މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ މާވެލްގެ ސްޕައިޑަމޭންގެ ހަތަރު ވަނަ ފިލްމު "ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ"އަށް ދެ ބިލިއަން ޑޮލަރުގެ ބޮޑު އާމްދަނީއެއް ލިބިއްޖެ އެވެ. 

ދުނިޔޭގެ ބޮކްސް އޮފީހުގައި ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދުމަކީ މަދު ފިލްމަކަށް ނޫނީ ހާސިލުކުރެވިފައިވާ ކާމިޔާބީއެއް ނޫނެވެ. މިފަދަ ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމުތަކަކީ ހޮލީވުޑްގެ އެންމެ މަގުބޫލު ފްރެންޗައިޒްތަކަށް ނިސްބަތްވާ ފިލްމުތަކެވެ.

"އެވެޓާ" އާއި "ޓައިޓޭނިކް" އާއި "އެވެންޖާސް: އެންޑްގޭމް" އަދި "ނެ ޒާ 2" އަކީ ދެ ބިލިއަން ޑޮލަރު ހޯދި ފިލްމުތަކެވެ. 

އެ ލިސްޓަށް އަލަށް އިތުރުވި ފިލްމަކީ ޓޮމް ހޮލަންޑް ލީޑު ރޯލު ކުޅެފައިވާ "ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ" އެވެ.

އެއާ އެކު، އެ ފިލްމު ވެފައި ވަނީ ދުނިޔޭގެ ބޮކްސް އޮފީހުގައި ދެ ބިލިއަން ޑޮލަރުގެ ރެކޯޑް ހެދި 8 ވަނަ ފިލްމަށެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، 225 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި "ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ" ސިނަމާތަކުގައި ދައްކަމުން އަންނަތާ ތިން ހަފުތާގެ ތެރޭގައި ވަނީ 2.02 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފަ އެވެ.

މިއީ "އެވެންޖާސް: އެންޑްގޭމް" އަށް ފަހު އެންމެ އަވަހަށް މި ރެކޯޑް ހެދި ފިލްމުގެ އިތުރުން ދެ ބިލިއަން ޑޮލަރު ހޯދި ފުރަތަމަ ސޯލޯ ސުޕަހީރޯ ފިލްމެވެ.

މިދިޔަ މަހު 31 ގައި ރިލީޒްކުރި "ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ" އަށް، ރިލީޒްކުރިތާ ހަފުތާއެއްގެ ތެރޭގައި ވަނީ އެއް ބިލިއަން ޑޮލަރު ލިބިފަ އެވެ. 

ޑެސްޓިން ޑެނިއަލް ކްރެޓަން ޑައިރެކްޓްކުރި މި ފިލްމުގެ މައިގަނޑު ރޯލުތައް ކުޅެފައި ވަނީ ހޮލަންޑުގެ އިތުރުން ޒެންޑާޔާ އަދި ސޭޑީ ސިންކް އެވެ.

ހޮލަންޑް ސްޕައިޑަމޭންގެ ރޯލު ކުޅުނު ދެވަނަ އަދި ތިންވަނަ ފިލްމަށް ވެސް ވަނީ އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ. އެއާ އެކު، "ސްޕައިޑަމޭން"ގެ ހަތަރު ފިލްމަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ ހަ ބިލިއަން ޑޮލަރާ ގާތްކޮށްފަ އެވެ.