ކުޅިވަރު / ޖިއާނީ އިންފަންޓީނޯ

އިންފަންޓީނޯއާ އެކު ޖޫނިއާ ކުޅުންތެރިންނަށް އީދެއް

އެކެޑެމީތަކުގެ ކުޅުންތެރިން މިއަދުގެ އިވެންޓުގައި ރައީސް މުއިއްޒު އާއި ފީފާގެ ރައީސް އިންފަންޓީނޯ ވަށާލައިގެން. -- ފޮޓޯ: އެފްއޭއެމް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު މެންދުރުފަހު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި، އޭނާ ފާހަގަކުރެއްވި އެއް ނުކުތާއަކީ ފުޓްބޯޅައިން ވަރުގަދަ ގައުމަކަށް ވުމަށްޓަކައި، ކުޑަކުދިންގެ ހުނަރު ތަރައްގީކުރުމުގެ މުހިއްމުކަމުގެ ވާހަކަ އެވެ. އޭގެ އިރުކޮޅެއް ފަހުން ގަލޮޅު ދަނޑަށް އިންފަންޓީނޯ ޒިޔާރަތްކުރެއްވި އިރު، އެތަނުން ފެނުނީ އެފަދަ ފުރުސަތުތަކަކަށް ފެންބޮވައިގެންފައިވާ ހުނަރުވެރި އެތައް ސަތޭކަ ކުދިންނެވެ. ރާއްޖޭގެ އެކެޑެމީތަކާއި، ޖޫނިއާ ޓީމުތަކުގެ ކުޅުންތެރިންނެވެ.

ރަސްމީ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގެންނެވި އިންފަންޓީނޯގެ ޝަރަފުގައި ބޭއްވި އެ ފުޓްބޯޅަ އެގްޒިބިޝަންވީ އެ ކުދިންނަށް އީދަކަށެވެ. އެކެޑެމީތަކުގެ ޓީމުތަކުގެ ބޭއްވި މިނީ ފުޓްބޯޅަ މެޗުތަކަށް ފަހު އެ ކުދިން އިންތިޒާރުކޮށްގެން ތިބީ، ރައީސް މުއިއްޒު އާއި އިންފަންޓީނޯގެ ޓީމަކާ ދެމެދު ކުޅޭ ހާއްސަ މެޗަށް ދެ ބޭފުޅުން ވަޑައިގަންނަވާނެ ވަގުތަކަށެވެ. އެ މެޗުގެ ކުރިން ވެސް، މެޗަށް ފަހު ވެސް ރައީސް އާއި އިންފަންޓީނޯ ގިނަ ވަގުތު ހޭދަކުރައްވަން ޖެހިވަޑައިގަތީ އޮޓޯގްރާފް ދެއްވުމުގަ އެވެ. ބައެއް ކުދިން ދިއްކޮށްލީ ގަނޑުކޮޅެކެވެ. އަނެއްބައި ކުދިން ބޫޓެވެ. ބައެއް ކުދިން ޖާޒީގައި ވެސް ސޮއިކުރުވި އެވެ.

އެކެޑެމީތަކުގެ ކުޅުންތެރިން މިއަދުގެ އިވެންޓުގައި ފީފާގެ ރައީސް އިންފަންޓީނޯ ވަށާލައިގެން. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އިންފަންޓީނޯ ކޮންމެ ގައުމަކަށް ވެސް ކުރައްވާ ޒިޔާރަތުގައި ހިމެނޭ މުހިއްމު ނަމްބަރެއްގެ ގޮތުގައި އޮންނަ މި ފުޓްބޯޅަ މެޗު 6-4 ގެ ސްކޯއަކުން ކާމިޔާބުކުރީ އިންފަންޓީނޯގެ ޓީމެވެ. އެ ޓީމުގައި ދުނިޔޭގެ ފުޓްބޯޅަ ލެޖެންޑެއް ކަމަށްވާ އިޓަލީގެ މާކޯ މަޓެރާޒީ ވެސް ހިމެނުނެވެ. އޭގެ އިތުރުން ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިން ކަމަށްވާ، އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އާއި މުހައްމަދު އުމެއިރާއި، އިމްރާން މުހައްމަދާއި، އަލީ ޝިހާމް (ހުރާ އައްޔަ) އަދި މަޝްހޫރު ކޯޗު އަލީ ސުޒޭން ވެސް ކުޅުނީ އެ ޓީމަށެވެ.

ރައީސްގެ ޓީމުގައި އެމަނިކުފާނުގެ ދަރިކަލުން އުމޭރު މުހައްމަދު މުއިއްޒު އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، އެޓާނީ ޖެނެރަލް އަހުމަދު އުޝާމާއި، ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު (ހެރިންސް އައްލޯ) އާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒާއި، ކެބިނެޓް ސެކްރެޓަރީ އަހުމަދު އަލީ ހަބީބް އަދި ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހީމް ޝިއުރީ ވެސް ހިމެނުނެވެ. ޓީމުގެ ކޯޗަކީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ހުސެއިން މުހައްމަދު ލަތީފެވެ.

އެކެޑެމީތަކުގެ ކުޅުންތެރިން މިއަދުގެ އިވެންޓުގައި ރައީސް މުއިއްޒު ވަށާލައިގެން. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މި މެޗުގައި އެންމެ ފުރަތަމަ ވެސް ފެނުނީ، އިޓަލީން 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ފައިނަލް މެޗުގައި ލަނޑު ޖެހި މަޓެރާޒީގެ ހުނަރެވެ. ފުރަތަމަ ލަނޑު އޭނާ ވައްދާލީ ބޮލުންނެވެ. ދެ ވަނަ ލަނޑު ޖެހީ އޯވާހެޑް ކިކަކުންނެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް ޓޮމް ވެސް ގޯލެއް ވައްދާލި އެވެ. އަދި އޭނާގެ ޓްރޭޑްމާކް "އީގަލް" ސެލެބްރޭޝަން ވެސް ދައްކާލި އެވެ.

ރައީސްގެ ޓީމަށް ގޯލް ޖެއްސެވީ އެމަނިކުފާނުގެ އިތުރުން، ދަރިކަލުން އުމޭރާއި ހެރިންސް އައްލޯ އާއި ޝިއުރީ އެވެ.

މެޗުގެ ފަހު ކަށިގަނޑާ އެކު، ކުޑަކުދިންތައް އަލުން ދަނޑަށް އަރައި ރައީސާއި، އިންފަންޓީނޯ އާއި ފީފާގެ އިސް އޮފިޝަލުން ވަށާލި އެވެ. އެ ކުދިންނަށް އޮޓޯގްރާފް ދިނުމުގައި އެތައް ވަގުތެއް މި ފަހަރު ވެސް ހޭދަކުރަން ޖެހުނެވެ. ނަމަވެސް އެއްވެސް ޝަކުވާއެއް ނެތި އެވެ. އެ ބޭފުޅުންނަށް އެ ދެއްވުނީ މުސްތަގުބަލުގައި ޕްރޮފެޝަނަލް ކުޅުންތެރިންނަށް ވާން ތިބި އެ ކުދިންނަށް، ވަރަށް އަގުހުރި ހިނދުކޮޅެކެވެ.

0 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 6%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 56%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454