އަވަސް އޮންލައިންގެ ސީއީއޯގެ މަގާމުން އިބްރާހިމް އުމަރު މަނިކު އިސްތިއުފާ ދެއްވައިފި އެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ޗެނަލް 13 ގެ ޗެއާމަން ކަމުގައި ވެސް ހުންނެވި މަނިކު އަވަސްގެ ސީއީއޯ ކަމުން އިސްތިއުފާ ދެއްވީ، އެނގިފައިވާ ގޮތުން އިއްޔެގެ ވަގުތެއްގަ އެވެ.
މަނިކު އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި ފޮނުއްވި ލިޔުމެއްގައި ވަނީ އަވަސް ނޫހުގައި ހިދުމަތް ކުރެއްވުމުގެ ފުރުސަތު ލިބުނު ކަމަށްޓަކައި ޝުކުރު ދަންނަވައިފަ އެވެ. އަދި މިވަގުތު މަގާމުގައި ހުންނަވަން ބޭނުން ނުވާ ކަމަށް ވެސް މަނިކު ވިދާޅުވެފައިވެ އެވެ.
ނަމަވެސް މަނިކު މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ވަނީ އެނގޭ ގޮތް ނުވެފަ އެވެ. އަދި އޭނާގެ ފޯނަށް ޖަވާބު ނުދެއްވާތީ މަނިކުގެ ބަހެއް ވެސް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
މަނިކު ވަނީ އަހަރަކަށްވުރެ ގިނަ ދުވަސް ވަންދެން އަވަސްގައި މަސައްކަތް ކުރައްވައިފަ އެވެ. އޭނާ އަވަސް އޮންލައިނާ ގުޅިވަޑައިގަތީ 2015 ގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
އަވަސް ނޫހުގެ މައި ހިއްސާދާރަކީ މައްޗަންގޯޅީ ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ސިނާންގެ ގާތް މީހެއް ކަމަށްވެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލިހަށް ހުށަހެޅީ ސިނާންގެ ސޮޔާ ވެސް އެކުގަ އެވެ.