ރާއްޖޭގައި ލާ ވޯޓުތަކުގައި ހއ. ކެލާ ރައްޔިތުން ބައެއް ފަހަރަށް އެހެން މީހުން ހައިރާންކޮށްލަ އެވެ. ކައުންސިލް އިންތިހާބުގައި އެ ރަށުން ދައްކައިދިނީ ފުރަތަމަ ފަހަރަށް އަންހެނުންނަށް މެޖޯރިޓީ ދިން ތަނެވެ.
މިދިއަ ހަފުތާގައި އޮތް އިންތިހާބުގައި، ތިން މެމްބަރުން ހޮވަން ޖެހޭ ކެލާ ކައުންސިލުގެ ދެ ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީގެ އައިމިނަތު އިސްމާއިލާއި ޕީޕީއެމްގެ އާއިޝަތު މިޒްނާ އެވެ. މިއީ ރާއްޖޭގެ ކައުންސިލެއްގެ މެޖޯރިޓީ އަންހެނުންގެ އަތްމައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
މީގެ ކުރިން ކެލާ ރައްޔިތުން، އެހެން ދިވެހިން ސިއްސުވާލީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ރަށުގެ މެޖޯރިޓީ މީހުން ނޫނެކޭ ބުނެގެންނެވެ. ރާއްޖޭގައި 2003 ގައި އޮތް ރިޔާސީ އިންތިހާބުގައި ރައީސްކަމުގައި މައުމޫން ހުންނަވަން ކެލާގެ ގިނަ މީހުން ނުފެންނަ ކަމަށް ބުނި ބުނުމަކީ، މައުމޫނާ ދެކޮޅަށް ރަށެއްގެ އަގުލަބިއްޔަތު ތިބިކަން ދެއްކި ފުރަތަމަ ފަހަރެވެ.
ކައުންސިލް އިންތިހާބުގައި ކެލައާ ގުޅޭ އެހެން ކަމެއް ވެސް ތާރީޚުގެ ތެރެއަށް ވަދެފައިވެ އެވެ. އެއީ ފުރަތަމަ އިންތިހާބުގައި ކެލާ ވޯޓު ފޮށި ބަންދު ކުރިޔަ ނުދީގެން ފުލުހުންގެ ބެލުމުގެ ދަށުން ރަށުން ބޭރަށް ގެންދިޔަ ހާދިސާ އެވެ. ހަނިމާދުއަށް ގެންގޮސްގެން ވޯޓު ގުނި ނަމަވެސް ފަހުން ކެލާ އިންތިހާބު ވަނީ ކޯޓުން ބާތިލްކޮށްފަ އެވެ. އެއީ ކައުންސިލް އިންތިހާބެއް ކޯޓުން ބާތިލްކުރި ފުރަތަމަ ފަހަރެވެ.
މިފަހަރުގެ ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ކެލާގައި ހަ ކެންޑިޑޭޓުން ވާދަކޮށް އެމްޑީޕީގެ އާމިނަތަށް 508 ވޯޓު ލިބިވަޑައިގެންނެވި އެވެ. ޕީޕީއެމްގެ މިޒްނާ ތިން ވަނައަށް ދިޔައީ 476 ވޯޓާ އެކު އެވެ. ދެ ވަނަ ހޯއްދެވީ 499 ވޯޓު ލިބިވަޑައިގެންނެވި އެމްޑީޕީގެ އާދަމް ޢުފްރާނެވެ.
ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި 45 އަންހެން ކެންޑިޑޭޓުންގެ ތެރެއިން 23 ބޭފުޅަކު އިންތިހާބު ކާމިޔާބު ކުރެއްވި އެވެ. ޕީޕީއެމްގެ ފަރާތުން ކުރިމަތިލެއްވި އަދި އިންތިހާބު ކާމިޔާބުކުރެއްވި އަންހެން ކެންޑިޑޭޓުންގެ އަދަދެއް ސާފެއް ނުވެ އެވެ.
ސިޔާސީ ދާއިރާގައި އަންހެނުންގެ ރޯލު ބޮޑުކުރައްވަން ހިތްވަރު ދެއްވަމުން އަންނަ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ކެލާ އިންތިހާބަކީ ދިވެހި އަންހެނުންނަށް ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
"ވަރަށް ރަނގަޅު ފާލެއް މިއީ. ކުރީ ފަހަރަށް ވުރެ މިފަހަރު ކުރިމަތިލެއްވި އަންހެން ކެންޑިޑޭޓުންގެ އަދަދު ވެސް އިތުރު،" ރޮޒައިނާ ވިދާޅުވި އެވެ.
"ކުރިއަށް އޮތް އިންތިހާބުތަކުގައި ވެސް މިއަށް ވުރެ ރަނގަޅުވާނެ ކަމުގެ ނިޝާނެއްގެ ގޮތުގައި މި ފެންނަނީ. ހޭލުންތެރިކަން ވެސް އިތުރުވަމުންދާ ކަން ފާހަގަކޮށްލެވެނީ."
އޭނާ ވިދާޅުވި ގޮތުގައި އާއިލާއެއް ވެސް ފުރިހަމަވަނީ ދެމަފިރިންގެ ނިންމުންތަކުން ކަމަށް ވާތީ ގައުމުގެ ނިންމުންތަކުގައި ވެސް އަންހެނުންގެ ދައުރު އޮންނަން ޖެހޭނެ އެވެ. ކަންކަން ނިންމުމުގައި އަންހެނުންނާއި ފިރިހެނުންގެ ހިޔާލު ތަފާތު ވާނެ ކަމަށާއި އެހެންކަމުން ފުރިހަމަކަމާ އެކު ގޮތެއް ނިންމޭނީ، ދެ ޖިންސުގެ ވެސް ބައިވެރިވުން އޮވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއަ ޕްރޮޖެކްޓް ކޯޑިނޭޓަރު އަދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ކުރީގެ މެމްބަރު އަހުމަދު ތޮލާލް ވެސް ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ކައުންސިލެއްގެ މެޖޯރިޓީ އަންހެން ކެންޑިޑޭޓުން ހޯދުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.
އެކަމަކު އޭނާ ވިދާޅުވި ގޮތުގައި އަންހެން ކެންޑިޑޭޓުންގެ މެޖޯރިޓީއެއް އޮތަސް ހުރިހާ ކަމެއް އެއްފަހަރާ ބަދަލު ނުވާނެ ކަން ގަބޫލުކުރަން ޖެހޭނެ އެވެ. ރާއްޖޭގައި މިހާރު އޮތް ފިރިހެނުންގެ ބާރު ގަދަ ނިޒާމް ބަދަލުވެގެން ދާނީ، ގޮތްތައް ނިންމާ ހިސާބުގައި އަންހެނުންގެ ދައުރު ފުޅާވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަންހެނުންގެ މެޖޯރިޓީ އޮތް ކައުންސިލަކަށް ވިއަސް އެ ބޭފުޅުން ވެސް މަސައްކަތް ކުރައްވާނީ މިހާރު އޮތް ނިޒާމުގެ ތެރެއިން. އަންހެން ކެންޑިޑޭޓުންނަށް ވިއަސް ހުރިހާ ކަމެއް އެއް ފަހަރާ ބަދަލުވެގެން ނުދާނެ،" ތޮލާލް ވިދާޅުވި އެވެ.
"އަންހެނުންނަށް މެޖޯރިޓީ ލިބިގެން ވީ ކޮން ކަމެއް ހެއްޔޭ [އަހާފާނެ]. އެހެންކަމުން އޯވަ އެކްސްޕެކްޓޭޝަން އޮވެގެން ނުވާނެ."
އޭނާ ވިދާޅުވި ގޮތުގައި މިއީ ފެށުމެކެވެ. އެހެންކަމުން އެކަމަށް ހިތްވަރު ދޭން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގައި ފުރަތަމަ އޮތް ކައުންސިލް އިންތިހާބު ކާމިޔާބުކުރެއްވީ އަންހެން އެންމެ ދެ ކެންޑިޑޭޓުންނެވެ. އެކަމަކު މިދިއަ ދައުރުގައި އެ އަދަދު 62 އަށް އިތުރުވި އެވެ.