މިދިޔަ ހަފްތާގައި އިތުރު 20 މީހަކަށް ހިމަބިހި (މީސްލްސް) ޖެހި، އެ ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 186 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.
ރާއްޖެއިން ނައްތާލާފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ ހިމަބިހި ޖެހިފައިވާ މީހަކު މި ފަހުން ފުރަތަމަ ފެނުނީ މިދިޔަ މަހުގެ ކުރީކޮޅުގަ އެވެ.
އެޗްޕީއޭ އިން މިއަދު ބުނީ ހިމަބިހި ޖެހިފައިވާ 20 މީހަކު މިދިޔަ ހަފްތާގައި މާލޭ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ދިނުމުގެ ހާއްސަ ޕްރޮގްރާމެއް ވެސް އެޗްޕީއޭ އިން ފަށާފައިވާއިރު، މިހާތަނަށް 12،000 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެ އެޖެންސީން ބުންޏެވެ.
އެޗްޕީއޭ އިން ވަނީ ހިމަބިހީގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ މީހުން، ވެކްސިންދޭ މަރުކަޒަކަށް ގޮސްގެން ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވެއްޖެ ނަމަ، ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރަށް ދިޔުމުން ކޮންޓެކްޓުންނަށް ވެކްސިން ޖަހައިދޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އަތޮޅުތަކާއި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ވެސް ވަކި ވަގުތުތަކެއްގައި ވެކްސިން ޖެހުމުގެ ހިދުމަތްދޭނެ އެވެ.
ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގާފައިވާ ނަމަ ލަސްނުކޮށް ސިއްހީ އެހީ ހޯދުމަށް ހޮސްޕިޓަލަށް ދިއުމަށާއި އަދި ހޮސްޕިޓަލަށް ދާއިރު މާސްކް އަޅައިގެން ދިއުމަށް އެޗްޕީއޭ އިން އެދިފައިވެ އެވެ.
އަދި ހިމަބިއްސަށް ޝައްކުކުރެވިގެން ޓެސްޓް ހަދައިފިނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި އަދި ބަލީގެ އަލާމާތެއް ހުރި ނަމަ ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެ އެޖެންސީން އިލްތިމާސްކޮށްފައިވެ އެވެ.