ހިންނަވަރުން ފެނުނު މި ބަދަލު މުޅި ރާއްޖެ އިން ވެސް ފެންނާނެ: ނާޒިމް

ޅ. ހިންނަވަރުގެ ސިޔާސީ މަސްރަހަށް އައިސްފައިވާ ބަދަލު، މިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ފެނިފައިވާ ކަމަށާއި މި ބަދަލު ކުރިއަށް އޮތް ތަނުގައި މުޅި ރާއްޖެ އިން ވެސް ފެންނާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.


އިދިކޮޅު އެމްޑީޕީގެ ފުރިހަމަ ކޮންޓްރޯލް އޮތް ހިންނަވަރުގެ ކައުންސިލްގެ ފަސް ގޮނޑީގެ ތެރެއިން ހަތަރު ގޮނޑި ކާމިޔާބުކުރީ ވެރިކަން ކުރާ ޕީޕީއެމް އިންނެވެ. އެއާއެކު އަތޮޅު ކައުންސިލްގެ ގޮނޑި ވެސް ލިބުނީ ޕީޕީއެމް އަށެވެ.

މިނިސްޓަރު ނާޒިމް "މިހާރު" އަށް ވިދާޅުވީ އެއީ ސިޔާސީ ގޮތުން ސަރުކާރާއި ޕީޕީއެމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. ސަބަބަކީ މިދިޔަ ހުރިހާ އިންތިހާބުތަކެއްގައި ވެސް އެމްޑީޕީގެ ފުރިހަމަ ކޮންޓްރޯލް އޮތް ތަނަކުން ޕީޕީއެމްގެ ފިކުރު ގަބޫލުކޮށްފައިވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި 2013 ގެ ރިޔާސީ އިންތިހާބުން ފެށިގެން މި އިންތިހާބާ ހަމައަށް، ހިންނަވަރުގައި ޕީޕީއެމްގެ ތާއީދު އަންނަނީ އިތުރުވަމުންނެވެ. ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިންނަވަރުން ކުރި ހޯއްދެވީ ގާތްގަނޑަކަށް 500 ވޯޓުން ކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭގެ ފަހުން ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އޭނާ އާއި އެ ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވާދަކުރައްވައި ވޯޓުގެ ތަފާތު 150 އަށް ކުޑަކުރެވުނު ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"މިއީ ހަމައެކަނި ޕީޕީއެމަށް ލިބުނު ކާމިޔާބެއް ނޫން. މުޅި ހިންނަވަރަށް ވެސް ލިބުނު ކާމިޔާބެއް. އަޅުގަނޑު ދެކޭ ގޮތުގައި މި ކާމިޔާބީ މި ލިބުނީ އެއް އިންތިހާބުން އަނެއް އިންތިހާބުން ބަލިވިޔަސް ވެސް ހިތްވަރު ދެރަ ނުކޮށް ކުރި މަސައްކަތުން،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމަށް ހިންނަވަރުން ކާމިޔާބު ލިބުނު އެއް ސަބަބަކީ، ރައްޔިތުންނާ އެކު ބޭއްވި ގާތް ގުޅުން ކަމަށެވެ. އެމްޑީޕީގެ ވެރިކަމުގައި ހިންނަވަރަށް އަޅާނުލައި ހުރި ކަންކަން ރައްޔިތުންނާ ގުޅިގެން ސަރުކާރުން ފަހިކޮށްދީފައިވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"އެމްޑީޕީން ވޯޓު ހޯދަން ހިންނަވަރުގައި މިހާތަނަށް އެންމެ ބޮޑަށް ކޮށްފައިވާ ކަމަކީ ފައިސާ ބެހުން. އަޅުގަނޑުމެން ރައްޔިތުންނަށް ވިސްނައިދިނީ މިއީ މިހެން ކުރާ ކަމެއް ނޫން ކަން. ވޯޓަކީ އެއަށް ވުރެ މާ މުހިއްމު އެއްޗެއް ކަން. ވޯޓަކީ ރަށުގެ ތަރައްގީ އާއި ހަމަޖެހުމަށް ދޭން ޖެހޭ އެއްޗެއް ކަން، އެކަމަށް އަޅުގަނޑުމެން ރައްޔިތުން ހޭލުންތެރިކުރުވީ. ނަތީޖާ އަކީ ފައިސާ އަށް ވޯޓު ވިއްކާ ނުލުން،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަނެއް ކަމަކީ ހިންނަވަރުގެ ރައްޔިތުންނާ މެދު އެމްޑީޕީގެ ލީޑަޝިޕުން އަޅާނުލުމެވެ. ދާއިރާގެ މެމްބަރު ވެސް އެ ދާއިރާ އަށް ވަޑައިގެންނެވީ އެންމެ ދެ ފަހަރު ކަމަށާއި މާނައަކީ މެމްބަރު ރައްޔިތުންނާ ވަރަށް ދުރު ކަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހިންނަވަރުން ދައްކައިދިން މި ބަދަލުން ޕީޕީއެމަށް ވެސް ހިތްވަރު އާލާވެފައިވާ ކަމަށާއި އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މި ބަދަލު ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަކުން ވެސް ފެންނާނެ ކަމަށް ވިދާޅުވި އެވެ.