އެޕަލްއިން އެންމެ ފަހުން ބާޒާރަށް ނެރުނު، އެ ކުންފުނީގެ ފުރަތަމަ ފަތްޖެހޭ ފޯނު "އައިފޯން ޑުއޯ" ގެ އެތެރޭ ސްކްރީން ވަރަށް ފަސޭހައިން ހަލާކުވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހުން ޝަކުވާކުރަމުން ދަނިކޮށް މިއީ އާންމު މައްސަލައެއް ނޫން ކަމަށާއި އެ މައްސަލަ ދިމާވި މަދު ފޯނުތަކަށް ބަދަލުގައި ފޯނު ދޭނެ ކަމަށް އެޕަލް އިން ބުނެފި އެވެ.
މިއީ ފަތްޖެހޭ ފޯނަށް މިކަން ދިމާވާކަން އެޕަލްއިން ކަށަވަރުކޮށްދިން ފުރަތަމަ ފަހަރެވެ.
އެޕަލްއިން ނެރުނު ބަޔާނެއްގައި ބުނީ، އައިފޯން ޑުއޯ ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން ސްކްރީނަށް އެއްވެސް މައްސަލައެއް ދިމާވެފައިވާ ނަމަ އެޕަލްކެއާ މެދުވެރިކޮށް ފޯނު ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. ނަމަވެސް، މި މައްސަލަ ދިމާވާން މެދުވެރިވި މައިގަނޑު ސަބަބާ ބެހޭގޮތުން އެޕަލްއިން ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.
މި މައްސަލަ ބޮޑުވެގެން ދިޔައީ، ބޮޑު އަގުގައި (ގާތްގަނޑަކަށް 2،000 ޑޮލަރަށް) ބާޒާރަށް ނެރުނު މި ފޯނު ގަތްތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެތެރޭ ސްކްރީން މެދުން ފެޅުމާއި، ކުލަ ފޭދި ސްކްރީނަށް ރޫތަކެއް އަދި ރޮނގުތަކެއް އަރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ޝަކުވާކުރަން ފެށުމުންނެވެ.
ކަސްޓަމަރުންގެ ރިޕޯޓްތަކަށް ބަލާއިރު، ފޯނު ހުޅުވާލާއިރު އާދަޔާ ހިލާފު އަޑެއް އިވުމާއި، ފޯނުގެ މެދުން ހުޅުވޭ ބައި (ހިންޖު) ކައިރިން ސްކްރީން ދަށުން ފިތި ބާރުވާކަން ފާހަގަކުރެވިފައިވެ އެވެ.
ފޯނުތައް މަރާމާތުކުރާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "އައިފިކްސްއިޓް" އިން ކުރި ޓެކްނިކަލް ތަހުލީލުތަކާއި ތްރީޑީ ސިމިއުލޭޝަންތަކުން ދައްކާ ގޮތުގައި، މި މައްސަލަ ދިމާވަނީ ފޯނު ހުޅުވާލާއިރު އެތެރޭގެ ސަޕޯޓް ބާ އެކަށީގެންވާ ގޮތެއްގައި ކެހިގެން ނުދިއުމުގެ ސަބަބުން ސްކްރީންގެ މެދަށް ބާރުބޮޑުވެގެންނެވެ. ނަމަވެސް، އައިފިކްސްއިޓުން ފާހަގަކުރި ގޮތުގައި މިފަދަ މައްސަލައެއް ދިމާވި ނަމަވެސް، އައިފޯން ޑުއޯއަކީ މިހާތަނަށް ބާޒާރަށް ނެރުނު ފަތްޖެހޭ ފޯނުތަކުގެ ތެރެއިން މަރާމާތުކުރަން އެންމެ ފަސޭހަ ފޯނެވެ.
މާކެޓް ރިސާޗް ކުރާ ކުންފުންޏެއް ކަމަށްވާ އައިޑީސީގެ ނައިބު ރައީސް ފްރެންސިސްކޯ ޖެރޮނިމޯ ބުނެފައިވަނީ، މައްސަލަ ދިމާވި ހިސާބުން އެޕަލްއިން އެކަމަށް އަވަސް ހައްލެއް ހޯދައިދީ ފޯނުތައް ބަދަލުކޮށްދޭން ނިންމި ނިންމުމަކީ ކުންފުނީގެ އިތުބާރު ހިފެހެއްޓުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. އޭނާ އަޅާކިއުއްވީ 2019 ވަނަ އަހަރު ސެމްސަންގުގެ ފުރަތަމަ 'ގެލެކްސީ ފޯލްޑް' ނެރުނުއިރު ދިމާވި މައްސަލަތަކާ އެވެ. ސެމްސަންގުން ވެސް އެފަހަރު އަވަސް ފިޔަވަޅުތަކެއް އަޅައި، މައްސަލަ ހައްލުކުރުމުން ފޯލްޑަބަލް ފޯނުތަކުގެ މާކެޓަށް ކުރާނެ ނޭދެވޭ އަސަރު ކުޑަކުރެވުނުކަން އޭނާ ފާހަގަކުރެއްވި އެވެ.