ރިއަލް އެސްޓޭޓް ގާނޫނެއް ހަދަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަށް އާއްމުންގެ ހިޔާލު ހުށަހަަޅަން ދެ ހަފުތާގެ މުއްދަތެއް ދޭން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.
ރިއަލް އެސްޓޭޓް ބިލަށް އާއްމުންގެ ހިޔާލު ހުށަހަޅަން ދެ ހަފުތާގެ މުހުލަތެއް ދޭން އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހުށަހެޅުއްވީ ހޯރަފުށި ދާއިރާގެ މެންބަރު އަލީމޫސާ އެވެ. ވިލިނގިލި ދާއިރާގެ މެންބަރު އާދަމް އަބްދުލްއަޒީޒު ތާއީދު ކުރެއްވި އެ ހުށަހެޅުން ފާސްކުރީ ކޮމިޓީގެ އަޣުލަބިއްޔަތުންނެވެ. އެ ގޮތަށް ފާސްކުރަން ފެނިވަަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.
ކޮޮމިޓީގެ ނިންމުމުގައިވާ ގޮތުން މިއަދުން ފެށިގެން އަންނަ ޑިސެމްބަރު ދެވަނަ ދުވަހާ ހަމައަށް ބިލު އާއްމުންގެ ކޮމެންޓަށް ހުޅުވާލުމާ އެކު، ކަމާ ބެހޭ ހުރިހާ އިދާރާތަކެއްގެ ހިޔާލު އެ މުއްދަތުގެ ތެރޭގައި ލިއުމުން ހޯދާނެ އެވެ.
ރިއަލްއެސްޓޭޓް ބިލަށް ލިއުމުން ހިޔާލު ހޯދާނެ މުއައްސަސާތަކުގެ ގޮތުގައި ކޮމިޓީން ކަނޑައެޅީ އިކޮނޮމިކް މިނިސްޓްރީ އާއި ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަދި ވިޒިޓް މޯލްޑިްވްސް ކޯޕަރޭޝަނެެވެ. އެ ތަންތަނުން ބިލަށް ހިޔާލު ހުށަހަޅައިދޭން އެދި ކޮމިޓީން މިއަދު ސިޓީ ފޮނުވާނެ އެވެ.
ރިއަލް އެސްޓޭަޓް ބިލްގެ އޭގެ އިތުރުން ސިޔާސީ ޕާޓީތަކާއި ދީނީ ޖަމިއްޔާތަކުގެ ހިޔާލު ހޯދަން ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ހުށަހެޅުއްވި އެވެ. އެކަމަކު އެ ހުށަހެޅުމަށް އެއްވެސް މެންބަރަކު ތާއީދު ނުކުރެއްވުމުން ކޮމިޓީގައި އެ ހުށަހެޅުމަށް ވޯޓަކަށް ނާހަ އެވެ.
އާއްމުންނާއި މުއައްސަސާތަކުގެ ހިޔާލު ހޯދަން ދެ ހަފުތާގެ މުހުލަތެއް ދޭން ނިންމިއިރު، ބިލުގެ މަސައްކަތް ކޮމިޓީން ނިންމާނެ ތާރީހެއް ކަމަށް ކަނޑައެޅީ ޑިސެމްބަރު ހަތެކެވެ.
އޭގެ ބަދަލުގައި ބިލުގެ ސުންގަޑި އެެ އަށް ވުރެ ދިގުކޮށް ޑިސެމްބަރު 19 އާ ހިސާބަށް ލަސްކުރަން ސަމީރު ހުށަހެޅުއްވި ނަމަވެސް އެ ހުށަހެޅުމަށް ވެސް ތާއީދު ކުރައްވާނެ މެންބަރަކު ނުވުމުން އެ ހުށަހެޅުަމަކަށް ވެސް ވޯޓަކަށް ނާހަ އެވެ.