ޖަމާލުއްދީން ސްކޫލް ކުރިން ހިންގި ބިމުގައި މާލޭ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު އަންގައިފި އެވެ. 

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދު ސޮއި ކުރައްވައި، މާލޭގެ މޭޔަރު އާދަމް އާޒިމަށް ފޮނުއްވި ސިޓީގައި ބުނީ އެ ބިން ހުސްކޮށް އޮންނާތީ އެ ބިމުގައި ނޭދެވޭ އަމަލުތައް ކުރަމުންދާ ފަރާތްތައް ގިނަވުމާއި ކުނި އަޅަމުންދާތީ އާންމުންގެ ކަންބޮޑުވުންތަކާ ގުޅިގެން، ވަށާފާރު ތިރިކޮށް ގޯތި ސާފުކޮށް ބެލެހެއްޓުމުގެ ހުއްދައަށް ކައުންސިލުން އެދުމުން ސެޕްޓެމްބަރު، 2024 ގައި އެ ހުއްދަ ދިން ކަމަށެވެ. 

ނަމަވެސް އެ ބިމުގައި ކައުންސިލުން މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓްރީއަށް ފާހަގަވެފައިވާ ކަމަށާއި އެއީ އެއްވެސް އިރެއްގައި ކައުންސިލުގެ ބޭނުމަށް ހަވާލުކޮށްފައިވާ ބިމެއް ނޫން ކަމަށް އެ ސިޓީގައިވެ އެވެ. 

މިނިސްޓްރީން ބުނީ އެއީ އަންޑަ ގްރައުންޑް ޕާކިން ފެސިލިޓީއަކާ އެކު ހިތް ފަސޭހަ މައިޒާނެއް ތަރައްގީކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ބިމެއް ކަމަށެވެ. އެ ބިމުގައި ސައިކަލުތަކަށް ހާއްސަކޮށް އަންޑާ ގްރައުންޑް ޕާކިން ފެސިލިޓީއަކާއި ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަ ޕާކެއް އަދި ޖެނަރަލް ޕްރެކްޓިޝަނާ (ޖީޕީ) ކްލިނިކެއް ތަރައްގީކުރަން ނިންމިކަން ފެބްރުއަރީ 2024 ގައި ރައީސް އޮފީހުން އެ މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ސިޓީގައިވެ އެވެ.

އެހެންވެ، އެ ބޭނުމާ އެއްގޮތަށް އެ ބިން ތަރައްގީކުރުމާ ގުޅޭގޮތުން ކުރިއަށް ގެންދަންޖެހޭ ކަންކަން އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށް ވެސް އެ ސިޓީގައި ބުންޏެވެ.

ބައު ޖަމާލުއްދީންގެ ބިމުން ބައެއްގައި އަންޑަގްރައުންޑް ޕާކިން ފެސިލިޓީ އަކާއި ހިތްފަސޭހަ މައިޒާނެއް ހެދުމުގެ ޕްލޭން އާންމުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހިމަނާފައިވާ އެތަން ހަދާނެ ގޮތުގެ ކުރެހުމެއް--- ފޮޓޯ: މާލެ ސިޓީ ކައުންސިލް
ބައު ޖަމާލުއްދީންގެ ބިމުން ބައެއްގައި އަންޑަގްރައުންޑް ޕާކިން ފެސިލިޓީ އަކާއި ހިތްފަސޭހަ މައިޒާނެއް ހެދުމުގެ ޕްލޭން އާންމުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހިމަނާފައިވާ އެތަން ހަދާނެ ގޮތުގެ ކުރެހުމެއް--- ފޮޓޯ: މާލެ ސިޓީ ކައުންސިލް

އެެހެންވެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް ސިޓީގައި އަންގާފައިވެ އެވެ. އަދި މީގެ ކުރިން ވެސް އެ ތަނުގައި ކައުންސިލުން މަސައްކަތްތަކެއް ކޮށްފައިވާތީ، އެއީ ކޮން މަސައްކަތްތަކެއްތޯ ސާފުކޮށްދޭން އޭރުގެ ޕްލޭނިން މިނިސްޓްރީން އެދުމުން އެކަމަށް ޖަވާބެއް ލިބިފައި ނުވާ ކަމަށް ސިޓީގައިވެ އެވެ. 

އެ ބިމުގައި ޖަމާލުއްދީން ސްކޫލު ހިންގުމަށްފަހު، ފަހުން ބޭނުން ކުރަމުން އައީ އިލެކްޝަން ކޮމިޝަން (އީސީ)ގެ އިންތިހާބީ މަރުކަޒެއްގެ ގޮތުގަ އެވެ. ނަމަވެސް ފަހުން ކުރީގެ ސަރުކާރުގައި އެ ބިމުން އެއްބައި ދިނީ އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށެވެ. އަދި އަނެއްބައި ދިނީ ޖަމާލުއްދީން ސްކޫލުގެ ޖާގަ އިތުރު ކުރުމަށެވެ.

ނަމަވެސް މި ސަރުކާރުން ނިންމީ ކުރީގެ ކުނިކޮށި ހުރި ބިންކަމުގައިވާ 381 ނަންބަރު ކޮށީގައި އަރަބިއްޔާގެ އާ އިމާރާތް އެޅުމަށެވެ.

ބާ ޖަމާލުއްދީންގެ ބިމާ ގުޅޭގޮތުން ކުރިން މޭޔަރު އާޒިމް ވެސް ވިދާޅުވެފައިވަނީ އެ ބިމުގައި އަޅަން ނިންމާފައިވަނީ އަންޑަ ގްރައުންޑް ޕާކިންއަކާއި ޕާކެއް ކަމަށެވެ. އޭރު މޭޔަރު ވިދާޅުވެފައިވަނީ އެ ތަން ހެދުމުގެ މަސައްކަތް ކުރަނީ ހައުސިން މިނިސްޓްރީއާ ގުޅިގެން ކަމަށެވެ. 

ކައުންސިލުން އޭރު ވަނީ އެ ތަން ހަދާނެ ގޮތުގެ ޕްލޭން ވެސް އާންމުކޮށްފަ އެވެ.