ކޮންމެ އަހަރެއްގެ ވެސް ސްކޫލްތަކުގެ މިޑްޓާމް ޗުއްޓީގައި ތައިލެންޑުގެ ބެންކޮކަށް ދަތުރުކުރާ ދިވެހި އާއިލާތައް ގިނަވެ، ދަތުރުތަކަށް ޑިމާންޑު ބޮޑުވާތީ ގައުމީ އެއާލައިން މޯލްޑިިވިިއަން އިން މި ފަހަރު ވެސް ހާއްސަ ދަތުރުތަކެއް ކުރަން ނިންމައިފި އެވެ.

މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި ކުރިއަށް އޮތް މިޑްޓާމް ޗުއްޓީއާ ދިމާކޮށް، ކުރާ ހާއްސަ ދަތުރުތައް ބާއްވާނީ އަންނަ ޖުލައި 12 އިން ފެށިގެން އޮގަސްޓް ދެވަނަ ދުވަހާ ހަމައަށް ކޮންމެ އާދީއްތަ ދުވަހެއްގަ އެވެ. އެއީ ޖުަލައި 12، 19 ،26 އަދި އޮގަސްޓް ދެވަނަ ދުވަހު އެވެ. 

ބެގޭޖުގެ ގޮތުގައި ކޮންމެ މީހަކަށް 25 ކިލޯގެ އެލަވަންސް ލިބޭ އެ ދަތުރުތަކުގެ އަގު ކަނޑައަޅާނީ ޗުއްޓީ ދަތުރުތައް ކުރާ ދިވެހިންނަށް އަތްފޯރާ ގޮތަކަށް ކަމަށާއި އޭގެ އިތުރުން ސްޕެޝަލް ފެއާތައް ތައާރަފު ކުރާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި، ސްކޫލް ބަންދު ދުވަސްވަރު ކުރާ ދަތުރުތަކުގައި ފްލައިޓްތައް ފުރާ ވަގުތުތަކަކީ ވެސް އާއިލާތަކަށް ފަސޭހަ ގަޑިތަކަކަށް ވާނެ އެވެ. ރާއްޖޭން ހެދުނު 11:00 ގައި ފުރާއިރު ބެންކޮކުން އެނބުރި އަންނާނީ އިރުއޮއްސި 6:40 ގަ އެވެ. 

މޯލްޑިވިއަން އިން ބުނި ގޮތުގައި ޗުއްޓީއާ ދިމާކޮށް ކުރާ މި ދަތުރުތަކުން ދައްކައިދެނީ ޕަސިންޖަރުންގެ ޑިމާންޑަށް ކޭޓާ ކުރަން އެ އެއާލައިނުން ދޭ ސަމާލުކަމެވެ. 

ބެންކޮކަށް ކުރާ ދަތުރުތަކުގެ އިތުރުން މޯލްޑިވިއަން އިން ވަނީ ޗައިނާގެ ބެއިޖިން އާއި ޝެންގްޑޫ އަށް ކުރާ ދަތުރުތަކާ އެކު، ބައިނަލް އަގުވާމީ ނެޓްވޯކް އިތުރަށް ވަރުގަދަ ކޮށްފަ އެވެ.