ކެމްޕެއިނަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާ ކަމަށް އިދިކޮޅުން ތުހުމަތުކޮށްފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިނަށް ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުން ކުރަން އެމްޑީޕީން ނިންމާފައިވާ ކަމަށް ބުނެ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި ޕީއެންސީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.


އެ ދެ ޕާޓީން ރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ، އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ދިމާކޮށް، ސަރުކާރުން ރައްޔިތުންނަށް އޮޅުވައިލުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލައިފަ އެވެ. އިންތިޚާބާ ދިމާކޮށް ރައްޔިތުންނަށް އޮޅުވައިލަމުން ދަނީ އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެންނެވެ.

"މަޖިލީހުގެ ރައީސް އިސްވެ ހުންނަވައިގެން މި ހިންގާ ކަންތައްތައް އެއްގޮތަކަށް ވެސް މި ކޯލިޝަނުން ބަލައި ނުގަންނަ ވާހަކަ ދަންނަވަމެވެ،" ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސް ދައުރެއް އަދާކުރައްވާ ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައި ވެ އެވެ.

"ވުމާ އެކު، ރައީސް ޔާމީން އަށް ތާއީދު ކުރައްވާ މި ކޯލިޝަންގެ މެމްބަރުންނާއި ދިވެހި ގައުއުމު ދެކެ ލޯބިވާ އެންމެހާ ރައްޔިތުންނަށް އެމްޑީޕީން ދައްކަމުންދާ ހުވަފެންތަކާއި ދަޅަތަކަށް ނުހެއްލުމަށް މި ކޯލިޝަނުން އިލްތިމާސް ކުރަމެވެ. އަދި މި ޕާޓީ އަށް ތާއީދު ކުރައްވާ ފަރާތްތަކުން މިފަދަ ކަންކަމުގައި ބައިވެރި ނުވުން އެދެމެވެ: އިދިކޮޅު

އެ ދެ ޕާޓީން ބުނީ، މިހާރު އޮތީ ނުފުއްދޭ ވައުދުތައް ވަމުންދާ ސަރުކާރެއް ކަން މިދިޔަ ދުވަސްތަކުގައި ވަރަށް ރަނގަޅަށް ހާމަވެފައިވާ ކަމަށެވެ. އަދި ސަރުކާރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ދިމާކޮށް ރައްޔިތުންނަށް އަނެއްކާ ވެސް ގިނަ ހުވަފެންތަކެއް ދައްކަން މަސައްކަތް ކުރާ ކަމަށް ބުންޏެވެ.

"ވުމާ އެކު، ރައީސް ޔާމީން އަށް ތާއީދު ކުރައްވާ މި ކޯލިޝަންގެ މެމްބަރުންނާއި ދިވެހި ގައުއުމު ދެކެ ލޯބިވާ އެންމެހާ ރައްޔިތުންނަށް އެމްޑީޕީން ދައްކަމުންދާ ހުވަފެންތަކާއި ދަޅަތަކަށް ނުހެއްލުމަށް މި ކޯލިޝަނުން އިލްތިމާސް ކުރަމެވެ. އަދި މި ޕާޓީ އަށް ތާއީދު ކުރައްވާ ފަރާތްތަކުން މިފަދަ ކަންކަމުގައި ބައިވެރި ނުވުން އެދެމެވެ،" ބަޔާނުގައި ބުންޏެވެ.

ޕީޕީއެމް/ޕީއެންސީގެ ނޫސްބަޔާން

ޕީޕީއެމް/ޕީއެންސީން ބުނިގޮތުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓު ދީގެން ނޫނީ ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތެއް ނުކުރެވޭނެ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް، އުތުރުގެ އަތޮޅުތަކަށް ވަރަށް އަވަހަށް ދަތުރުތަކެއް ކުރަން އެމްޑީޕީން ވަނީ ނިންމައިފަ އެވެ.