ހުޅުމާލޭ 2 އިން ނުއަގުގައި ބިމެއް ވިއްކި ކަމަށް ބުނެ ދައުރުކުރަމުން ދަނީ އިންސާފު ނުލިބި 23 އަހަރުވެފައިވާ މީހަކާ ގުޅޭ ލިޔެކިޔުންތަކެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެ އެވެ. 

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ހައުސިން މިނިސްޓްރީގެ އޮފީސް މެމޯއެއްގައިވާ ގޮތުން ހުޅުމާލެއިން 1،250 އަކަފޫޓުގެ ބިމެއް، އަކަފޫޓަކަށް 375ރ. ގެ ރޭޓުން ވަނީ ވިއްކައިފަ އެވެ. އެ ބިމުގެ ޖުމްލަ އަގަކީ 468,750ރ. އެވެ. 

އެޑްވާންސަށް 50،000ރ. ދެއްކުމަށް ފަހު ބާކީ ބައި ފަސް އަހަރުތެރޭ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ވެސް އެ މެމޯގައިވެ އެވެ.

އެ މެމޯ އާންމުވުމާ އެކު، ބިން ލިބުނު ފަރާތާއި ސަރުކާރަށް ގިނަ ބަޔަކު ފާޑުކިޔަމުން ދަނިކޮށް މިނިސްޓަރު މުއްތަލިބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފައިސާ ދެއްކުމާ ގުޅޭ އޮފީސް މެމޯއެއް ދައުރުކޮށް އޭގެ މާނަކުރަމުންދަނީ "އެންމެ ގޯސް ގޮތުގައި" ކަމަށެވެ. 

"... އެކަމާ ގުޅުވައި، ކުށެއް ނެތް މުވައްޒަފެއްގެ އިތުރުން، އިންސާފު ނުލިބި، އެކަމަށް ވަކާލަތުކުރަމުން އަންނަތާ 23 އަހަރު ހޭދަކޮށްފައިވާ  އުމުރުން ދުވަސްވީ މީހަކަށް ވެސް ގެއްލުންވަމުން އެބަދެއެވެ."  މުއްތަލިބު ވިދާޅުވި އެވެ. 


 

އާންމުވެފައިވާ މެމޯގައިވާ ގޮތުން ހައުސިން މިނިސްޓްރީން ވަނީ އެ ބިމަށް ފައިސާ ދެއްކުމަށް ޕޭމަންޓް ޝެޑިއުލެއް ހަދައިފަ އެވެ. 

މިނިސްޓަރު ވިދާޅުވީ އެ ބިން ވިއްކުމާ ގުޅޭ ގޮތުން ތަފްސީލްތަކާ އެކު މާދަމާ ބަޔާނެއް ނެރޭނެ ކަމަށެވެ.