ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލް އޮތީ ގާނޫނުއަސާސީ އާއި ގާނޫނުގެ ބާރު ކެނޑޭ ގޮތަށް ނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މިއަދު އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާނު ހުށަހަޅުއްްވާފައިވާ އެ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ޝުޖާއު ވިދާޅުވީ އެ ބިލުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނުގެއްލޭކަން އިދިކޮޅު އެމްޑީޕީގެ މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ރާއްޖޭގެ ބިން ބޭރު އެއްވެސް ބަޔަކަށް މިލްކު ނުވާނެކަން  އެ މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަދި މި ބިލުން، އެއްވެސް ޒަޔަނިސްޓަކަށް، ދިވެހިރާއްޖެ އައިސް ޕްރޮޕަޓީ ނުގަނެވޭކަން، ވަރަށް ސާފު ސަރީހަ ބަހުން މި ބިލުގައި ބަޔާންކޮށްފައި އެބަ އޮތް،" ޝުޖާއު ވިދާޅުވި އެވެ.

"މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" މަޝްރޫއުގެ ނަމުގައި ޔޫއޭއީގެ އީގަލްހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގަން އުޅޭ މަޝްރޫއު އާއި އެ ބިލާ ގުޅުވައި އިދިކޮޅުން ސަރުކާރަށް ކުރާ އެހެން ގިނަ ތުހުމަތުތަކަށް ވެސް ޝުޖާއު މިއަދު ރައްދު ދެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ބިން ބޭރު މީހުންނަށް ވިއްކުމުގެ ފުރުސަތު ލިބޭ ގޮތަށް އެ ބިލުގައި އޮތް ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏަސް ބިލުގެ އަށް ވަނަ ބާބުގައި އޮތީ 99 އަހަރަށް ވުރެ ދިގު މުއްދަތަކަށް ބިން ދޫނުކުރެވޭ ގޮތަށެވެ. އެއީ ރާއްޖޭގައި މިހާރު ވެސް އަމަލުކުރަމުން އަންނަ އުސޫލެެއް ކަމަށާއި ބިދޭސީންނަށް ފްރީހޯލްޑްލްކޮށް ބިން ވިއްކޭނެ ގޮތެއް އެ ބިލުގައި ނެތް ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

"މި ބިލުގެ ދަށުން އެއްވެސް ބިމެއް ފްރީހޯލްޑްކޮށް އަބަދަށް މިލްކުވާ ގޮތަށް ނުވިއްކޭނެ، އެކަން ކަށަވަރު ކޮށްފައި އެބަ އޮތް،" ޝުޖާއު ވިދާޅުވި އެވެ.

ރާއްޖޭގެ ބިން ބިދޭސީންނަށް ފްރީހޯލްޑްކޮށް ދޫކުރާ ގޮތަށް ގާނޫނުއަސާސީއާއި ގާނޫނު ބަދަލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

ރިއަލް އެސްޓޭޓް ގާނޫނުގެ ދަށުން ބޭރުގެ އިންވެސްޓަރަކާ ހަވާލުކޮށްގެން ތަރައްގީކުރާ ސަރަހަައްދުތަކުގައި ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގެ ބާރު ރާއްޖޭގެ ތަންފީޒީ އިދާރާތަކަށް ނޯންނާނެ ކަަމަށް ބުނެ ދައްކާ ވާހަކައަށް ވެސް ޝުޖާއު ރައްދު ދެއްވި އެވެ.

އެ ފަދަ ޒޯނެއްގައި ވެސް ސަލާމަތީ ކަންތައްތައް ބަލަހައްޓާނީ ރާއްޖޭގެ ސަލާމަތީ ބާރުތަކުން ކަމަށް ބިލުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި އެ ތަންތަނުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާނީ ޑިވެލޮޕަރު ކަމަށް ބުނެ ދައްކާ ވާހަައަކީ އޮޅުވާލުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިއަލްއެސްޓޭޓް ބިލު ފާސްކުރަނީ ރަސްމާލޭގައި ޒަޔަނިސްޓުން ވަަަޒަންވެރިކުރަން ކަމަށް ބުނާ ވާހަކަ އަކީ ވެސް ޝުޖާއު ސިފަކުރެއްވި ގޮތުގައި އޮޅުވާލުމެކެވެ.

އެ ބިލު އަވަަހަށް ފާސްކުރަން ނޫޅޭ ކަމަށާއި ބިލަށް ހިޔާލު ހުށަހަޅަން ރައްޔިތުންނަށް ފުރުސަތު ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އިދިކޮޅު ފަރާތްތަކުން އުޅެނީ މި ބިޔަ މަޝްރޫއުގެ ހަގީގަތް އެނގި ތިބެ، ހަގީގަތް އޮޅުވާލައިގެން ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ކަމަށެވެ. އަދި އެ މަޝްރޫއުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ދިވެހި ސަރުކާރަށް ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރަސްމާލެއިން އާންމުންނަށް ދޭ ގޯތިތަކާއި ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށަންވާއިރަށް، އެއީ އަވަހަށް ތަރައްގީ އަންނަ ތަނަކަށް ވާން ޖެހެ އެވެ. ރަސްމާލޭގެ އެއް ބައިގައި އީގަލް ހިލްސްގެ ބޮޑު އިންވެސްޓްމަންޓެއް ކުރިއަށް ގެންދަން ނިންމީ އެ ތަރައްގީ ހާސިލްކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. 

ރިސޯޓު ހިންގަން ރާއްޖޭގެ ރަށްރަށަށް މިހާރު ވެސް ދީފައި ހުރީ 99 އަހަރަށް ކަމަށާއި އެ މުއްދަތު ހަމަވުމުން، އެއްބަސްވުން އޮންނަ ގޮތުން ދައުލަތުން ބޭނުންވެއްޖެ ނަމަ އެ ތަނަށް ކޮށްފައި އޮތް ހަރަދު ދީ، އެތަނެއް ދައުލަތަށް ނެނގޭނެ ކަމަށާއި ނުވަތަ މުއްދަތު އިތުރުކޮށްދިނުމުގެ އިހުތިޔާރު ވެސް އޮންނަ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވެ އެވެ. ރަސްމާލެ މަޝްރޫއު ވެސް ހިންގަނީ އެގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވިި އެވެ.

ރިއަލް އެސްޓޭޓް ބިލްގައި ވަނީ ރާއްޖެއަށް އައުމުގެ ހުއްދަ ނެތް މީހުންނަށް ރަސްމާލޭގެ އިންޓަގްރޭޓެޑް ރިއަލްއެސްޓޭޓް ޒޯނުން ޕްރޮޕަޓީ ގަތުމުގެ ހުއްދަ ނުލިބޭ ގޮތަށް ހިމަނައިފަ އެވެ. 

އިޒްރޭލު ރަށްވެހިކަން އޮންނަ އަދި އެހެން ގައުމުތަކުގެ ޕާސްޕޯޓް އޮންނަ [ޑުއެލް ސިޓިޒެންޝިޕް] ގެ މީހުންނަށް ވެސް ރާއްޖެ އައުން މަނާވާނެ އެވެ. އަދި ހައްޔަރުކުރުމުގެ އަމުރު އައިސީސީން ނެރެފައިވާ މީހުންނަށް ރާއްޖެ ނާދެވޭނެ ކަމަށް އޮތްއިރު، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ސަރުކާރުގެ އިސް ބައެއް މީހުންގެ މައްޗަށް ވަނީ މިފަދަ އަމުރުތައް ނެރެފަ އެވެ.