ތިޔަ ސުވާލު ކިތަންމެ ބަޔަކު އެޕަލް އަށް ފޮނުވައިފި އެވެ. ޖަވާބެއް ނުދެ އެވެ. ވާން އުޅޭ ގޮތެއް ވެސް ނުބުނެ އެވެ. އެކަމަކު ތިޔަ ވާހަކަ ފަލަ ސުރުޚީތަކުން ޖާގަ ނުހޯދާ ދުވަހެއް ނާދެ އެވެ.
އެޕަލް އިން އަދި އެއްޗެއް ނުބުންޏަސް، އަހަރެމެންނަށް ވެސް ޖަވާބެއް އެކުލަވާލެވިދާނެ އެވެ. މީހުން ދައްކާފައި ހުރި ވާހަކަތަކަށް ބަލައި، ގަބޫލުކުރަން ފަސޭހަ ގޮތެއް ކަނޑައެޅިދާނެ އެވެ.
އައިފޯން 7 ގައި 3.5އެމްއެމް ހެޑްފޯން ޖެކެއް ނުހުންނާނެ އެވެ. ލައިޓްނިން ހެޑްފޯނެއް ބޭނުންކުރަން ޖެހުމަކީ އެންމެ ގާތް ގޮތެކެވެ. ޔޫއެސްބީ ޓައިޕް-ސީ ކަނެކްޓަރެއްގެ ވާހަކަ ވެސް އެބަ ދައްކަ އެވެ. އެހެން ނަމަވެސް، އެންމެ އަޑު ގަދައީ ހުރިހާ ކަމަކަށް ވެސް ލައިޓްނިން ޕޯޓް ބޭނުންކުރެވޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގެ އެވެ. މާނަ އަކީ ހެޑްފޯނު ވާގަނޑު، ޗާޖިން ކޭބަލް އަދި ޑާޓާ ކޭބަލްގައި ވެސް ލައިޓްނިން ޖެކް ހުރުމެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ ބެޓެރީ ޗާޖްކުރުން، ޑާޓާ ޓްރާންސްފާ އަދި ހެޑްފޯން، އެންމެ ޕޯޓަކުން ފުއްދާނެ ގޮތަކީ ކޮބައި ތޯ އެވެ.
ތިޔައިން ކޮންމެ ސުވާލަކަށް ވެސް އަހަރެމެންގެ އަތުގައި ޖަވާބެއް އެބަ އޮތެވެ. އެކަމަކު އެޕަލް އިން ކަން ކުރާނެ ގޮތެއް ނޭނގެ އެވެ. ބޭނުންކުރާ މީހުންނަށް މުހިންމީ އެޕަލް އެވެ. އަހަރެމެންނެއް ނޫނެވެ.
އައިފޯނުގައި މިހާރު ހުރި 3.5އެމްއެމް ޕޯޓް (ހެޑްފޯން ޖެކް ޖަހާ ތަން) ދޫކޮށްލުމުގައި ފައިދާތަކެއް އެބަ ހުއްޓެވެ. އައިފޯނު އިތުރަށް ތުނިކުރުމަކީ އެޕަލް އެދޭ ކަމެއްކަން ކަށަވަރެވެ. އައިފޯންގެ ބެޓެރީ ގިނައިރު ހުންނާނެ ކޮންމެ ގޮތެެއް އެޕަލް ހަދާނެ އެވެ. އައިފޯނުގައި މިހާރު ބޭނުންކުރެވޭ ހެޑްފޯން ޖެކް، ލައިޓްނިން ޖެކަކަށް ބަދަލުކުރެވިއްޖެ ނަމަ، ފޯނު ތުނިކުރަން ފުރުސަތު ލިބުނީ އެވެ. ބެޓެރީ ބޮޑުކުރަން ވެސް ޖާގަ ތަނަވަސްވީ އެވެ.
އައިފޯނުގެ އޯޑިއޯ ފުރިހަމަކުރެވެން ހުރި ގޮތްތައް ކަނޑައަޅައި، ސައުންޑް އިންޖީނޭރުން އެތައް ތިއަރީއެއް ކަރުދާހުގައި ލިޔެފި އެވެ. ހަމަ ޔަގީނުން އެނގޭ ކަމަކީ 3.5އެމްއެމް ޖެކް ބޭނުންކުރާހާ ހިނދަކު އަޑު ރީތިކުރެވެން ނެތް ކަމެވެ.
އެޕަލުން ވަރަށް އަވަހަށް 96ކިލޯހާޓްޒް/ 24-ބިޓް އޯޑިއޯ ތަރާރުފުކުރާނެ އެވެ. އެ ހިސާބުން 3.5އެމްއެމް އެނަލޮގް ޖެކްގެ ބޭނުން ކެނޑުނީ އެވެ. އާ ޓެކޮނޮލޮޖީ ދަމަހަންޓަން އެދެވޭ ނަމަ އޮތް އެންމެ ފަސޭހަ ގޮތަކީ ލައިޓްނިން ކަނެކްޓަރަށް އަމަލީ ސިފަ ގެނައުމެވެ.
އެޕަލް އަކީ "ބްލޫޓޫތު ސްޕެޝަލް އިންޓަރެސްޓް ގްރޫޕް"ގެ ޕްރޮމޯޓާ މެމްބަރެކެވެ. އެއިން ދޭހަވަނީ އައިފޯން ހަތެއްގެ ހެޑްފޯން ބްލޫޓޫތު ހެޑްފޯނަކަށް ބަދަލުވުމަކީ ވެސް އޮތް ފުރުސަތެއް ކަމެވެ. އެޕަލް އަކީ އަބަދު ވެސް މުސްކުޅި ޓެކްނޮލޮޖީ އެއްފަރާތްކޮށް އާ ޓެކްނޮލޮޖީ ބޭނުންހިފާ ކުންފުންޏެކެވެ.
އެއް ޕޯޓަކުން ހުރިހާ ބޭނުމެއް ހިފާނެ ގޮތާ މެދު ސުވާލު އުފެދޭއިރު، ބެޓެރީ ޗާޖްކުރުން، ޑާޓާ ޓްރާންސްފާ އަދި ހެޑްފޯން ވެސް ވަޔަލެސް ޓެކްނޮލޮޖީ އަށް ބަދަލުވުމަކީ ވެސް އޮތް ފުރުސަތެކެވެ. ވަޔަލެސް ޓެކްނޮލޮޖީ އަށް މުޅި ސިނާއަތު ބަދަލު ވާއިރު، އަތް ނުފޯރާ ހިސާބު ފަހަތުގައި އޮތުން އެޕަލް އަށް ކެތްކުރެވޭ ކަމަކަށް ނުވާނެ އެވެ.
އެއް ޕޯޓަކުން ހުރިހާ ބޭނުމެއް ހިފޭ ގޮތަށް ބަދަލުވެގެން ދާއިރު އެއީ ބޭނުންކުރާ މީހުންނަށް ތަކުލީފަކަށް ވެގެން ނުވާނެ އެވެ. ހެޑްފޯން ބޭނުންކުރަމުން ޗާޖްކުރަން ޖެހިއްޖެ ނަމަ ވަކި ކޮންވާޓަރެއް ބޭނުންކުރަން ޖެހުމަކީ ބޮޑު ވެއްޓުމަކަށް ވާނެ އެވެ. އެޕަލުން އަބަދު ވެސް ކުޅެނީ އަމިއްލަ ސްޓައިލަކަށެވެ. އައިފޯން ހެޑްފޯން ޖެކް ބަދަލުކުރުން ނޫން ގޮތެއް ނެތިގެން އެކަން ކުރާ ނަމަ ވެސް މޮޅު އަދި އެހައި ފަސޭހަ ބަދަލަކަށް އެ ކަމެއް ވާނެ އެވެ.