އާ ސަރުކާރުން ވަޒީރުންގެ މަޖިލީހަށް އައްޔަނުކޮށްފައިވާ ބޭފުޅުންނަށް ރުހުން ނުދީ ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރު ނިންމައި ޗުއްޓީއަށް ގޮސްފައިވާއިރު، އެ މައްސަލަ ބަލަން ހަވާލުކޮށްފައިވާ ކޮމިޓީގެ މެޖޯރިޓީ ރޭ އެމްޑީޕީއަށް ގެއްލިފައިވަނިކޮށް، ރުހުން ދިނުމާ ގުޅޭގޮތުން ގޮތެއް ނިންމަން އެ ކޮމިޓީގެ ބައްދަލުވުމެއް މާދަމާ ބާއްވަން ތާވަލުކޮށްފި އެވެ.

މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މިހާތަނަށް ތިން ފަހަރަށް އިތުރުކޮށްފައިވާ އިރު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް ނުނިންމާ އަހަރުގެ ފަހު ދައުރުގެ އެންމެ ފަހު ޖަލްސާ ނިންމައި، އަންނަ ފެބްރުއަރީ މަހާ ހަމައަށް މަޖިލިސް ޗުއްޓީއަށް ގޮސްފަ އެވެ.

ސަރުކާރުގެ 22 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް ފޮނުވީ 20 ނޮވެމްބަރު 2023 ގަ އެވެ. އެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ފާސް ކުރި ނަމަވެސް ނިޒާމީ މައްސަލައަކާ ގުޅިގެން ރިޔާސަތުން ވަނީ އެ މައްސަލަ އަނބުރާ ކޮމިޓީ އަށް ފޮނުވައިފަ އެވެ.

އޭގެ ފަހުން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ކޮމިޓީ ބައްދަލުވުން ބާއްވާފައެއް ނުވެ އެވެ.

ކޯރަމް ހަމަނުވާ ކަމަށް ބުނެ ކޮމިޓީ މަރުހަލާގައި ވަޒީރުންނަށް ރުހުން ނުދީ ދިގު ދަންމަނީ ސަރުކާރަށް ދަތިކުރަން ކަމުގެ ތުހުމަތު މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީއަށް ކުރެ އެވެ.

އެކަމަކު ރޭ އެމްޑީޕީގެ މެމްބަރުންތަކެއް ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއި ކުރުމާ އެކު، ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ގެއްލިފައިވަނިކޮށް، ވަޒީރުންގެ ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށް، މާދަމާގެ ހެނދުނު 11:00 އަށް ކޮމިޓީގެ ބައްދަލުވުމެއް ވަނީ ތާވަލުކޮށްފަ އެވެ.

ބާރަ މެމްބަރުން ތިއްބަވާ ކޮމިޓީގައި އޭރު އެމްޑީޕީގެ ހަތް މެމްބަރުން ތިއްބެވި އެވެ. އެކަމަކު ރޭ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ ވަނީ ޕީއެންސީއަށް ސޮއި ކުރައްވައިފަ އެވެ. އެހެންކަމުން، ވޯޓު ހަމަހަމަވެގެން މެނުވީ ވޯޓު ލުމުގެ ހައްގު ނޯންނަ ކޮމިޓީގެ މުގައްރިރު އަދި މާފަންނު ހުނޅަގު ދާއިރާ މެމްބަރު މުހައްމަދު ފަލާހް ނުހިމަނައި ކޮމިޓީގައި ދެން ތިއްބަވާނީ އެމްޑީޕީގެ ފަސް މެމްބަރުންނެވެ.

އެ ކޮމިޓީގައި ދެން ތިއްބަވަނީ، އާދަމް އަލީ އާ އެކު ޕީޕީއެމް/ޕީއެންސްގެ ތިން މެމްބަރުންނާއި، ޑިމޮކްރެޓްސްގެ ދެ މެމްބަރުން، އަދި އެމްއެންޕީގެ މެމްބަރެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަ ދައުރުން ބޭރުން ހާއްސަ ޖަލްސާއެއް ބާއްވައިގެން ނިންމުމުގެ ފުރުސަތު އޮތް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

މަޖިލިހުގެ މައިނޯރިޓީ ޕާޓީއަކީ 13 މެމްބަރުންނާ އެކު ޑިމޮކްރެޓްސް އޮތަސް، ރޭ ޕީއެންސީއާ އަލަށް ގުޅިވަޑައިގެންނެވި 13 މެމްބަރުންނާއި މިހާރު ތިއްބެވި ދެ މެމްބަރުންނާ އެކު މަޖިލިހުގެ މައިނޯރިޓީ ޕާޓީ އަށް ދެން ވާނީ ޕީއެންސީ އެވެ. ޕީއެންސީގެ 15 މެމްބަރަކު ދެން މަޖިލިހުގައި ތިއްބަވާނެ އެވެ. ޕީއެންސީއާ އެކު ކޯލިޝަނެއްގެ ގޮތުގައި މަސައްކަތްކުރާ ޕީޕީއެމްގެ ދެ މެމްބަރަކު މަޖިލިހުގައި ތިއްބަވަ އެވެ.