އެޕަލްގެ ވަޔަލެސް ހެޑްސެޓް، އެއާޕޮޑް 2016 ވަނަ އަހަރު ބާޒާރަށް ނެރުނީއްސުރެ އެއަށް ޖޯކު ޖަހަ އެވެ. މި ކުޑަކުޑަ އެކަމަކު އަގުބޮޑު އާލާތަކީ ވަރަށް ފަސޭހައިން ގެއްލޭ އެއްޗަކަށް އޮންނަނީ ވެފަ އެވެ. އެހެންވެ މީހަކު މި އުޅެނީ އެއާޕޮޑެއް ކަންފަތުލާ އެއްޗަކަށް ބަދަލުކޮށްލައިގެންނެވެ.
ބަޒްފީޑުން ބުނި ގޮތުގައި، އެމެރިކާގެ ވަޖިނިއާގެ އުމުރުން 22 އަހަރުގެ އަންހެނެއް ކަމަށްވާ ގެބްރިއެއްލާ ރީލީ އޭނާގެ އެއާޕޮޑް، ކަންފަތުލާ އެއްޗަކަށް ބަދަލުކޮށްލީ އެ ނުގެއްލޭނެކަން ކަށަވަރުކުރަންވެގެންނެވެ. އޭނާ މިގޮތަށް ހެދުމަށް ފަހު، އޭގެ ވީޑިއޯ ޓްވިޓާގައި އާންމުކުރުމާ އެކު އެ ވީޑިއޯ މިހާރު ވަނީ ވައިރަލް ވެފަ އެވެ. މިހާތަނަށް ހަތަރު މިލިއަނެއްހާ މީހުން ވަނީ ވީޑިއޯ ބަލައިފަ އެވެ.
"އަހަރެން ޔަގީންކުރަން ބޭނުންވީ މި އެއާޕޮޑް ނުގެއްލޭނެކަން، މީގެ ކުރިން އަހަރެންގެ ބުޅާ ވަނީ ބީޓްސް ބްލޫޓޫތު ހެޑްސެޓް ކާލާފައި. އަދި އެހެން ހެޑްސެޓްތައް ވެސް ކާލި،" ގެބްރިއެއްލާ ބަޒްފީޑަށް ބުނެފައިވެ އެވެ.
"އެއާޕޯޑް މި ގަތީ، ބުޅަލަށް މީގައި ހަފާނެ ނަރެއް ނޯންނާނެތީ. އެކަމަކު އަހަރެން ބޭނުންވީ މިއަށް އެއްޗެއް ގުޅައިގެން ވެސް މި ނުގެއްލޭނެކަން ކަށަވަރުކުރަން."
އޭނާ ބުނީ ކަންފަތުލާ އެއްޗަކާ އެއާޕޮޑް ގުޅުވާލައިގެން ހަދަން ގަޑިއެއްހާއިރު ހޭދަވި ކަމަށެވެ.
ކަންފަތުލާ އެއްޗަކާ އެއާޕޮޑް ވަކިކޮށްލެވޭ ގޮތަށް ހަދާފައި ވާއިރު، ވީޑިއޯ ވައިރަލްވެ މިހާރު އަންނަނީ މިގޮތަށް ހެޑްސެޓް ބަދަލުކޮށްދޭން ވެސް މީހުން އެދެމުންނެވެ. އެހެންވެ ގެބްރިއެއްލާ މިހާރު އަންނަނީ 20 ޑޮލަރަށް މީގެ އެއްޗެއް ހަދައިދެމުންނެވެ.