގައި ހުންނަ ފީފާގެ އޮފީހުގައި އިންފަންޓީނޯއާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމަށް ފަހު އިންފަންޓީނޯ ވަނީ ތޯރިގުގެ މަސައްކަތަށް ތައުރީފުކުރައްވައިފަ އެވެ. އަދި ދާދި ފަހުން ސްރީ ލަންކާ ބަލިކޮށް ރާއްޖޭން ހޯދި ސައުތު އޭޝިއަން ސުޕަ ކަޕްގެ ކާމިޔާބަށް ވެސް އޭނާ ތައުރީފުކުރެއްވި އެވެ.
"ކުރީގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުން (އެފްއޭއެމްގެ) ރައީސް ތޯރިގްގެ މި މަސައްކަތުގައި އޭނާގެ ތަޖުރިބާ އާއި ވިސްނުން ކުރިއަށް ނެރޭނެކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަމެވެ،" އިންފަންޓީނޯ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަތްދައްތަ
23 October 2025
ރައީސަށް ބޫޓެއް ގެނެސް ދިންކަމަށް ޚަބަރުތައް ދިރާސާކުރާ މުޙައިލުން ބުނަނީ. ކަޅު ޔޫރަފް ސައިޒްގެ ދިގު ބޫޓެއްކަމަށްވަނީ ގެނައީ.
ޢަލީ ކުރުސީ
23 October 2025
އިންފަންޓީނޯ އަށް ހެލްމެޓެއް ދެއްޗޭ ކޮންމެވެސް ކުއްޖަކު، ދެން އެސަރަޙައްދުން ދަތުރުކުރައްވާ ބޭފުޅުންވެސް މަތިން ވެއްޓިދާނޭ ތަކެއްޗަށް ސަމަަލުވެގެން ދަތުރުކުރެއްވުމަށް އިލްތިމާސް ކުރަން!
ސުންދުސީ
23 October 2025
ސްކޫލް ދައުރުގަ ވެސް ފްޓްބޯޅަ ދުވަހަކު ވެސް ނުކުޅުއްވާ ބޭފުޅަކު ދެން މިހާރު ކުޅުއްވާނީ ކިހިނެތްބާ! ބަލަމާ ހިގާ ދޯ
އާރަށް
23 October 2025
އާރަށުގައި ސިފައިންނާއިއެކު ކުޅެން ދަސްކުރީ. އަދިވެސް ރަގަޅަށް ބޯޅަ އިގަ ޖަހަން ނޭންގޭ.
އުދުހޭ
23 October 2025
ކޮންމެވެސް މީހަކު އިންފަންޓީނޯ ކައިރި ބުނެދެއްޗޭ މަތިން އައިސްދާނެ ބޫޓިކިބައަކަށް ސަމާލުވައްޗޭ
އޮނަރަބްލް އަފީފު ދީދީ
23 October 2025
ދެ ރައީސުންގެތެރެއަށް އެމަރިކާ އަދި ރަޝިޔާގެ ރައީސް ގެނެސް 4 ރައީސުން ކުޅުނުކަމަށް ވިޔަސް ރާއްޖޭގެ ފުޓްބޯޅަ ޑިސެންޓްރަލައިޒް ކޮށް ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތުރީޖަން، ކ.އަތޮޅުން (މާލެހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާންރީޖަން ކަމުގައިކަޑައަޅާ 3 ރީޖަންގެތެރެއިން ކޮންމެ ރީޖަނެއްގައިވެސް "ރީޖަނަލް އެސޯސިއޭޝަން" ޤާއިމްކޮށް ހަމަހަމަ އުސޫލުން ރާއްޖޭގެ ހުރިހާ ރަށަކަށް ފުރުސަތުނުދޭނަމަ، ގަލޮޅު ދަނޑަށް ވަންނާނެ ބަޔަކު ނުވާނެ.
ހުމާ
23 October 2025
ބަލަ އަފީފުބޭ. ކޮން ފުރުސަތެއްހޭ ނުލިބެނީ. ތި ރަށުގަ ކުޅޭ އިރުވެސް ނުކުންނަނީ 100 އެއްހާ މީހުން. އޭގެން އާމްދަނީ އެއް ލިބޭނީއެއްނޫން. ތި ފުޓްސަލްއެއް މާ ފޯރިގަ ކުޅޭ އިރުވެސް ޙަޤީޤަތުގައި މޮޅުވެގެން ލިބޭ އެއްޗަކަށް ވުރެ ގިނައިން ކުއާޓަރ އިން ކަޓާ ޓީމުތަކުން ވެސް ހަރަދު ކުރޭ. ސަޕޯޓުކުރާ ޓީމުގެ ޖާރޒީވެސް ޓީމުން ހައްދާފަ ބަހަންޖެހެނީ. މިހާރު އެޔޮތީ ދިވެހި ލީގު ހޯމް އެންޑް އަވޭ ކޮށް ކުޅެން ނިންމާފަ. މާލޭ ލީގުގަ ވެސް 3 ޓީމު އަސްލު އޮތީ ރަގަޅަށް.
ކުޑަސޮރާ
23 October 2025
އޭދަފުށީފައި ގޯލުގެއްސިގޮތަށް "އަން ރައީސް ގޯލުޖައްސަވާ މިތިބީ ދުރުގާ" މޮޅު ކުޅުންތެރިޔާވާނެތޯ
ފިލާވެއާރހައުސް
23 October 2025
އެފްއޭއެމްގެ ހުރިހާ ހުސްބިމެއްގަ ގުދަންބަރިއެއް އަޅާދީބަލަ. ފުޓުބޯޅަ ކުރިއަރުވަން.
ރަދީފު ބިން ރަފައިދާ
23 October 2025
މެޗުގެ ޝަރަފުވެރި މެހެމާނަކަށް ބައްސަ ރަނގަޅުވާނެ. އިންފަންޓީނޯގެ ގާތް ރައްޓެއްސެއް އެއީ. ދިވެއްސަކަށް އޭނާ ދަންނަ ހަމައެކަނި މީހާކަމަށްވެސް ވެދާނެ. ދެގަޑިއެއްހާއިރަށް ބައްސަ ނެރެލުން ކިހިނެއްވާނެތޯ؟ ރައީސަށް މި އައިޑިޔަރު ކޮންމެވެސްމީހަކު ފޯރުކޮށްލައިދޭނެކަމަށް އުންމީދުކުރަން.
އެކޮއި
23 October 2025
''ބްލެޓާ ވަނީ ރާއްޖޭގެ ސުނާމީ ރިކަވަރީ ޕްރޮގްރާމަށް ފީފާގެ ފަރާތުން ދެ މިލިއަން ޑޮލަރު ހަދިޔާކުރައްވައިފަ އެވެ.'' މި ދެމިލިޔަން ޑޮލަރަށްކުރީ ކޮންކަމެއް؟ އެތައް އަހަރެއް ފާއިތުވެގެންދިޔައިރުވެސް އެ ކާރިސާގައި ގެދޮރު ގެއްލިގެންދިޔަ އެތައްބަޔަކު ވަންނާނެ ތަނެއްނެތިފައިތިބިތަން މިޤައުމުދެކެފި. މިކަހަލަ ކިތައް 2މިލިޔަން ޑޮލަރު ސަރުކާރަށް ވަދެފައިހުންނާނެ. އެކަމަކު ރައްޔިތުމީހާއަށް ލިބުނިއްޔާ ލިބުނީ ކޮޅުދާލިކޮޅެއް.
ރިހާމް މުހައްމަދު
23 October 2025
ގައުމުގެ ފުޓް ބޯޅަ ކުރިއަރުވަން ރާއްޖޭގެ ރައީސަކު ނުކުތުމަކީ ފަހުރުވެރިވާން ޖެހޭ ކަމެއް. މީގެ ސަބަބުން ރާއްޖޭގެ ފުޓް ބޯޅަވެސް ޕްރޮމޯޓްވާނެ