ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާއިގެ ބައި އިލެކްޝަނަށްގައި ހުޅުމާލޭގައި ފޮއްޓެއް ބަހައްޓައިދޭން އެމްޑީޕީން އެދިއްޖެ އެވެ.

އެ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ ހަވަނަ ދުވަހު އެވެ.

އެމްޑީޕީން އީސީގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހު ރަޝީދަށް ފޮނުވި ސިޓީއެއްގައި ބުނީ  ބައި-އިލެކްޝަންގައި ހުޅުމާލެ 1 އަދި 2ގައި ވެސް ވޯޓު ލުމަށް ފޮއްޓެއް ބަހައްޓާ ގޮތަށް ނެތް ކަމަށެވެ.

ނަމަވެސް މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެ ދާއިރާއަށް ނިސްބަތްވާ 300 އެއްހާ މީހުން ހުޅުމާލެއަށް ވޯޓުލާން ރީ-ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ. އެ އެންމެ އަލުން ވޯޓު ލުމަށް ރީ-ރަޖިސްޓާ ކުރުމަކީ އެ މީހުންނަށް ތަކުލީފަކަށް ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެހެންވެ އެ ޕާޓީން ވަނީ ޕާޓީ ކެންޑިޑޭޓުންގެ އިންތިހާބީ ހައްގަށް އުނިކަން ނާންނާނެ ގޮތަށް، ހުޅުމާލޭގައި ފޮއްޓެއް ބަހައްޓައިދިނުމަށް އީސީގައި އެދިފަ އެވެ.


ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މެމްބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ މަހު ހުކުމް ކުރުމާ އެކު، އެމްޑީޕީން އާއި ޕީއެންސީން ވެސް ވަނީ އެ ގޮނޑިއަށް ވާދަކުރާނެ ކެންޑިޑޭޓުން ހޯދަން އިއުލާންކޮށްފަ އެވެ.  ބައި އިލެކްޝަނަށް ކުރިމަތިލާން ދިން މުއްދަތު ހަމަވިއިރު ކުރިމަތިލީ ދެ ކެންޑިޑޭޓުންނެވެ. އެއީ އެމްޑީޕީގެ ފަރާތުން އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އެވެ.

ބައި-އިލެކްޝަނަށް އެމްޑީޕީގެ ޓިކެޓުގައި އިތުރު ބޭފުޅަކު ކުރިމަތިލާފައި ނުވާތީ އެ ޓިކެޓު ދިނީ ސޯބެއަށެވެ. 

ސައީދާ ވާދަކޮށް، ޕީއެންސީގެ ހިތަދޫ އުތުރު ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި އެ ދާއިރާގެ ކުރީގެ މެމްބަރު ސިނާން ޓިކެޓު ދޫކޮށްލެއްވުމުން، އެ ފުރުސަތު ސައީދަށް ދޭން އެ ޕާޓީން ނިންމީ އެވެ. 

ސިނާންގެ ގޮނޑި ގެއްލުނީ އިތުރު މީހަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޯބަރު 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި މައްސަލައިގަ އެވެ.