ރާއްޖޭގެ އުތުރުގައި އެންވެރިކަމަށް ނުކުމެ އުޅުނު މަސްދޯންޏަކުން ގެއްލުނު މީހަކު ރަށެއްގެ ގޮނޑުދޮށަށް ލައްގާފައި އޮއްވައި ރޭ ފަތިހު ފެނިއްޖެ އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ރިސޯޓެއް ހިންގާ ހދ. ހޮނޑާފުށީގެ ދެކުނު ފަރާތުގައި އެންވެރިކަން ކުރަން އޮތް "ބަހުރު" ނަމަކަށް ކިޔާ މަސްދޯންޏަކުން މީހަކު ގެއްލިގެން ރިޕޯޓްކުރުމާ އެކު ކޯސްޓްގާޑުން އޭނާ ހޯދަމުންދަނިކޮށް ފެނުނީ ހޮނޑާފުށީ ގޮނޑުދޮށަށް ލައްގާފައި އޮއްވާ ކަމަށެވެ.
އެ މީހާ ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކުރީ ރޭ ފަތިހު ހަތަރެއް ޖެހިފަހުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، ގެއްލުނު މީހާ ފެނުނީ އޭނާ ހޯދުމުގެ މަސައްކަތުގައި ޑިންގީއެއްގައި އުޅުނު ބަޔަކަށް އޭގެ ދެ ގަޑިއިރެއްހާއިރު ފަހުންނެވެ.
އޭނާއަށް އަވަސް ފަރުވާދިނުމަށް ހދ. ހަނިމާދޫ ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށާއި ފަރުވާ ދިނުމަށް ފަހު އޭނާގެ ހާލު ރަނގަޅު ކަމަށް އެ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެމްއެންޑީއެފުން ނުދެ އެވެ.