ހަތަރެސްފައި ބަނދެފައި ވާދަކުރިއަސް އިންތިހާބުން ޕީޕީއެމް ބަލިވާނެ: ނަޝީދު

ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ރައީސް އަބްދުﷲ ޔާމީނަށް ކެރިވަޑައިނުގެން ލަސްކުރައްވަނީ، އެމްޑީޕީގެ ހަތަރެސްފައި ބަނދެފައި ވާދަކުރިއަސް ޕީޕީއެމް ބަލިވާނެ ކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާތީ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ސްރީ ލަންކާގައި ވިދާޅުވެއްޖެ އެވެ.


ސިޔާސީ މަސްރަހާ ގުޅޭ މަޝްވަރާ ބައްދަލުވުންތަކަކަށް މި ހަފުތާގައި ލަންކާ އަށް ވަޑައިގެންނެވި ނަޝީދު މިއަދު ވަނީ ބާޖަޔާ ހޮޓަލުގައި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ރައްޔިތުންގެ ތާއީދެއް ނެތް ކަން ރައީސް ޔާމީނަށް ވަރަށް ބޮޑަށް ސާފުވެވަޑައިގަންނަވާ ކަމަށެވެ. ވަޒީފާގެ ބިރާއި އެ ނޫން ވެސް ގޮތްގޮތުން ރައްޔިތުންނަށް ބިރުވެރިކަން ދައްކައި، ތަންތަނަށް ނިކުތަ ނުދެނީ ވެސް އެހެންވެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެހެން ގެންގުޅުއްވިއެއް ކަމަކު ވޯޓު ފޮށި ކައިރީގައި ހުއްޓެނީ ތިމަންނާ އެކަނި ކަން ރައީސް ޔާމީނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ. އެ ވޯޓު ފޮއްޓަށް ތި ބޭފުޅުން ލައްވާނެ ވޯޓު ރައީސް ޔާމީނަށް އަންދާޒާ ކުރެއްވޭ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކައުންސިލް އިންތިހާބާ އެކު ދިވެހި ރައްޔިތުންނަށް މިވަނީ އަނެއްކާ ވެސް ފުރުސަތެއް ލިބިފަ އެވެ. ސަރުކާރުން ހިންގާ ކަންކަމާ ދެކޮޅު ހަދައި، މިހާރުގެ ހާލަތުން އަރައިގަތުމަށް އެ ފުރުސަތުގެ ބޭނުން ހިފުމަށް ނަޝީދު ގޮވާލެއްވި އެވެ.

"ވަގު ވެސް ހެދޭނެ އިންތިހާބުގައި، އެކަން އަޅުގަނޑު ގަބޫލުކުރަން. އަދި އިންތިހާބު އޮޅުވާ ވެސް ލެވިދާނެ. އެހެން ނަމަވެސް ބައްލަވާތި، މިއަދު ކޮންމެ ވޯޓު ފޮއްޓެއް ގުނަނީ އެ ވޯޓު ލާ ރަށެއްގައި،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވާހަކަފުޅު ދައްކަވާއިރު ސަޕޯޓަރުން އަޑުއައްސަވަނީ. --ފޮޓޯ: އެމްޑީޕީ

ކައުންސިލް އިންތިހާބުގައި އޮޅުވާލައި މަކަރު ހަދައިފި ނަމަ، ނަޝީދު ވިދާޅުވި ގޮތުގައި، އެ ބޭއިންސާފު 700 ކެންޑިޑޭޓުންނާއި އެ ރަށެއްގެ ރައްޔިތުންނަށް ރައްދުވާނެ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު ފަށާފައިވާ ބްރިޖު ވެސް ނިންމައި ކޮންކްރީޓް އެހެން މަސައްކަތްތައް ފެނުނަސް ތަރައްގީ އަކީ ކޮންކްރީޓުން މިނާ އެއްޗެއް ނޫން ކަން ހުރިހާ ދިވެހިން ވެސް ހަނދާން ބަހައްޓަން ޖެހެ އެވެ. ތަރައްގީ އަކީ އެ މީހަކަށް އަންނަ ބަދަލަކާއި ކުރިއެރުން ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ.

"އެ ތަނަވަސްކަމަކީ ކޮންކްރީޓު ދަގަނޑުން އަޅާ ބްރިޖަކުން ނުވަތަ އެއްގަމު ތޮއްޓަކުން އެހެން ނޫނީ ބޭރު ބޮޑުހިލަ ބަނދަރަކަށް ވިއަސް އަދި ރަށުގައި އަޅާ މަގަކަށް ވިއަސް އޭގައި ނެތް އަޅުގަނޑުމެންގެ އާމްދަނީއެއް. އަޅުގަނޑުމެންގެ ޖީބަށް ވަންނަ އެއްޗެއް ބަދަލުވެގެންދާ ތަނެއް ތި ބޭފުޅުންނަކަށް ނުފެންނާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.