ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ހުންނަ، އެ ގައުމުގެ ގައުމީ ތެޔޮ ކުންފުނި (އަރަމްކޯ) ގެ އިދާރީ އިމާރާތަކަށް އަމާޒުކޮށް މިއަދު ނުރައްކާތެރި ހަމަލާއެއް ދޭން މަސައްކަތް ކޮށްފި އެވެ.
ސައޫދީގެ އެނާޖީ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ރިޔާޟްގައި ހުންނަ އަރަމްކޯގެ އިދާރީ އިމާރާތަކަށް މިއަދު ހަމަލާއެއް ދޭން އުޅުނު ނަމަވެސް، އެ ހަމަލާ ނާކާމިޔާބު ކޮށްލާފައިވާ ކަމަށެވެ. އަދި ހަމަލާގައި ބޭނުންކުރި މިސައިލް ވައްޓާލުމުގެ ތެރޭގައި ބުރައިގެން ދިޔަ ބައިތަކުގެ ސަބަބުން އިމާރާތަށް ކުދިކުދި ގެއްލުންތައް ވެފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ފުރާނައަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ސައޫދީ ސަރުކާރުން ކަށަވަރުކޮށްދެ އެވެ.
ނަމަވެސް، ހާދިސާ ހިނގި ސަރަހައްދުގައި ތިބި ގިނަ ބައެއް މީހުން އޭއެފްޕީއަށް ކިޔައިދިން ގޮތުގައި، ރިޔާޟްގެ މަޝްހޫރު ކިންގް އަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓް (ކޭއޭއެފްޑީ) ގައި ހުންނަ އަރަމްކޯގެ ޓަވަރަށް ވަނީ ސީދާ ހަމަލާ އަމާޒުވެފަ އެވެ.
"ކޭއޭއެފްޑީ ގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާ އަމާޒުވިކަން އެއީ ޔަގީން ކަމެއް،" ހާދިސާ ދުށް މީހަކު ބުންޏެވެ.
އެހެން ބައެއް މީހުން ވެސް ވަނީ އިމާރާތުގެ މަތީ ފަންގިފިލާތަކުގެ ބިއްލޫރިތައް ތަޅައިގެން ގޮސް، ޓަވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
މި ހަމަލާގެ ޒިންމާ ޔަމަނުގެ ހޫތީން މިހާރު ވަނީ އުފުލައިފަ އެވެ. ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީ ވިދާޅުވީ، ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ސައޫދީގެ އެކި ސަރަހައްދުތަކަށް ހަ ހަމަލާއެއް މިއަދު ފޮނުވާލާފައިވާނެ ކަމަށެވެ. މީގެ ތެރޭގައި ރިޔާޟްގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރާއި، ޚުރައިސްގައި ހުންނަ އަރަމްކޯގެ ފެސިލިޓީއެއްގެ އިތުރުން ޕަމްޕިން ސްޓޭޝަނަކަށް ދިން ހަމަލާތައް ހިމެނެ އެވެ.
ސައޫދީ ކޯލިޝަނުގެ ތަރުޖަމާނު ތުރްކީ އަލް މާލިކީ މިއަދު ހެނދުނު ވިދާޅުވީ، ހޫތީ ހަނގުރާމަވެރިން ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ދެ ބެލިސްޓިކް މިސައިލް ވައިގެ ދިފާއީ ނިޒާމުން ކާމިޔާބުކަމާ އެކު ވައްޓާލާފައިވާ ކަމަށެވެ. މި ހަމަލާތަކާ އެކު ސައޫދީގެ ވެރިރަށަށް ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވުނެވެ. މި ހަމަލާ ދީފައިވަނީ، ހޫތީންގެ ކުރީގެ ހަމަލާތަކާ ގުޅިގެން ރިޔާޟްގެ ސްކޫލްތަކުގައި އޮންލައިންކޮށް ކިޔަވައިދިނުމަށް ފަހު، އަލުން އަނބުރާ ކްލާސްތަކަށް ދަރިވަރުން ހާޒިރުވެގެން ކިޔަވައިދޭން ފަށާނެކަން ސައޫދީ އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކުރިތާ ގަޑިއިރުތަކެއްގެ ތެރޭގަ އެވެ.