ތިން ރަށެއްގައި ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއުއާ ގުޅިގެން އެސްޖޭ ކުންފުނިން ހުށަހެޅި ބިޑްތައް ބަލައިނުގަތީ ގޯސްކޮށް ކަމަށް ނިންމި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ހދ. ހަނިމާދު އާއި ހދ. ނޮޅިވަރަންފަރާއި ތ. ވިލުފުށީގައި ހައުސިން ޔުނިޓް އެޅުމަށް ފެބްރުއަރީ، 2021 ގައި ސަރުކާރުން ކުރި އިއުލާނާ ގުޅިގެން އެސްޖޭ ކުންފުނިން ބިޑް ހުށަހެޅި ނަމަވެސް ބިޑްތައް ޑިސްކޮލިފައިކުރަން ނޭޝަނަލް ޓެންޑާ ބޯޑުން ނިންމި އެވެ. އެ މައްސަލަ އެސްޖޭއިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމާފައިވަނީ އެސްޖޭގެ ބިޑްތައް ޑިސްކޮލިފައިކުރީ ގޯސްކޮށް ކަމަށެވެ.
އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވެސް މިދިޔަ ޖޫން މަހު ނިންމާފައިވަނީ ސިވިލް ކޯޓުގެ ނިންމުން ކަމަށެވެ. އެހެންވެ، އެ މައްސަލަ އިސްތިއުނާފްކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ މަހު އެވެ.
ނަމަވެސް އެ މައްސަލަތައް ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން ވަކި ގޮތެއް މިހާތަނަކަށް ނުނިންމަ އެވެ.
އެ މައްސަލަތައް ދައުލަތުން އިސްތިއުނާފް ކުރިއިރު، ހދ. ހަނިމާދޫގެ ހައުސިން މަޝްރޫއުގެ ބިޑާ ގުޅޭގޮތުން ސިވިލް ކޯޓުން ނިންމާފައި އޮތީ އެސްޖޭ ކުންފުނީގެ ބިޑްތައް ހިމަނައިގެން އަލުން ބިޑް އިވެލުއޭޓް ކުރުމަށެވެ. އަދި ދެން އޮތް ދެ ބިޑާ ގުޅޭގޮތުން އެ ކޯޓުން ނިންމާފައި އޮތީ އެސްޖޭގެ ބިޑް އިވެލުއޭޓް ނުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު އެސްޖޭއަށް ލިބިގެންވާ ކަމަށެވެ.