ރައްޔިތުންގެ މަޖިލިހުގައި ސުޕަ މެޖޯރިޓީ ދަމަހައްޓާ އެމްޑީޕީގެ 12 މެމްބަރަކު ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއާ މިރޭ ގުޅިވަޑައިގެންފި އެވެ. މިއާ އެކު މަޖިލިހުގެ މައިނޯރިޓީ ޕާޓީއަކަށް ޕީއެންސީ ވާނެ އެވެ. މި ބަދަލާ އެކު، މަޖިލިހުގައި ތިއްބަވާ އެމްޑީޕީގެ މެމްބަރުންގެ އަދަދު ވެސް 44 އަށް ދަށްވީ އެވެ. އެމްޑީޕީގެ 56 މެމްބަރަކު މިހާތަނަށް މަޖިލިހުގައި ތަމްސީލުކުރި އެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ޕީއެންސީއާ ގުޅިވަޑައިގަތީ:

1- މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ)

2- ފޭދޫ ދާއިރާގެ މުހައްމަދު ނިހާދު.

3- އިސްދޫ ދާއިރާގެ އަލީ ހަމީދު.

4- ކަނޑިތީމު ދާއިރާގެ އަބްދުﷲ ޝަހީމް އަބްދުލްހަކީމް.

5- ކުރެންދޫ ދާއިރާގެ އަބްދުލް ޣަނީ މުހައްމަދު.

6- މަތިވެރި ދާއިރާގެ ހަސަން ޒަރީރު.

7- މުލަކު ދާއިރާގެ އިބްރާހިމް ނަސީރު.

8- ނިލަންދޫ ދާއިރާގެ އަބްދުލް މުހުސިން ހަމީދު (ޖޭފޯ)

9- މާފަންނު ދެކުނު ދާއިރާގެ އާދަމް އަލީ (އާދަންކޮ)

10- ކޮމަންޑޫ ދާއިރާގެ މުހައްމަދު ރާޝިދު (ރާޑޯ)

11- ތޮއްޑޫ ދާއިރާގެ ހަސަން ޝިޔާން (ގިޓާ)

12- ގުރައިދޫ ދާއިރާގެ އިބްރާހިމް ޝާޒް

13- މައްޗަންގޮޅި ދެކުނު ދާއިރާގެ އަހުމަދު ހައިތަމް

މީގެ ތެރެއިން ހައިތަމަކީ ވެސް ކުރިން އެމްޑީޕީގެ މެމްބަރެކެވެ. އެކަމަކު އެ ޕާޓީން ވަކިވެވަޑައިގެން ހުންނަވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

ފޭދޫ ދާއިރާގެ މެމްބަރު ނިހާދާއި ތޮއްޑޫ ދާއިރާގެ ޝިޔާން އަދި ގުރައިދޫ ދާއިރާގެ ޝާޒު މިރޭގެ ޖަލްސާގައި ވަޑައިގެން ނެތަސް އެ ޖަލްސާގައި އިއުލާންކުރި ގޮތުން އެ ތިން ބޭފުޅުން ވަނީ ޕީއެންސީ އަށް ސޮއިކުރައްވައި ކުރިން ފޯމު ހަވާލު ކުރައްވައިފަ އެވެ.

މަޖިލިހުގެ މައިނޯރިޓީ ޕާޓީއަކީ 13 މެމްބަރުންނާ އެކު މިހާތަނަށް ޑިމޮކްރެޓްސް ޕާޓީ އެވެ. އެ ކަމަކު މިރޭ ޕީއެންސީއާ އަލަށް ގުޅިވަޑައިގެންނެވި 13 މެމްބަރުންނާއި މިހާރު ތިއްބެވި ދެ މެމްބަރުންނާ އެކު މަޖިލިހުގެ މައިނޯރިޓީ ޕާޓީ އަށް ދެން ވާނީ ޕީއެންސީ އެވެ. ޕީއެންސީގެ 15 މެމްބަރަކު ދެން މަޖިލިހުގައި ތިއްބަވާނެ އެވެ. ޕީއެންސީއާ އެކު ކޯލިޝަނެއްގެ ގޮތުގައި މަސައްކަތްކުރާ ޕީޕީއެމްގެ ދެ މެމްބަރަކު މަޖިލިހުގައި ތިއްބަވަ އެވެ.

ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާ ޖަލްސާގައި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވި ގޮތުގައި ޕީއެންސީގެ ދަފްތަރުގައި ތިބި މެމްބަރުންގެ އަދަދު މިހާރު ވަނީ 40،000 އަށް ވުރެ މަތީގަ އެވެ. އަދި މި އަހަރު ނިމޭއިރު، ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއަކަށް ޕީއެންސީ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.